މެންޗެސްޓާ ޔުނައިޓެޑުގެ ވިންގާ، ޑެނިއަލް ޖޭމްސް ލީޑް ޔުނައިޓެޑަށް ބަދަލުވާން އެއްބަސްވެއްޖެއެވެ.
މިއަދުގެ ވަގުތެއްގައި ޖޭމްސް މެޑިކަލް ނިންމުމަށް ފަހު ވޭލްސްގެ ގައުމީ ޓީމުން ފިންލެންޑާ ވާދަކުރާ މެޗަށް ގައުމީ ސްކޮޑާ ގުޅޭނެއެވެ.
ތޭވީސް އަހަރުގެ ޖޭމްސް ވަނީ މިސީޒަނުގައި މިހާތަނަށް ޔުނައިޓެޑަށް ދެމެޗު ކުޅެފައެވެ. ނަމަވެސް ކްރިސްޓިއާނޯ ރޮނާލްޑޯ ޔުނައިޓެޑާ ގުޅުމާއެކު ޖޭމްސްއަށް ފުރަތަމަ 11އިން ފުރުސަތު ލިބޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ.
2019 ވަނަ އަހަރު ޖޭމްސް ޔުނައިޓެޑާ ގުޅުމުގެ ކުރިން ލީޑްއިން ވަނީ އޭނާގެ ސޮއި ހޯދުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް ފަހު ވަގުތު ޔުނައިޓެޑުން ޖޭމްސްގެ ސޮއި ހޯދީއެވެ.
ލީޑްސްއަށް ޖޭމްސް ބަދަލުވުމާއެކު އޭނާ ވެގެން ދާނީ އެކްލަބުގެ ރެކޯޑް ޓްރާންސްފާއަކަށެވެ. މީގެ ކުރިން ލީޑްސްއިން އެންމެ ބޮޑު އަގަކަށް ގަނެފައިވަނީ ފޯވާޑް ރޮޑްރީގޯއެވެ. ސްޕެއިންގެ ވެލެންސިއާއިން ރޮޑްރީގޯ ގަނެފައިވަނީ 24 މިލިއަން ޕައުންޑުގެ އަގަކަށެވެ.
ޔުނައިޓެޑުން އަންނަނީ އެޓީމުގެ އެޓޭކިން ލައިނުން ކުޅުންތެރިންތަކެއް ވިއްކާލުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ޖެސީ ލިންގާޑް ވިއްކާލުމަށްވެސް ޔުނައިޓެޑުން ތައްޔާރު ކަމަށް ރިޕޯޓްތައް ބުނެއެވެ.
މިއަހަރުގެ ޕްރިމިއާ ލީގު ސީޒަނަށް ބޮޑެތި ހޭދަތަކެއް ކޮށްފައިވާ ޔުނައިޓެޑުން މިހާރު ބޭނުން ވަނީ ކުޅުންތެރިންތަކެއް ވިއްކާލުމަށް ފަހު ޓްރާންސްފާ ބާޒާރު ބަންދުވުމުގެ ކުރިން ޑިފެންސިވް މިޑްފީލްޑަރެއް ގަތުމަށެވެ.