ކޮވިޑްގެ އަސްލާބެހޭ މައުލޫމާތު ޗައިނާއިން ސިއްރުކުރާކަން އެމެރިކާގެ ޖާސޫސީ ރިޕޯޓްތަކުން އެނގޭ: ބައިޑެން

އެމެރިކާގެ ރައީސް ޖޯ ބައިޑެން

ވޮޝިންޓަން (އޮގަސްޓް 28): ކޮވިޑް -19 ގެ އަސްލާމެދު އެމެރިކާގެ ޖާސޫސީ އިދާރާތަކުން ހޯދާފައިވާ ހޯދުންތަކާބެހޭ ރިޕޯޓެއް ލިބިފައިވާކަމަށާއި އެރިޕޯޓަށް ބަލާއިރު ކޮވިޑްއާބެހޭ ގިނަ މައުލޫމާތުތަކެއް ޗައިނާއި ސިއްރުކުރާކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ތުހުމަތު ކުރައްވައިފިއެވެ.

ވައިޓް ހައުސްގައި ދެއްވި ބަޔާނެއްގައި ބައިޑެން ވިދާޅުވީ ކޮވިޑް -19 ގެ އަސްލު ހޯދުމަށް އެމެރިކާއަށް ކުރެވުނު މަސައްކަތެއް ކުރާނެކަމަށާއި އެކަމުގައި ޗައިނާގެ އެއްބާރުލުން ލިބެންޖެހޭ ކަމުގައެވެ. ނަމަވެސް ޗައިނާއިން އެއްބާރުލުން ނުދޭކަމަށާއި ކޮވިޑް-19 ގެ އަސްލާބެހޭ ގިނަ މައުލޫމާތުތަކެއް ޗައިނާއިން ސިއްރުކޮށްފައިވާ ކަމަށް ބައިޑެން ވިދާޅުވިއެވެ. ނަމަވެސް ކޮވިޑް -19 ގެ އަސްލާގުޅޭ ކަންތައްތަކެއް ޗައިނާއިން ސިއްރުކުރާ ކަމަށް އެމެރިކާ ކުރާ ތުހުމަތުތަކާ ގުޅިގެން ޗައިނާއާ ދެކޮޅަށް އެމެރިކާ ކުރާނެކަމެއް އަދި އަޅާނެ ފިޔަވަޅަކާބެހޭ އިންޒާރެއް ބައިޑެން ދެއްވާފައެއް ނުވެއެވެ.

ކޮވިޑް-19 ގެ އަސްލާބެހޭގޮތުން އެމެރިކާއިން ޗައިނާގެ މައްޗަށް ތުހުމަތުކުރަނީ އެއީ ޗައިނާގެ ވޫހާން ސިޓީގެ ވައިރިލޮޖިކަލް ރީސާޗް އާބެހޭ ލެބޯޓްރީއަކުން ލީކުވެގެން ފެތުރުނު ވައިރަސްއެއް ކަަމަށާ ޗައިނާ އެކަން ސިއްރުކޮށްފައިވާ ކަމުގައެވެ. ލީކުވީ އިހުމާލުން ނަމަވެސް އެކަމުގެ ޒިންމާ އުފުލަންޖެހޭނީ ޗައިނާ ކަމަށާއި އެކަމަށް ޗައިނާ ބަދަލު ދޭންޖެހޭނެ ކަމަށް ވިދާޅުވެ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާގެ ބައެއް މަސްއޫލުވެރިންވަނީ ޗައިނާއަށް އިންޒާރުތަކެއްވެސް ދެއްވާފައެވެ. ނަމަވެސް އެމެރިކާގެ ތުހުމަތުތައް ސާބިތުކުރެވޭ ވަރުގެ އެއްވެސް ހެއްކެތް އެމެރިކާއަށް ދެއްކިފައެއް ނުވެއެވެ.

