ކްރިއޭޓިވް އާޓްސް ފޮތް ނުދެނީ އެއީ އަމަލީ މާއްދާއަކަށް ވުމުން: މިނިސްޓްރީ

އޮގަސްޓް 10، 2021: އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގުރޭޑް އެކެއްގެ ދަރިވަރުންނަށް ކްރިއޭޓިވް އާޓްސް މާއްދާ ކިޔަވައި ދިނުމަށް ޓެކްސްޓް ފޮތެއް ނުދެނީ އެއީ އަމަލީ ގޮތުން ދަރިވަރުން ހާސިލްކުރަން ޖެހޭ ހުނަރުތައް އެކުލެވޭ މާއްދާއަކަށްވުމުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ކްރިއޭޓިވް އާޓްސް ގެ ރެފަރަންސް ފޮތްތަކާ ގުޅޭގޮތުން އެެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ކްރިއޭޓިވް އާޓްސް އަކީ ފަންނީ މާއްދާއެއް ކަމަށެވެ. އެހެންކަމުން އެ ކުދިންގެ އަތަށް އެ މާއްދާގެ ޓެކްސްޓް ފޮތް ދޫ ނުކުރާނެ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ ކްރިއޭޓިވް އާޓްސް ކިޔަވައި ދިނުމަށް ބޭނުންކުރާނީ މުދައްރިސުންގެ ފޮތަކާއި، ދަރިވަރުންނަށް ކުރެހުންތަކުގެ ނަމޫނާ ދެއްކުމަށް ބޭނުންކުރާ ރިފަރެންސް ފޮތްތައް ކަމަށެވެ. އަދި ރިފަރެންސް ފޮތަކީ އާންމު ޓެކްސްޓް ފޮތްތަކުގެ ސައިޒަށްވުރެ ބޮޑު ފޮތެއްކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

"މި ފޮތް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ފަސް ދަރިވަރުންގެ ގުރޫޕުތަކުގަ. ކްރިއޭޓިވް އާޓްސްގެ މާއްދާ ގުރޭޑް އެކެއްގެ ދަރިވަރުންނަށް ކިޔަވައިދިނުމުގައި ދަރިވަރުންގެ ފޮތެއް ނޯންނާނެ،" މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

މިނިސްޓްރީން އިތުރަށް ބުނީ ކުރިޔަށް އޮތް ދިރާސީ އަހަރުތަކުގައިވެސް ގްރޭޑް އެކެއްގެ ދަރިވަރުންނަށް އެ މާއްދާގެ ޓްކެސްޓު ފޮތް ނުދޭނެކަމަށެވެ.

ކްރިއޭޓިވް އާޓްސް ޓެކްސްޓު ފޮތުގެ މައްސަލައިގައި ގިނަ އަދަަދެއްގެ ބެލެނިވެރިންގެ ކަންބޮޑުވުމާއި ފާޑުކިޔުން މިނިސްޓްރީއަަށް ވަނީ އަމާޒުވެފައެވެ.

comment ކޮމެންޓް