އަތޮޅުތެރޭ ބޭނުންކުރާ ތިން ފުރޮޅުލީ އުޅަނދުތައް ރަޖިސްޓްރީކުރުމުގައި ބޮޑެތި ލުއިތަކެއް ދީފި

ރަށު ޕިކަޕްތަކެއް-- ފޮޓޯ: ތ. އަތޮޅު ކައުންސިލް

އަތޮޅުތެރޭ ބޭނުންކުރާ ބައެއް ކެޓެގަރީތަކުގެ އުޅަނދުތައް ރަޖިސްޓްރީކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދިނުމަށްޓަކައި، ޚާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމައި، ޓްރާންސްޕޯޓް މިނިސްޓްރީން އެކަމުގެ ތަފްސީލު ހިއްސާކޮށްފިއެވެ.

އެ މިނިސްޓްރީން ނެރެފައިވާ އިޢުލާނެއްގައި ވަނީ، އަތޮޅުތެރޭގައި ބޭނުންކުރާ ބައެއް އެއްގަމު އުޅަނދުތައް ތަފާތު ސަބަބުތައް މެދުވެރިވެގެން ރަޖިސްޓަރީ ނުކުރެވި ގިނަ ދުވަސްތަކެއް ވަންދެން ދުއްވަމުން ދާކަން ފާހަގަކުރެވިފައިވާ ކަމަށް ބުނެ، މިފަދަ އުޅަނދުތައް ރަޖިސްޓަރީކުރުމަށް ހުށަހަޅަން ލާޒިމުވާ ބައެއް ލިޔެކިޔުންތައް ވެރިފަރާތުގެ އަތުގައި ނެތުމުގެ ސަބަބުން އުޅަނދުތައް ރަޖިސްޓްރީކުރުމަށް ކުރިމަތިވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ޚާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާކަން ހާމަކޮށްފައެވެ.

އެގޮތުން، ފަސިންޖަރުންނާއި މުދާ އުފުލުމަށް ބޭނުންކުރާ C3 އަދި C4 ކެޓަގަރީގެ (ބަގީ އަދި ރަށު ޕިކަޕު ފަދަ އުޅަނދުތައް) ތިން ފުރޮޅުލީ އުޅަނދުތަކަކީ، އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 14 ވަނަ މާއްދާގެ ދަށުން އަމިއްލަ ބޭނުމަށް ރަޖިސްޓްރީކޮށްދެވޭ އުޅަނދުތަކެއްގެ ގޮތުގައި މިހާރު ގިންތިކުރެވިފައިވާކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

އެހެންކަމުން، އެ ކެޓަގަރީތަކުގެ އުޅަނދުތައް އަމިއްލަ ފަރުދުންގެ ނަންމަތީގައި މިހާރު ރަޖިސްޓްރީކޮށްދެވޭނެކަމަށާއި މީގެ ކުރިން ހަމަޖެހިފައިވާގޮތަށް، ކަނޑައެޅިފައިވާ އުސޫލުތަކާއި ޤަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، މިފަދަ އުޅަނދުތައް ރަޖިސްޓްރީކުރުމާ ގުޅިގެން ދައްކަންޖެހޭ ފީތައް މަޢާފުކޮށްދެވޭނެ ކަމަށް މިނިސްޓްރީން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، އިމްޕޯޓު ކުރިތާ ގިނަދުވަސްވުމުގެ ސަބަބުން، ނުވަތަ ރަޖިސްޓްރީކުރުމަށް ލާޒިމުކުރުމުގެ ކުރިން ރާއްޖެ އެތެރެކޮށް އަތޮޅުތެރޭގައި ބޭނުންކުރަމުންދާ C3 އަދި C4 ކެޓަގަރީގެ އުޅަނދުތައް، ރަޖިސްޓްރީކުރަން ބޭނުންވާ ބައެއް ލިޔެކިޔުންތައް ވެރިފަރާތްތަކުގެ އަތުގައި ނެތުމުން ދިމާވާ ދަތިތަކަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން މިފަދަ އުޅަނދުތައް އެ އުޅަނދެއްގެ ރޯޑްވާދިނަސް ލިޔުމަށް ބަލައި، ރަޖިސްޓްރީކޮށްދިނުމަށް ހަމަޖެހިފައިވާ ކަމުގައިވެސް މިނިސްޓްރީގެ އިޢުލާނުގައި ބުނެފައިވެއެވެ.

އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 14 ވަނަ މާއްދާގެ (ބ) ބުނާގޮތުން، މި ޤާނޫނަށް ޢަމަލުކުރަން ފަށާއިރު، އަމިއްލަ ބޭނުމަށް ރަޖިސްޓަރީކޮށްނުދެވޭ ބާވަތުގެ އުޅަނދެއް އަމިއްލަ ފަރުދެއްގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާނަމަ، މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ ތިން އަހަރުދުވަހުގެ ތެރޭގައި އެ އުޅަނދެއްގެ ރަޖިސްޓަރީ، ޤާނޫނީ ޝަޚްޞަކަށް ބަދަލުކުރަންވާނެއެވެ.

އަދި، މި މާއްދާގެ (ބ) ގައި ބަޔާންކުރާ ފަދަ އުޅަނދެއްގެ ރަޖިސްޓަރީ، އެ އަކުރުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި ޤާނޫނީ ޝަޚްޞެއްގެ ނަމަށް ބަދަލުކޮށްފައިނުވާނަމަ، އުޅަނދު ރަޖިސްޓަރީކޮށްފައިވާ ފަރާތަށް ނޯޓިސް ދީ، އެ އުޅަނދެއްގެ ރަޖިސްޓަރީ ބާޠިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވާކަމަށް އެ މާއްދާގެ (ޅ) ގައި ބުނެފައިވެއެވެ.

ނަމަވެސް، މިހާރު މިނިސްޓްރީން އިޢުލާނުކޮށްފައިވާ ބަދަލުތަކާއެކު، މި މުއްދަތުގައި ރަޖިސްޓްރީ ނުކުރެވި ހުރި އުޅަނދުތައްވެސް ރަޖިސްޓްރީކުރުމުގެ ފުރުސަތު، އުޅަނދުގެ ވެރިފަރާތަށް ލިބޭނެއެވެ.

comment ކޮމެންޓް