ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް މަނީ ލޯނަޑަރިންގެ މައްސަލައިގައި ހުކުމް އިއްވުމަށް ނުފޫޒު ފޯރުވިކަމަށް ދޭހަވާ ގޮތަށް ފަނޑިޔާރުންތަކެއް ދައްކާފައިވާ ވާހަކަތަކެއްގެ ލީކުވެފައިވާ އޯޑިއޯތަކަށް އޯޑިއޯ ލީކުވި އެންމެހާ ފަނޑިޔާރުން އިންކާރުކޮށްފިއެވެ.
މިހާތަނަށް މި މައްސަލައިގައި ރައީސް ޔާމީނަށް ހުކުމްކުރި ބެންޗުގައި ހިމެނޭ ތިން ފަނޑިޔާރެއްްގެ އޯޑިއޯ ވަނީ ލީކުވެފައެވެ.
ރައީސް ޔާމީނަށް ކުރިމިނަލް ކޯޓުން ހުކުމް އިއްވި ބެންޗުގައި ހިމެނިވަޑައިގެންފައިވާ ފަސް ފަނޑިޔާރުންގެ ތެރެއިން ލީކުވެފައިވަނީ ގާޒީ ހުސައިން ފާއިޒު ރަޝާދުގެ އޯޑިއޯއަކާއި، ގާޒީ އަލީ އާދަމްގެ އޯޑިއޯއަކާއި އަދި ގާޒީ މުހައްމަދު ސަމީރުގެ އޯޑިއޯއެކެވެ.
އެގޮތުން ގާޒީ ފާއިޒުގެ އޯޑިއޯ "ސަން"އަށް ވަނީ ލިބިފައެވެ. އެ އޯޑިއޯގައި ކްރިމިނަލް ކޯޓުން ހުކުމް ކުރީ ގާޒީން "ރަހީނުކޮށްގެން" ކަމަށް ވިދާޅުވާ އަޑު އިވިގެންދެއެވެ.
އެ ރިކޯޑިންގައި އަޑުއިވެނީ ފާއިޒުއާއި އޭނާގެ ރަހުމަތްތެރިއަކާ ދެމެދު ދެކެވުނު ވާހަކައެކެވެ.
ރަހުމަތްތެރިޔާއާއި ވާހަކަ ދައްކަމުން ފާއިޒް ވިދާޅުވެފައިވަނީ ރަހީނު ކުރެވޭނެ ބައިވަރު ގޮތްތައް ހުންނާނެ ކަމަށެވެ. އޭނާ ރަހީނު ނުކުރި ނަމަވެސް އޭނާގެ އަނބިމީހާ ނުވަތަ ގާތްމީހަކު ރަހީނުކޮށްގެން ވެސް އަމަލެއް ހިންގިދާނެކަމަށް އެ ރިކޯޑިންގައި އޭނާ ވިދާޅުވެފައިވެއެވެ.
ހަމައެއާއެކު ގާޒީ އަލީ އާދަމާއި، ގާޒީ މުހައްމަދު ސަމީރުގެ އަޑުކަމަަށް ބެލެވޭ އޯޑިއޯތަކެއް ވެސް އިއްޔެ ވަނީ ލީކުވެފައެވެ.
މި އޯޑިއޯތަކުގައި ހިމެނެނީ އެ ފަނޑިޔާރުންގެ އަޑުކަމަށް ތިން ފަނޑިޔާރުންވެސް އިންކާރުކުރައްވާފައިވާއިރު މިހާރު މި ފަނޑިޔާރުން ވަނީ ފުލުހުންނަށް އޯޑިއޯ ސާމްޕަލުތައް ދިނުމަށްވެސް އެއްބަސްވެފައެވެ.
ހަމައެއާއެކު އޯޑިއޯތައް ދައުރުވުމާ ގުޅިގެން ޖޭއެސްސީން ވެސް ވަނީ މި މައްސަލަ ބަލާނެކަމަށް ބުނެފައެވެ.
އެގޮތުން ފަނޑިޔާރުންގެ މިނިވަންކަމަށް ހުރަސް އެޅޭ ފަދަ ގޮތަކަށް އެއްވެސް ފަރާތަކުން ނުފޫޒު ފޯރުވާނަމަ އެ މައްސަލައެއް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެކަމަސް ވަނީ ބުނެފައެވެ.
އިއްޔެ ލީކުވި އޯޑިއޯތަކާ ގުޅިގެން އެންމެ ބޮޑު ކަންބޮޑުވުމެއް ފާޅުކޮށްފައިވަނީ އިދިކޮޅު ޕީޕީއެމުންނެވެ. އެގޮތުން އެ ކޯލިޝަނުގެ އިސްވެރިން ވަނީ އެ އޯޑިއޯތަކާއެކު ރައީސް ޔާމީނަސް ކުތި ހުކުމަކީ ނުހައްގުން ކުރި ހުކުމެއްކަން ޔަގީންވެގެން ގޮސްފައިވާކަމަަށެވެ.