ފުވައްމުލަކުން ވެކްސިން ފުރިހަމަ ކުރާ ތިން މީހަކަށް 1،000 ރުފިޔާ ދެނީ

ފުވައްމުލަކުގައި ވެކްސިން ފުރިހަމަކުރި ތިން މީހަކު ވެކްސިން ކާޑާއެކު

ފުވައްމުލައް ސިޓީން ކޮވިޑް-19 ވެކްސިން ފުރިހަމަ ކުރާ މީހުންގެ މެދުގައި ގުރު ނަގައި، އޭގެ ތެރެއިން ތިން މީހަކަށް ފައިސާގެ އިނާމު ދޭން ނިންމައިފިއެވެ.

ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއީލް ރަފީގް ވިދާޅުވީ އެ ލަކީޑްރޯގައި ބައިވެރިވެވޭނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ ބުރާސްފަތި ދުވަހާ ދެމެދު ވެކްސިން ފުރިހަމަ ކުރާ މީހުންނަށް ކަމަށެވެ.

އެ މުއްދަތުގައި ވެކްސިންގެ ދެވަނަ ޑޯޒް ޖަހާ މީހުންގެ މެދުގައި ގުރު ނަގައި، ތިން މީހަކަށް 1،000 ރުފިޔާ ދޭނެއެވެ. އަދި އިތުރު ފަސް މީހަކަށް ރެސްޓޯރެންޓަކުން ހިލޭ ކެއުމުގެ ފުރުސަތު ދޭނެއެވެ.

މޭޔަރު ވިދާޅުވި ގޮތުގައި ފުވައްމުލަކުގެ 18 އަހަރުން މަތީގެ އާބާދީގެ ތެރެއިން މިހާތަނަށް 75 ޕަސެންޓު މީހުން ވަނީ ކޮވިޑް ވެކްސިން ފުރިހަމަކޮށްފައެވެ. އަދި ލަކީޑްރޯ ބާއްވަނީ އެ އަދަދު ވީހާވެސް އަވަހަކަށް 90 ޕަސެންޓަށް އެރުވުމަށްޓަކައި ކުރިއަށްގެންދާ ކެމްޕޭނެއްގެ ދަށުންނެވެ.

ފުވައްމުލަކުގައި ކޮވިޑްގެ ކޭސްތައް އިތުރުވުމުން މިދިޔަ ހަފްތާގައި އެ ރަށް ވަނީ މޮނިޓަރިންއަށް ލާފައެވެ. އެއީ އެރަށް މޮނިޓަރިންއަށްލީ ތިންވަނަ ފަހަރެވެ.

ފުވައްމުލަކުގައި މިހާރު ތިބި ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު 172އަށް އަރައެވެ.

comment ކޮމެންޓް