ތާލިބާނުންނާ ވާހަކަ ދައްކަމުން ގެންދާކަމަށް ތުރުކީގެ ރައީސް ވިދާޅުވެއްޖެ

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އެރުދުޣާން

އަންކަރާ (އޮގަސްޓް 27): އަފްގާނިސްތާނުގެ ކޮންޓްރޯލް ހޯދައިގެން އުޅޭ އެގައުމުގެ އެންމެ ބޮޑު ހަނގުރާމަވެރި ޖަމާއަތް ކަމަށްވާ ތާލިބާން ޖަމާއަތާއެކު ތުރުކީއިން ވާހަކަ ދައްކަމުން ގެންދާކަމަށް އެގައުމުގެ ރައީސް ރަޖަބް ތައްޔިބު އެރުދުޣާން ވިދާޅުވެއްޖެއެވެ.

އަންކަރާގައި ހުކުރުދުވަހު ދެއްވި ބަޔާނެއްގައި އެރުދުޣާން ވިދާޅުވީ ތާލިބާނުން އަފްގާނިސްތާނުގައި އުފައްދާ ސަރުކާރަށް އިއުތިރާފް ވުމާމެދު އޭނާގެ ސަރުކާރުން އަދި ވަކިގޮތެއް ނުނިންމާކަމަށާ ނަމަވެސް ތުރުކީއާ ގުޅުންތައް ގާއިމް ކުރުމަށާ އަދި ތުރުކީގެ ފަންނީ އެހީއަށް ތާލިބާނުން އެދިފައިވާ ކަމުގައެވެ. ނަމަވެސް ތުރުކީގެ އަސްކަރީ ސިފައިން މި އޮގަސްޓް މަހުގެ 31 އަށްފަހު އަފްގާނިސްތާނުގައި ތިބެގެންނުވާނެކަން ތާލިބާނުން ތުރުކީއަށް އަންގާފައިވާކަން އެރުދުޣާން ފާހަގަ ކުރެއްވިއެވެ.

އަފްގާނިސްތާނުގެ އަމީރަކަށް ތާލިބާނުން ހަމަޖައްސާފައިވާ އެޖަމާއަތުގެ ސިޔާސީ އެންމެ އިސްވެރިޔާ މުއްލާ އަބްދުލްޣަނީ ބަރަދާރު

ބޮސްނިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ފައްޓަވަމުން އަންކަރާ އެއާޕޯޓްގައި ދެއްވި ބަޔާނުގައި އެރުދުޣާން ވިދާޅުވީ ބޭރުގެ ހުރިހާ ބާރުތަކެއް މި އޮގަސްޓް މަހުގެ 31 ގެކުރިން އަފްގާނިސްތާނުން ފޭބުމުން ކާބުލް ގެ ހާމިދު ކަރުޒާއި އިންޓަނޭޝަނަލް އެއާޕޯޓް ހިންގުމުގައި ތާލިބާނުންނަށް އެހީތެރިވެދިނުމަށް އެޖަމާއަތުން ތުރުކީގެ ކިބައިން އެދިފައިވާކަމުގައެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން އަފްގާނިސްތާނުގެ ސަލާމަތީ ކަންކަން ހުރިގޮތުން ތުރުކީގެ އަސްކަރީ ސިފައިން ނެތި ކާބުލްގެ އެއާޕޯޓް ހިންގުމުގައި ތުރުކީއަށް އަމަލީގޮތުން މާބޮޑު ދައުރެއް އަދާކުރެވެން ނޯންނާނެކަން އެރުދުޣާން ހާމަކުރެއްވިއެވެ.

ތުރުކީއަކީ ތާލިބާނުންނާމެދު އީޖާބީކޮށް ދެކޭ މަދު ގައުމުތަކުގެ ތެރެއިން ގައުމެކެވެ. ތާލިބާނުންގެ އަމަލުތައް ކުރިޔަށްވުރެ މާބޮޑަށް މިހާރު މައިތިރިކޮށް ފެންނާތީ ތާލިބާނުންނާމެދު އީޖާބީކޮށް ދެކޭކަން ހާމަކުރާ މަދު ގައުމުތަކުގެ ތެރޭގައި ތުރުކީގެ އިތުރުން ގަތަރު، އީރާން، ޕާކިސްތާން، ރަޝިއާ އަދި ޗައިނާ ހިމެނެއެވެ.

