ރަސްފަރީ ފަރަށް އެރި ބޯޓަށް ރާއްޖެއިން ފުރޭނީ ގެއްލުމުގެ ބަދަލު ދިނުމުން

ކ. ރަސްފަރީ ކައިރި އޮންނަ ހިމާޔަތްކޮށްފައިވާ ފަރަށް އެރި ޕެނަމާގެ އެމްވީ ނަވިއޯސް އަމާރީލިސް. ފޮޓޯ/އެމްއެންޑީއެފް

މިދިޔަ ހަފްތާތެރޭ ކ. ރަސްފަރީގެ ފަރަށް އެރި ޕެނަމާގެ ބޯޓަށް ރާއްޖެއިން ފުރުމުގެ ހުއްދަ ދޭނީ އެބޯޓުގެ ސަބަބުން ފަރަށް ލިބިފައިވާ ގެއްލުންތައް ދަނެގަނެ އެ ގެއްލުމުގެ ބަދަލު ލިބޭ އެއްބަސްވުމަކަށް އާދެވޭ ހިސާބުންކަމަށް ޓްރާންސްޕޯޓް މިނިސްޓްރީ އަދި އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ބުނެފިއެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަމަދު އަބްދުލްގަނީ ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކ. ރަސްފަރީ ކައިރި އޮންނަ ހިމާޔަތްކޮށްފައިވާ ފަރަށް އެރި ޕެނަމާގެ އެމްވީ ނަވިއޯސް އަމާރީލިސް ބޯޓަށް ރާއްޖެއިން ފުރުމުގެ ހުއްދަ ދެވޭނީ އެބޯޓުގެ ސަބަބުން ފަރަށް ލިބުނު ގެއްލުން ދެނެގަތުމަށްފަހު ކަމަށެވެ.

ބޯޓު ފަރަށް އެރި ހާދިސާ އާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ ފަޔާޒު މޫސާ

އަދި އެ ހާދިސާގައި ބޯޓުގެ ކެޕްޓަންގެ އިހުމާލު އެބަ އޮތްކަމަށްވެސް އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ހަމަދު ވަނީ ވިދާޅުވެފައެވެ.

"މިހާރު އެ ވެސަލް [ބޯޓު] ވަނީ ޑީޓެއިން ކުރެވިފަ. ފަރަށް ލިބުނު ގެއްލުމުގެ ބަދަލު ދެނެގަތުމަށް ފަހު އެ ވެސަލް އަށް ފުރުމުގެ ހުއްދަ ލިބިގެންދާނެ،" ހަމަދު ވިދާޅުވިއެވެ. ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ އެ ހާދިސާގައި އިހުމާލުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމުގެ ގޮތުން އިންވެސްޓިގޭޝަނެއްވެސް ކުރިއަށްދާ ކަމަށް ބުނެފައެވެ.

އެމްވީ ނަވިއޯސް އަމާރީލިސް ރަސްފަރީ ފަރަށް އަރާފައިވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ. އެ ބޯޓު ފަރަށް އެރީ އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ފުރައިގެން އެފްރިކާ ބައްރަށް ދަތުރުކުރުމަށްޓަކައި އިނޮސެންޓް ޕެސޭޖުގެ ގޮތުގައި ރާއްޖޭގެ ސަރަހައްދު ހުރަސްކޮށް ދަތުރުކުރަމުން ދަނިކޮށެވެ.

އިއްޔެ ބޭއްވި ޕްރެސްގައި ޓްރާންސްޕޯޓް މިނިސްޓްރީއިން ބުނީ މިހާތަނަށް ލިބިފައިހުރި މައުލޫމާތުގެ އަލީގައި ބޯޓު ފަރަށް އަރާފައިވަނީ ބޯޓުގެ އިންޖީނު ޔުނިޓްގެ ތިންވަނަ ޔުނިޓްގެ ޓެމްޕަރޭޗާ މަތިވެ، އިންޖީން ނިއްވާލުމުގެ ސަބަބުން އުޅަނދު ޑްރިފްޓުވެގެން ނުވަތަ އޮޔާ ބެހިގެން ކަމަށެވެ.

"ކެޕްޓަން ނެތް އިންޖީނަށް މައްސަލަ ދިމާވުމުން އެއްވެސް ފަރާތަކަށް ރިޕޯޓްކޮށްފައެއް. އަނެއްކާ ފަރަށް އެރުމުގެ ކުރިން ބޯޓު ފަރަށް އެރުން ހުއްޓުވުމަށްޓަކައި ނަގިލިލާ އުޅަނދު ފަރުން ސަލާމަތް ކުރުމަށް އުޅަނދުގެ ކެޕްޓަން ކުރަންޖެހޭ ކަންކަން ކޮށްފައި ނުވާކަން ވެސް ވަނީ ފާހަގަ ކުރެވިފައި،" ހަމަދު ވިދާޅުވިއެވެ.

ކ. ރަސްފަރީ ކައިރި އޮންނަ ހިމާޔަތްކޮށްފައިވާ ފަރަށް އެރި ޕެނަމާގެ އެމްވީ ނަވިއޯސް އަމާރީލިސް. ފޮޓޯ/އެމްއެންޑީއެފް

އެންވަޔަރަންމަންޓު ޕްރޮޓެކްޝަން އޭޖޭންސީން (އީޕީއޭ) އިން ބުނިގޮތުގައި ބޯޓު ފަރަށް އެރުމުގެ ސަބަބުން ފަރަށް ލިިބިފައިވާ ގެއްލުންތައް މުޅިން އިނގޭނީ ބޯޓު ފުންކުރުމުންނެވެ. އަދި ބޯޓުގެ ސެލްވޭޖު ޕްލޭން އެކުލެވި މަސައްކަތް ކުރަމުންދާއިރު ވީހާވެސް ގެއްލުން ކުޑަގޮތަކަށް އެ މަސައްކަތް ކުރިއަށް ގެންދަން ހަރަކާތްތެރިވަމުންދާކަމަށް އީޕީއޭއިން ބުންޏެވެ.

"އީޕީއޭގެ ދައުރު ބޮޑަށް ފެށިގެން ދަނީ ބޯޓު ފުންކުރުމާއެކީގަ. ފުންކުރުމަށްފަހު އެދިމާވި ހާދިސާއިން ތިމާވެއްޓަށް ލިބުނު ގެއްލުންތައް ދިރާސާކޮށް އެސެސް ކުރުމާއި އަދި އެކަންތައްތަކަށް ތިމާވެށީގެ ގާނޫނުގެ ދަށުން ކަނޑައަޅަންޖެހޭ، އަދި ހަދަންޖެހޭ ހިސާބުތައް ހަދައި އަދި ގެއްލުމުގެ ބަދަލު ހޯދުން،"

"ދެން މިކަންތައްތައް އަޅުގަނޑުމެން ކޯސްޓުގާޑާއި ސަރުކާރުގެ އެހެން ވުޒާރާތަކާއި އެކީގަ ބޯޓު ފުންވާ ތަނާއި ހަމަ ފަށާނަން،" އީޕީއޭ އިން އިއްޔެގެ ޕްރެސްގައި ބުންޏެވެ.

comment ކޮމެންޓް