އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފައިބައި ނިމިއްޖެ

އެމެރިކާ ސިފައިންގެ ސެންޓްރަލް ކޮމާންޑްގެ ވެރިޔާ ޖެނެރަލް ކެނެތު މެކަންޒީ -- ފޮޓޯ: ޑީއޯޑީ

ވޮޝިންޓަން ( އޮގަސްޓް 31 ) : އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބުމުގެ ކަންތައް ފުރިހަމައަށް ނިންމައިފިކަން އެމެރިކާގެ ދިފާއީ ވުޒާރާ (ޕެންޓަގަން) އިން ރަސްމީކޮށް އިއުލާން ކޮށްފިއެވެ.

މިކަން އިއުލާން ކުރެއްވީ އެމެރިކާ ސިފައިންގެ ސެންޓްރަލް ކޮމާންޑްގެ ވެރިޔާ ޖެނެރަލް ކެނެތު މެކަންޒީ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މެކަންޒީ ވިދާޅުވީ އެމެރިކާ ސިފައިން އަފްޣާނިސްތާނުން އެއްކޮށް ފައިބައިފި ކަމަށާ އެމެރިކާ ސިފައިންގެ އެކަކުވެސް މިހާރު އަފްޣާނިސްތާނުގައި ނުހުންނާނެ ކަމުގައެވެ.

އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބުމަކީ 20 އަހަރުވަންދެން އެމެރިކާ ސިފައިން އަފްޣާނިސްތާނުގައި ކުރި ހަނގުރާމަ ނިމުންކަމަށްވެސް މެކަންޒީ ވިދާޅުވިއެވެ. އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފާބައި ނިމުނު ނަމަވެސް އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ އާންމުންގެ ތެރެއިން އަފްޣާނިސްތާނުން ފައިބަން ބޭނުންވާ މީހުން އެގައުމުން ބޭލުމުގެ ކަންތައް ޑިޕްލޮމަސީ މެދުވެރިކޮށް ކުރިޔަށްގެންދާނެކަމަށް މެކެންޒީ ވިދާޅުވިއެވެ.

އެމެރިކާ ސިފައިންނާއި އެމެރިކާއަށް ވާގިވެރިވުމުގެ ގޮތުން އަފްޣާނިސްތާނަށް އެރި ނޭޓޯގެ ގައުމުތަކުގެ ސިފައިންވެސް ފޭބީ އަފްޣާނިސްތާނުގެ އެންމެ ބޮޑު ހަނގުރާމަވެރި ޖަމާއަތްކަމަށްވާ ތާލިބާން ޖަމާއަތާއެކު އެމެރިކާ ސަރުކާރުން ސޮއިކުރި ސުލްހައިގެ އެއްބަސްވުމުގެ ދަށުންނެވެ. މިއެއްބަސްވުމުގެ ދަށުން އެމެރިކާ ސިފައިންނާއި ނޭޓޯގެ ސިފައިން އަފްޣާނިސްތާނުން ފޭބުމުގެ ސުންގަނޑިއެއްގެ ގޮތުގައި އެމެރިކާއިން ކަނޑައަޅާފައިވަނީ މިއަދެވެ.

އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބިކަން ޕެންޓަގަންއިން އިއުލާންކުރީ ރޭގެ ވަގުތެއްގައެވެ.

ދެހާސްއެއް ވަނަ އަހަރު އަފްޣާނިސްތާނަށް ގަދަބާރުން އަރައިގަތް އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބީ ތާލިބާން ޖަމާއަތް ބަލިކޮށް އެޖަމާއަތް ނައްތާލުމަށް 20 އަހަރުވަންދެން އެމެރިކާއިން ކުރި މަސައްކަތް ނާކާމިޔާބުވުމާ ގުޅިގެންނާއި އަފްޣާނިސްތާނުގައި ދިގުމުއްދަތަކަށް ތިބުމަކީ ޚަރަދު ބޮޑުކަމެއްކަމަށްވާތީއެވެ.

އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބުމުގެ ކަންތައް ނިމުމާ ގުޅިގެން ދެއްވި ބަޔާނެއްގައި އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކަން ވިދާޅުވީ އެމެރިކާ ސިފައިން އަފްޣާނިސްތާނުގައި ކުރި ދިގުލީ ހަނގުރާމައަކީ އެމެރިކާ ސިފައިންގެ ތާރީޚުގައިވެސް ދިގުމުއްދަތަކަށް ތަހައްމަލް ކުރަންޖެހުނު އެންމެ އުނދަނގޫ ހަނގުރާމަ ކަމުގައެވެ. އަދި އެއީ މުޅި އެމެރިކާއަށްވެސް ކުރިމަތިވި އެންމެ ދަތި އަދި ހައްސާސް އެއް މަރުހަލާކަން ބްލިންކެން ފާހަގަ ކުރެއްވިއެވެ.

އެމެރިކާގެ މަދަދު ލިބިގެން ހިންގަމުން ގެންދިޔަ އަފްޣާން ސަރުކާރު ވަނީ މިމަހުގެ 15 ވަނަ ދުވަހު ތާލިބާނުން އެގައުމުގެ ވެރިރަށް ކާބުލްއަށް އެރުމާއެކު ވެއްޓިފައެވެ. އަފްޣާން ސަރުކާރަކީ އެމެރިކާއިން އަފްޣާނިސްތާނުގައި އުފެއްދި ވެރިކަމުގެ ނިޒާމުގެ ތެރެއިން އުފެދުނު ސަރުކާރެކެވެ. އެމެރިކާ އެތައް ސަތޭކަ ބިލިޔަން ޑޮލަރެއް ޚަރަދުކޮށްގެން ބިނާކުރި އަފްޣާން ސިފައިންގެ ލަޝްކަރުތައްވެސް ތާލިބާނުން ކާބުލްއަށް އެރުމާއެކުވަނީ ރޫޅިގެން ގޮސްފައެވެ.

އެމެރިކާ ސިފައިންނަށް އަފްޣާނިސްތާނުގައި ކުރިމަތިވި މި ނާކާމިޔާބީތަކާއެކު އަފްޣާނިސްތާނުގައި އެމެރިކާ ބިނާކުރި ނިޒާމު ރޫޅިގެން ދިޔުމަކީ ޖިއޮޕޮލިޓިކަލް ގޮތުންނާއި ޖިއޮ ސްޓްރެޓީޖިކް ގޮތުން ދުނިޔޭގެ މަސްރަހުގައި އެމެރިކާގެ ބާރާއި ނުފޫޒަށް ބޮޑެތި ލޮޅުންތަކެއް އަރާނެކަމެއްކަމަށް މުހައްލިލުން ދެކެވަޑައިގަންނަވައެވެ.

comment ކޮމެންޓް