ބާސެލޯނާގެ ތަޖުރިބާކާރު ޑިފެންޑަރު ޖެރާޑް ޕީކޭގެ ކޮސްމޯސް ހޯލްޑިންގް ކުންފުނިން ފްރެންޗް ލީގުގެ ޓީވީ ރައިޓްސް ގަނެ، ސްޕެއިނުގައި ފްރެންޗް ލީގުގެ މެޗުތައް ދައްކަން ތައްޔާރުވެއްޖެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޕީކޭގެ އަމިއްލަ އިސްނެގުމުގެ މަތިން އޭނާ ފްރެންޗް ލީގުގެ މެޗުތައް ސްޕެއިނުގައި ދެއްކުމަށް ތައްޔާރުވަނީ މި ހަފުތާގައި ފްރާންސްގެ ޕީއެސްޖީ ކުޅޭ މެޗު ދެއްކުމަށެވެ. އެ މެޗަކީ ބާސެލޯނާގެ ކުރީގެ ކެޕްޓަން ލިއޮނެލް މެސީ ޕީއެސްޖީގެ ޖާޒީގައި ކުޅޭނެ ފުރަތަމަ މެޗު ކަމަށް ބެލެވިފައި އޮތް އިރު، ޕީކޭ އަކީ މެސީގެ އެހާމެ ގާތް އެކުވެރިއެއްގެ އިތުރުން ސަޕޯޓަރެއް ވެސްމެއެވެ.
އީއެސްޕީއެން އިން ރިޕޯޓްކުރި ގޮތުގައި ޕީކޭގެ ކުންފުނިން ފްރެންޗް ލީގުގެ ރައިޓްސް ގަނެފައިވަނީ ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ނިޔަލަށެވެ. އިތުރު ރިޕޯޓްތައް ބުނާ ގޮތުގައި ކޮސްމޯސް ކުންފުނިން ޕީއެސްޖީން މި ހަފުތާ ކުޅޭ މެޗު ދައްކަން ޓީވީ ޗެނަލްތަކާ އެކު މަޝްވަރާކޮށް އެެއްވެސް އަގަކާ ނުލައި އެ މެޗު ބަލާލެވޭނެ ފަދަ އިންތިޒާމެއް ވެސް ވަނީ ހަމަޖައްސައިފައެވެ.
މީގެ ކުރިން ސްޕެއިނުގައި ފްރެންޗް ލީގުގެ މެޗުތައް ދެއްކުމުގެ ރައިޓްސް އޮތީ މޫވީސްޓާ ކުންފުންޏަށެވެ. އަހަރަކު 2.5 މިލިއަން ޑޮލަރުގެ އެއްބަސްވުން މިއަހަރުގެ ނިޔަލަށް ހަމަވި އިރު، ފްރެންޗް ލީގުގެ ވާދަވެރިކަން ކުޑަވުމާ އެކު ވަނީ އައު ނުކުރަން ނިންމާފައެވެ.
އެހެން ނަމަވެސް މެސީ ޕީއެސްޖީއަށް ދިއުމާ އެކު އަނެއްކާވެސް އެ ކުންފުނިން ރައިޓްސް ހޯދުމުގެ މަސައްކަތް ކުރި އެވެ. އެކަމަކު ޕީކޭގެ ކުންފުނިން ދަނޑިވަޅުގެ ފައިދާ ނަގައި އަވަސް އެއްބަސްވުމަކަށް ވަނީ ގޮސްފައެވެ.
މެސީގެ އެއްބަސްވުން މިއަހަރުގެ ޖޫން މަހަށް ހަމަވުމާއެކު ބާސެލޯނާއިން އައީ އާ އެއްބަސްވުމެއް މެސީއަށް ދިނުމަށް ތައްޔާރުވަމުންނެވެ. އެހެން ނަމަވެސް ސްޕެނިޝް ލީގުގެ ފެއާ ޕްލޭ ގަވާއިދުތަކުގެ ސަބަބުން އެންމެ ފަހު ވަގުތު މެސީ 21 އަހަރަށްފަހު ބާސެލޯނާގައި މަޑުނުކުރެވޭނެކަން އެކުލަބުން އިއުލާން ކުރީ މިދިޔަ މަހުއެވެ.
އެއަށްފަހު މެސީއަށް ގިނަ ދުވަސްތަކެއް ވަންދެން ފާރަލަމުން އައި ޕީއެސްޖީން ވަނީ ހިލޭ ޓްރާންސްފާއެއްގައި މެސީގެ ސޮއި ހޯދައިފައެވެ. މިހާތަނަށް މެސީ ޕީއެސްޖީއަށް އެއްވެސް މެޗެއް ކުޅެދީފައި ނުވި ނަމަވެސް ލީގުގައި ރެއިމްސްއާ ދެކޮޅަށް މި ހަފުތާ ކުޅޭ މެޗުގައި މެސީ ކުޅޭނެ ކަމުގެ ފެހި ސިގްނަލް ވަނީ ދީފައެވެ.