ދުނިޔޭގެ ސިއްހަތާބެހޭ ޖަމްއިއްޔާ (ޑަބްލިޔޫއެޗްއޯ) އިން ވަނީ ކޮވިޑް -19 ގެ އަސްލު ހޯދުމާބެހޭ އިލްމީ ހޯދުންތަކެއްގެ މަސައްކަތް ފަށާފައެވެ. މިކަމަށްޓަކައި "ޑަބްލިޔޫއެޗްއޯ" ގެ ސައެންޓިސްޓުން ހިމެނޭ ތަހްގީގު ޓީމެއްވަނީ މިދިޔަ އަހަރު ޗައިނާގެ ވޫހާން ސިޓީއަށް ޒިޔާރަތް ކުރައްވާފައެވެ. "ޑަބްލިޔޫއެޗްއޯ" ގެ ޓީމުން ކުރި ތަހްގީގްތަކާއި ހޯދިހޯދުންތަކުން ކޮވިޑް -19 ގެ އަސްލު އެނގޭވަރުގެ އިލްމީ ހަގީގަތްތަކެއް ހޯދިފައިނުވާކަމާއި ކޮވިޑް -19 ގެ އަސްލު ހޯދުމަށް ދިގު މުއްދަތަކާ އަދި ގިނަ ދިރާސާތަކެއް ބޭނުންވާކަމަށް އެޖަމްއިއްޔާއިން ވަނީ ބުނެފައެވެ.

ކޮވިޑްއާބެހޭ ގިނަ މައުލޫމާތުތަކެއް ޗައިނާއިން ސިއްރުކުރާކަން އެމެރިކާގެ ޖާސޫސީ މައުލޫމާތުގެ އަލީގައި ރައީސް ޖޯ ބައިޑެން ވިދާޅުވިއިރު އެމެރިކާގެ ޖާސޫސީ އިދާރާތަކުންވަނީ އިރާގުގައި ފަނާކުރަނިވި ހަތިޔާރު ހުރިކަން ކަށަވަރުވާކަމަށް ބުނެ 2002 ވަނަ އަހަރާއި 2003 ވަނައަހަރު އެތަށް ރިޕޯޓެއް ނެރެފައެވެ.

މި ރިޕޯޓްތަކަށް ރިއާޔަތްކޮށް އިރާގުގައި ފަނާކުރަނިވި ހަތިޔާރުހުރިކަމަށް އެމެރިކާ އެތަށް ފަހަރަކު ތުހުމަތު ކުރުމަށްފަހު ފަނާކުރަނިވި ހަތިޔާރުތައް ނައްތާލުމުގެ ނަމުގައި 2003 ވަނައަހަރު އެމެރިކާ ސިފައިން އިރާގަށް އަރައި ބެލި ބެލުމުން އެމެރިކާގެ ޖާސޫސީ ރިޕޯޓްތަކުގައި ބުނާފަދަ ފަނާކުރަނިވި އެއްވެސް ހަތިޔާރެއް އިރާގުގައި ނެތްކަން ހާމަވުމުން އެމެރިކާވަނީ ވަރަށް ބޮޑަށް ބޭޒާރުވެފައެވެ. އަދި އެމެރިކާގެ ޖާސޫސީ ރިޕޯޓްތަކުގެ ސައްހަކަމާ އޭގެ އިތުބާރާމެދު މުޅި ދުނިޔޭގައި އެދުވަސްވަރު ސުވާލު އުފެދިގެން ދިޔައެވެ.

މިކަމުގެ ސަބަބުން އެމެރިކާގެ ޖާސޫސީ ރިޕޯޓްތަކަކީ އެމެރިކާގެ އަމިއްލަ މަގްސަދުތައް ހާސިލް ކުރުމަށް އެކުލަވާލާ ސިޔާސީ ރިޕޯޓްތަކެއްކަމުގެ ތުހުމަތުވެސް އެމެރިކާއަށް ފާޑުކިޔާ ފަރާތްތަކުން އެމެރިކާގެ މައްޗަށް ކޮށްފައިވެއެވެ.

comment ކޮމެންޓް