ކުރިއަށް އޮތް އަހަރުތަކުގައި ޖީޑީޕީ 10 ބިލިއަން ޑޮލަރަށް އަރާނެ: އަމީރު

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު -- ސަން ފޮޓޯ: ފަޔާޒު މޫސް

ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖޭގެ އިގުތިސާދު ދެގުނައަށް އިތުރުވެ، ޖީޑީޕީ 10 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ލަފާކުރައްވައިފިއެވެ.

މިނިސްޓަރު އަމީރު އެހެން ވިދާޅުވީ މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލާ ބްރިޖު އަޅަން އިންޑިއާގެ އެފްކޮންސް އިންފްރާސްޓަރަކްޗާ ލިމިޓެޑާ ހަވާލު ކުރުމަށް އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ.

އަމީރު ވިދާޅުވީ 2019 ވަނަ އަހަރު ރާއްޖޭގެ ރިއަލް ޖީޑީޕީ ހުރީ ގާތްގަނޑަކަށް ފަސް ބިލިއަން ޑޮލަރުގައި ކަމަށެވެ. އެއީ އެ އަހަރު ތެރޭ 1.7 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރި ފަހުންނެވެ. ނަމަވެސް ކުރިއަށް އޮތް އަހަރުތަކުގައި އެ އަދަދު ދެ ގުނައަށް އިތުރު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް އަމީރު ވިދާޅުވިއެވެ.

"ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކެޕޭސިޓީ އިތުރު ކުރުމުންނާއި ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ނިމުމުންނާއި އެތެރޭގެ ދަތުރުފަތުރުގެ ވިއުގަ އަޕްގްރޭޑު ކުރުމުންނާއި މިހާރު ޕްލޭންކޮށްފައިވާ ރިޒޯޓު ތަރައްގީގެ މަސައްކަތްތައް ނިމުމުން އަޅުގަނޑުމެން ބަލަނީ ކުރިއަށް އޮތް އަހަރުތަކުގައި އިގުތިސާދު 10 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް،" އަމީރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީރުގެ އިތުރުން އިންޑިއާގެ ހައި ކޮމިޝަނަރު ސަންޖޭ ސުދީރުވެސް މި ރަސްމިއްޔާތުގައި ވާހަކަ ދެއްކެވިއެވެ. އަދި އިންޑިއާ އަކީ ރާއްޖޭގެ ތަރައްގީއަށް މުހިއްމު ބައިވެރިއެއް ކަމަށާއި ރާއްޖެއަށް ދިމާވާ ކޮންމެ ކުއްލި ހާލަތެއްގައިވެސް އެންމެ ފުރަތަމަ އެހީ ފޯރުކޮށްދެނީ އެ ގައުމުކަންވެސް ހައި ކޮމިޝަނަރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ތިލަމާލެ ބްރިޖުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ކުރިއެރުން ލިބިގެން ދާނެ ކަމަށާއި މިނިސްޓަރު އަމީރު ވިދާޅުވި ގޮތަށް، ރާއްޖޭގެ އިގުތިސާދު "ވަރަށް އަވަހަށް 10 ބިލިއަން ޑޮލަރަށް" އަރާނެކަން އިންޑިއާއަށްވެސް ޔަގީންވާ ކަމަށް ސުދީރު ވިދާޅުވެފައެވެ.

"ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖު"ގެ މަޝްރޫއު ކުރިއަށްގެންދާނީ އިންޑިއާގެ އެގްޒިމް ބޭންކުން ދޭ 400 މިލިއަން ޑޮލަރުގެ ލޯނު އެހީ އާއި އިންޑިއާ ސަރުކާރުންދޭ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ ބޭނުންކޮށްގެންނެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯން ދީފައި ވަނީ 1.75 ޕަސެންޓު އިންޓްރެސްޓު ރޭޓުގައެވެ. އަދި ލޯނު އަނބުރާ ދައްކަން ފަށަން ޖެހެނީ ފަސް އަހަރު ފަހުން ކަމަށްވާ އިރު ލޯނު އަނބުރާ ދައްކަން ޖެހެނީ 15 އަހަރު ތެރޭގައެވެ.

އެ އެއްބަސްވުމުގައި ސޮއި ކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން ސޮއިކުރީ ޕްލޭނިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހްމަދު ހަމީދެވެ. އަދި އިންޑިއާގެ އެފްކޮންސްގެ ފަރާތުން ސޮއިކުރީ އެ ކުންފުނީގެ ޑިރެކްޓަރެވެ.

ތިލަމާލެ ބްރިޖު މަޝްރޫގެ ދަށުން 6.7 ކިލޯމީޓަރުގެ ދިގު މި ބްރިޖަކާއި ކޯސްވޭ ލިންކެއް އަޅާނެއެވެ. އެގޮތުން ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯމީޓަރު ހުންނާނެކަމަށް އިންޑިއާ ހައިކޮމިޝަނުން ބުނެއެވެ. ހަމައެއާއެކު ފަޅުތަކުގައި 1.45 ކިލޯމީޓަރުގެ މެރިން ވަޔަޑަކްޓާއި މޫދާއި ގޮނޑުދޮށުގައި 2.32 ކިލޯމީޓަރުގެ މެރިން ވަޔަޑަކްޓުގެ އިތުރުން ބިމާ އެއް ހަމައެއްގައި 2.96 ކިލޯމީޓަރުގެ މަގު ތަރައްގީކުރާނެއެވެ.

އެ މަޝްރޫއުގެ ދަށުން މާލެ އަދި ވިލިނގިލި ގެ ލޭންޑް އިންޓާޗޭންޖް ތަކުގައި ސިގްނަލައިޒްޑް ޖަންކްޝަން ގާއިމް ކުރާނެއެވެ. އަދި ގުޅިފަޅާއި ތިލަފުށީގައި ރައުންޑްއެބައުޓް ތަކެއް ގާއިމް ކުރާނެއެވެ. އޭގެ އިތުރުން ކޮންމެ ރަށެއްގައިވެސް ބްރިޖް ޖަންކްޝަން ކައިރީގައި ބަސް ޓާމިނަލް ގާއިމް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް