ރަސްފަރީ ފަރަށްއެރި ބޯޓުގެ ކެޕްޓަންގެ އިހުމާލު އެބައޮތް: ޓްރާންސްޕޯޓް

ބޯޓު ފަރަށް އެރި ހާދިސާ އާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފަތިހު 3:00 ހާއިރު މާލެ އަތޮޅު ރަސްފަރީ ފަރަށް އެރި އާގު ބޯޓު، އެމް.ވީ. ނަވިއޯސް އަމާރީލިސް ފަރަށް އެރުމުގައި ބޯޓުގެ ކެޕްޓަންގެ އިހުމާލެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީއިން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަމަދު އަބްދުލް ޣަނީ ވިދާޅުވީ ބޯޓު ފަރަށް އަރާފައިވަނީ އިންޖީނު ނިވާލުމާ ގުޅިގެން ޑްރިފްޓްވެގެން ކަމަށާއި އެ ހާދިސާގައި ކެޕްޓަންގެ އިހުމާލު ވާކަން ފާހަގަ ކުރެވިފައިވާކަމަށެވެ.

"މި ހާދިސާ ހިނގާފައިވަނީ މިހާރު ލިބިފައިވާ މައުލޫމާތަށް ބިނާ ކުރަންޏާ ބޯޓުގެ އިންޖީންގެ ޔުނިޓް ތިނެއްގެ ޓެމްޕަރޭޗާ މަތިވުމުން އިންޖީން ނިއްވާލުމުގެ ސަބަބުން އުޅަނދު ޑްރިފްޓްވެގެންގޮސް ފަރަށް އަރާފައިވަނީ،" ހަމަދު ވިދާޅުވިއެވެ.

"އެއީ އެކަމު އަޅުގަަނޑުމެންގެ ޕްރެލިމިނަރީ ހޯދުންތަކެއް، މި އުޅަނދު ފަރުން ސަލާމަތް ކުރުމަށް އުޅަނދުގެ ކެޕްޓަން ކުރަންޖެހޭ ކަންކަން ކޮށްފައި ނުވާކަންވެސް ވަނީ ފާހަގަ ކުރެވިފައި،"

ހަމަދު ވިދާޅުވީ ބޯޓު ފަރަށް އެރުމުގެ ކުރިން ބޯޓަށް އެފަދަ މައްސަލައެއް ދިމާވެފައިވާކަން ކޯސްޓަލް ސްޓޭޓަށް އަންގާފައި ނުވާކަމަށާއި ކެޕްޓަންގެ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަން ކޮށްފައިނުވާކަމަށެވެ.

"އުޅަނދު ފަރަށް އެރުމުގެ ކުރިން އުޅަނދަށް މިފަދަ މައްސަލައެއް ޖެހިފައިވާކަން ކޯސްޓަލް ސްޓޭޓަށް އަންގާފައިވާ ނުވާކަން ފާހަގަކުރެވޭ، އަދި ކެޕްޓަންގެ ހައިސިއްޔަތުން ނަގަންޖެހޭ އެކްޝަންތައް ނަގާފައި ނުވާކަންވެސް ފާހަގަވޭ، ހާއްސަކޮށް ނަގިލިލުން ކަހަލަ ކަންކަން ކޮށްފައި ނުވެ، އަދި އެހީއަށް އެދިފައި ނުވުމަކީ އަޅުގަނޑުމެން ފާހަގަކުރަން ބޭނުންވާ ކަންކަން،" ހަމަދު ވިދާޅުވިއެވެ.

އެ ބޯޓަކީ އިންޑިއާގެ ދުޝްޕަރަން ބަނދަރުން ފުރައިގެން ސައުތް އެފްރިކާގެ ސައުދާނަލް ޕޯޓަށް ދަތުރުކުރަމުން ދިޔަ އިނާސެޓް ޕެސެޖްގެ މަގުން ޓްރާންސިޓް ކުރަމުން ދިޔަ އުޅަނދެއްކަމަށް ހަމަދު ވިދާޅުވިއެވެ. އެ ބޯޓުގައި އެއްވެސް ކާގޯއެއް ބެލިބެލުމުން ނެތްކަންވެސް ހަމަދު ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް