ބަރުލަމާނީ ނިޒާމަށް ތާއީދު ކުރުމަކީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫން: ގާސިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް -- ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރާއްޖޭގައި މިހާރު އޮތް ރިޔާސީ ނިޒާމް، ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ތާއީދު ކުރުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިއަދު ދެއްވި ވީޑިއޯ މެސެޖެއްގައި ގާސީމް ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައިވެސް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށްފަހު ބޮޑުވަޒީރަކު ބަހައްޓައިގެން ކުރެވުނު ތަޖުރިބާ އާއި ލިބުނު ނަތީޖާ ފެންނާން އެބައޮތް ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި މިހާރު މި އޮތް ރިޔާސީ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަކީ ގައުމުގައި އިތުރު ހަމަނުޖެހުން ތަކެއް ހިނގުމުގެ ފުރުސަތު ހުޅުވޭނެ ކަމެއް ކަމަށެވެ. އެހެންކަމުން ބަރުލަމާނީ ނިޒާމަށް އެއްވެސް ރައްޔިތަކު ތާއީދު ނުކުރުމަށްވެސް ގާސިމް ވަނީ ގޮވާލައްވާފައެވެ.

ގާސިމް ވިދާޅުވީ ބަރުލަމާނީ ނިޒާމެއްގައި ހުންނަ ރައީސަކީ އެއްވެސް ބާރެއް އޮންނަ ބޭފުޅެއް ނޫން ކަމަށެވެ. އެހެންކަމުން ދައުލަތުގެ ޚަރަދުތައް ދެކޮޅު ނުޖެހިގެން އުޅޭއިރު އިތުރު ޚަރަދު ތަކެއް ކުރަން ޖެހޭ ގޮތަށް ރައީސަކު ބެހެއްޓުމަކީ ބޭކާރު ކަމެއް ކަމަށް ވިދާޅުވިއެވެ.

"މިއުޅެނީ ވަކި މީހަކަށް ވެރިކަން ނުލިބިގެން. ބާރުވެރިކަން ނުލިބިގެން. އެހެންވީމަ އެ ބާރުވެރިކަން ހޯދަން ވެގެން ކުރާ ކަމެއް މިއީ. އަޅުގަނޑުގެ އާދޭހަކީ ބަރުލަމާނީ ނިޒާމަށް އެއްވެސް ބޭފުޅަކު ތާއީދު ނުކުރާށޭ،" ގާސިމް ވިދާޅުވިއެވެ.

ރާއްޖެއަށް ބަރުލަމާނީ ނިޒާމް ނުގެނެވިގެން އުޅެނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ، އޭނާގެ އަވާގައި ޖެހިގެން އުޅޭ މަދު ބަޔަކު ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

"މަޖިލީހުގައި ތިއްބަވާ މެމްބަރުން ތިއްބަވާނެ ކެބިނެޓްގަވެސް. ކެބިނެޓްގަ ތިއްބަވާ ހުރިހާ ބޭފުޅުންނަކީވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން. އެހެންވީމަ މިވާގޮތަކީ މަޖިލީހުންވެސް މުސާރަ ނަންގަވާނެ. އަނެއްކޮޅުން ވަޒީރު ކަމުގައި ތިއްބަވައިގެންވެސް މުސާރަ ނަންގަވާފަ ހުރިހާ އެއްޗެއް މި އަޅަނީ އަމިއްލަ ޖީބަކަށް. ކިހާ ދެކޮޅު ނުޖެހޭ ކަމެއްތޯ،" ގާސިމް ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި ރައީސް ނަޝީދަށް ތާއީދު ކުރާ ބަޔަކު އަންނަނީ ޕެޓިޝަނެއްގައި ސޮއިކުރަމުންނެވެ. އެ ޕެޓިޝަނުގައި އެމަނިކުފާނަށް ތާއީދު ކުރައްވާ އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ވެސް ވަނީ ސޮއިކުރައްވާފައެވެ.

comment ކޮމެންޓް