ކ. ރަސްފަރީ ފަރަށް އަރާފައިވާ އާގުބޯޓު މިއަދު މެންދުރު ފުންކޮށްފިއެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ފަރަށް އަރާފައިވާ އާގު ބޯޓު ފުންކުރުމުގެ މަސައްކަތް އެ ހާދިސާ ހިނގުމާއެކު ފަށާފައިވާކަމަށެވެ.
"މިހާތަނަށް ބެލި ބެލުމުން އުޅަނދުން ތިމާވެއްޓަށް ގެއްލުންވާނެ ފަދަ އެއްވެސް އެއްޗެއް ބޭރުވެފައެއް ނުވެއެވެ. އަދި ބޯޓު ފަރަށް އެރުމުގެ ސަބަބުން ތިމާވެއްޓަށް ލިބިފައިވާ ގެއްލުންތައް ދެނެގަތުމަށްޓަކައި އެންވަޔަރަމަންޓް ޕްރޮޓެކްްޝަން އެޖެންސީއާއި ކޯސްޓް ގާޑުން ވަރަށް އަވަހަށް މަސައްކަތް ފަށާނެ ވާހަކަވެސް ދެންނެވީމެވެ،" އެ އޮތޯރިޓީގެ ބަޔާނުގައި ބުންޏެވެ.
މިދިޔަ ހަފްތާތެރޭ ފަރަށް އެރި ޕެނަމާގެ އެ އާގުބޯޓަށް ރާއްޖެއިން ފުރުމުގެ ހުއްދަ ލިބޭނީ 100 މިލިއަން ރުފިޔާގެ ޑިޕޮސިޓެއް ބަހައްޓާފައިކަމަށް އެންވާރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީން މީގެ ކުރިން ވަނީ ބުނެފައެވެ.
އެ ބޯޓު ފަރަށް އަރާފައިވަނީ ބޯޓުގެ އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެން އިންޖީން ނިވާލުމުން ބޯޓު ޑްރިފްޓު ވެގެން ގޮސްކަމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަމަދު އަބްދުލްޣަނީ ވަނީ ވިދާޅުވެފައެވެ. ބޯޓު ފަރަށް އެރުމުގައި ބޯޓުގެ ކެޕްޓަންގެ އިހުމާލު އެބަ އޮތްކަންވެސް ހަމަދު ވަނީ ފާހަގަ ކުރައްވާފައެވެ.
ބޯޓު އުރުނު ރަސްފަރީ ފަރަކީ ހިމާޔަތް ކޮށްފައިވާ ތަނެކެވެ.