އެރިކްސަން ސަލާމަތް ކޮށްދިން ކިއޭއާއި މެޑިކަލް ޓީމަށް ޔޫއެފާގެ އެވޯޑް

ދަނޑު މަތީގައި އެރިކްސަން އަށް ފަރުވާ ދިނުމަށް ފަހު މެޑިކަލް ޓީމުގެ އެނގުމަށް އޭނާ ދަނޑުން ގެންދަނީ.-- ފޮޓޯ: އޭއެފްޕީ

މި ފަހަރުގެ ޔޫރޯގައި ޑެންމާކުން ކުޅުނު ފުރަތަމަ މެޗުގައި ހިތްހުއްޓިގެން ދަނޑު މައްޗަށް ވެއްޓުނު މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ސަލާމަތް ކޮށްދިނުމުގައި އެހީތެރިވި ޑެންމާކު ޓީމުގެ ކެޕްޓަން ސިމޯން ކިއޭއާއި މެޑިކަލް ޓީމަށް މިއަހަރު ޔޫއެފާގެ ރައީސް ދޭ ހާއްސަ އިނާމު ދިނުމަށް ނިންމައިފިއެވެ.

އެ މެޗުގެ ރެފުރީ އެންތަނީ ޓެއިލާ ވަގުތުން މެޗު ހުއްޓާލުމާއެކު ސިއްހީ އޮފިޝަލުން ދަނޑަށް އެރުމުގެ ކުރިން އެރިކްސަންއަށް ދަނޑުމަތީގައި ފަސްޓް އެއިޑް ދީފައި ވަނީ ޑެންމާކުގެ ކެޕްޓަން ސިމޯން ކިއޭއެވެ. އެގޮތުން ދަނޑުމަތީ އެރިކްސަންއަށް އެންމެ ފުރަތަމަ ސީޕީއާރް ދިނީ ވެސްް ކިއޭއެވެ.

ސިއްހީ އޮފިޝަލުންގެ ފަރުވާއަށް ފަހު އެރިކްސަން ހޮސްޕިޓަލަށް ގެންދިޔަ އިރު، ހޭއަރާފައިވާ ކަމަށާއި އޭނާ ސަލާމަތް ކުރެވުނީ އަވަސް ފަރުވާ ލިބުމުން ކަމަށް ޑެންމާކުން އޭގެ ދެ ދުވަހެއް ފަހުން ވަނީ ބުނެފައެވެ.

އެރިކްސަންއަށް ދިމާވި ހާދިސާގައި އޭނާ ސަލާމަތް ކުރެވުނީ "ހަމަ ކިރިޔާ" ކަމަށް އޭނާ ބެލި ޑޮކްޓަރުން ވަނީ ބުނެފައެވެ. އެގޮތުން ދަނޑުމައްޗަށް ފަރުވާދޭން ޑޮކްޓަރުންގެ ޓީމަށް ދެވުނު އިރު ވިންދު ހުއްޓިފައިވާ ކަމަށާއި، އެރިކްސަން އަނބުރާ ގެނެވުނީ އަވަސް ފަރުވާ ދިނުމުން ކަމަށް ޑޮކްޓަރުންގެ ޓީމުން ބުންޏެވެ.

މި ހާދިސާ މެދުވެރިވި ވަގުތު ޑެންމާކުގެ ކުޅުންތެރިންނާއި، މެޑިކަލް ޓީމުގެ ފުރިހަމަ ހަރަކާތްތެރިވުމަށް ޔޫރޯގައި ގިނަބަޔަކު ތައުރީފް ކޮށްފައިވާ އިރު، އެރިކްސަންއާއި އޭނަގެ މެޑިކަލް ޓީމަށް ވަނީ ޔޫރޯ ފައިނަލް ބަލާލުމުގެ ފުރުސަތު ވެސް ޔޫއެފާއިން ދީފައެވެ.

އަދި މިއަހަރު ޔޫއެފާ އެވޯޑް ވެސް މެޑިކަލް ޓީމާއި އޭނާއަށް އެންމެ ފުރަތަމަ ދަނޑުމަތީގައި ފަރުވާދިން ކިއޭއަށް ދޭނެކަމަށް ޔޫއެފާގެ ވެބްސައިޓުގައި ވަނީ ބުނެފައެެވެ.

ޔޫއެފާގެ ވެބްސައިޓުގައި އެ އިދާރައިގެ ރައީސް އެލެކްސެންޑަރާ ކެފެރިން ވިދާޅުވެފައިވަނީ އެރިކްސެން ސަލާމަތްކޮށްދިން ޓީމަކީ ޔޫރޯ 2020 ގެ "ހަގީގީ ހީރޯ" އިން ކަމަށެވެ. އަދި އެންމެ ނާޒުކު ދަނޑިވަޅުގައި ފުރާނައެއް ސަލާމަތް ކޮށްދެން އެ ޓީމުން ދެއްކީ ލާމަސީލު މިސާލެއް ކަމަށް ކެފެރިން ވަނީ ވިދާޅުވެފައެވެ.

އޮޕަރޭޝަނަށް ފަހު އެރިކްސަންގެ ހިތަށް އައިސީޑީ (އިމްޕްލާންޓަބަލް ކާޑިއޮވާޓާ ޑެފިބްރިލޭޓާ) ޑިވައިސްއެއް ލައްވާފައިވާއިރު، އޭނާ މިހާރު އަންނަނީ ފުރިހަމައަށް ފަރުވާ ހޯދަމުން ކަމަށް އިންޓަ މިލާނުން ވަނީ މިފަހުން ބުނެފައެވެ.

comment ކޮމެންޓް