ތާލިބާނުންގެ އަތްދަށަށް ކާބުލް ދިޔުމަށްފަހު އަފްގާނިސްތާނުން ޑިޕްލޮމެޓުން ބޭރުކުރުމަށް މަސައްކަތް ނުކުރާ ގައުމުތަކުގެ ތެރޭގައި މި 6 ގައުމު ހިމެނެއެވެ. އަފްގާނިސްތާނުގެ އަވަށްޓެރި އީރާނުންވަނީ އަފްގާން ކުރީ ސަރުކާރުގެ ދުވަސްވަރު އަފްގާނިސްތާނަށް ފޯރުކޮށްދެމުން ގެންދިޔަ ތެލާ ގުދުރަތީ ގޭހާ އަދި ތެލުގެ ބާވަތްތައް ސަރަހައްދީ ރޮނގު ހުރަސްކޮށް ސަޕްލައި ކުރުމުގެ މަސައްކަތް ހަފްތާއަކަށް ކަނޑާލުމަކަށްފަހު އަލުން ފެށިކަންވެސް ހާމަކޮށްފައެވެ.

އީރާނުން މިތަކެތީގެ ސަޕްލައި މެދުކަނޑާލީ މިމަހުގެ 15 ވަނަދުވަހު ތާލިބާން ހަނގުރާމަވެރިން ކާބުލްއަށް އެރުމާއެކު އަފްގާން ސަރުކާރު ވެއްޓުމާ ގުޅިގެންނެވެ. ހަކަތައިގެ ބާވަތްތަކުގެ ސަޕްލައި އީރާނުން އަލުން އަފްގާނިސްތާނަށް ފޯރުކޮށް ކޮށްދޭން ފެށީ ތާލިބާނުންގެ އެދުމުގެ މަތިންކަމަށް ރިޕޯޓްތައް ބުނެއެވެ.

ރަޝިއާގެ ރައީސް ވްލަޑިމީރު ޕޫޓިން އާއި ޗައިނާގެ ރައީސް ޝީޖިންޕިން

އަނެއްކޮޅުން ޗައިނާއާއި ރަޝިއާގެ ރައީސުންވަނީ ތާލިބާނުންގެ ވެރިކަމެއްގައި އަފްގާނިސްތާނަށް އެހީތެރިވާނެ ގޮތަކާ ބެހޭގޮތުން ފޯނުން ގުޅުއްވައި އިއްޔެ މަޝްވަރާތަކެއް ކުރައްވާފައެވެ. ރަޝިއާގެ ރިޔާސީ ގަނޑުވަރު، ކްރެމްލިންއިން ބުނާގޮތުން ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާއި ޗައިނާގެ ރައީސް ޝީޖިންޕިން ގެ މަޝްވަރާތައް ބިނާކުރެއްވީ އަފްގާނިސްތާނަށް އިގްތިސާދީ ގޮތުން އެހީތެރިކަން ދެވޭނެ ގޮތްތަކާ ބެހޭގޮތުން އެދެގައުމުގެ ސިޔާސަތުތައް ވިލަރެސް ކުރުމާބެހޭގޮތުންނެވެ.

އަފްގާނިސްތާނުގައި ސުލްހަ ގާއިމުކުރުމަށް އޮތް އެންމެ ރަނގަޅުގޮތަކީ އެގައުމަށް އިގްތިސާދީ ގޮތުން އެހީތެރިވެ އިންފްރާސްޓްރަކްޗާ ބިނާކޮށްދީ ވަޒީފާގެ ފުރުސަތުތައް އުފައްދައިދީ އަފްގާން އާންމު ފަރުދުންނަށް ދިރިއުޅުމުގެ ތަނަވަސްކަމާއި ފަސޭހަތައް ފޯރުކޮށްދީގެންކަން ދެ ރައީސުން ދެކެވަޑައިގަންނަވާ ކަމަށްވެސް ކްރެމްލިންއިން ބުނެފައިވެއެވެ.

އަފްގާނިސްތާނުން ބޭރުގެ ބާރުތައް ފާބައިފިނިމި އެގައުމުގައި ތާލިބާނުން އެކުލަވާލާ ސަރުކާރު ވުޖޫދަަށް އައުމުން ޗައިނާއާއި ރަޝިއާއިން ތާލިބާނުންގެ ސަރުކާރަށް އިންވެސްޓްމަންޓް ހުށަހަޅާނެ ގޮތްތަކާބެހޭގޮތުންވެސް ޝީއާއި ޕޫޓިން މަޝްވަރާ ކުރެއްވިކަމަށް ކްރެމްލިން އާ ހަވާލާދީ ރަޝިއާގެ މީޑިއާ ބުނެފައިވެއެވެ.

comment ކޮމެންޓް