ދިފާއީ ހެކި ހުށަހަޅަށް ޕެސްޓަށް އިތުރު ހަތް ދުވަސް ދީފީ

ޕެސްޓް: ފޮޓޯ/ ސިމްބޮލިކް ރެކޯޑްސް

މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާތަކެއް އުފުލާފައިވާ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓު)ގެ ފަރާތުން ދިފާއީ ހެކި ހުށަހެޅުމަށް ހަތް ދުވަސް ދީފިއެވެ. މިއަދު ހެދުނު 09:30ގައި ކްރިމިނަލް ކޯޓުގައި ކުރިޔަށްދިޔަ ޝަރީއަތުގައި ޕެސްޓްގެ ފަރާތުން ދިފާއީ ހެކި ހުށަހެޅުމަށް ދީފައިވާ މުއްދަތު ހަމަވެފައިވާތީ އިތުރު ހަތް ދުވަހުގެ މުއްދަތެއް ވަނީ ދިފާއީ ހެކި ހުށަހަޅަން ދީފިއެވެ.

މިއަދަށް ޕެސްޓްގެ ފަރާތުން ދިފާއީ ހެކި ހުށަހަޅަން ދީފައިވާ މުއްދަތު ހަމަވެފައިވުމުން ޕެސްޓްގެ ވަކީލުން ވަނީ އިތުރު މުއްދަތެއް ދިނުމަށް އެދިފައެވެ. އެހެންކަމުން ގާޒީ ވަނީ ހެކި ހުށަހެޅުމަށް އިތުރު ހަތް ދުވަސް ޕެސްޓަށް ދީފައެވެ.

އެ މައްސަލައިގައި ދެން ދައުވާ އުފުލާފައިވާ ލ. ގަން، ތުނޑި، އަބަދަށްއުފާ، މުހައްމަދު ސުއައިދުގެ އަޑުއެހުންވެސް މިއަދު ކުރިޔަށް ގެންދިޔައެވެ. ސުއައިދުއަށް ލިބެންޖެހޭ ލިޔެކިޔުންތައް އޭނާއަށް ހަމައަށް ނުލިބޭ ކަމަށް ބުނެފައިވާތީ އެ މައްސަލަ ސާފު ކުރުމަށްފަހު ދެން އޮންނަ އަޑުއެހުމެއްގައި ދެފަރާތުން ހެކި ހުށަހެޅުމަށް ވަނީ ތާވަލް ކޮށްފައެވެ.

ޕެސްޓްގެ މައްޗަށް ފަސް ދައުވާއެއް ދައުލަތުން ވަނީ އުފުލާފައެވެ. އެއީ ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާއާއި، ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާއާއި، މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއާއި، ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ކުށުގެ ދައުވާއެވެ. މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނެ ދުވަހެއް އިއުލާން ކޮށްފައެއްނުވެއެވެ.

comment ކޮމެންޓް