ކޮވިޑް ޖެހިގެން މިއަދު ދެވަނަ މީހަކު މަރުވެއްޖެ

ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އެނދުތަކެއް -- ފޮޓޯ/ އެސްޓީއޯ

ހުޅުމާލޭ ފެސިލިޓީގައި ކޮވިޑަށް ފަރުވާ ދެމުން ދިޔަ 46 އަހަރުގެ އަންހެނަކު މަރުވެއްޖެއެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮވިޑް ޖެހިގެން މަރުވެފައި ވަނީ ރ. ދުވާފަރުގެ އަންހެނެކެވެ. އެއާ އެކު މިހާތަނަށް ރާއްޖެއިން ކޮވިޑުގައި މަރުވި މީހުންގެ އަދަދު ވަނީ 225އަށް އަރާފައެވެ.

ދުވާފަރު ކައުންސިލްގެ މެމްބަރު ޒުހުދާ އާދަމް ވިދާޅުވީ އެ އަންހެން މީހާ ހުޅުމާލެ ފެސިލިޓީއަށް ގެންދިޔައީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން ކަމަށެވެ. އެއީ ދުވާފަރުގައި ހުއްޓާ ކޮވިޑް ޖެހިގެން، އުނގޫފާރު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ހާލު ސީރިއަސްވުމުންނެވެ.

އޭގެ ފަހުން އެ މީހާގެ ހާލަތަށް އިތުރު ކުރި އެރުމެއް ލިބެމުން ނުދާ ކަމަށް އާއިލާއިން ބުނެފައި ވަނިކޮށް، މިއަދު އެ މީހާގެ ހާލު ކްރިޓިކަލްވި ކަމަށް ޒުހުދާ ވިދާޅުވިއެވެ. އަދި އެ މީހާ މަރުވި ކަމުގެ މައުލޫމާތު ލިބުނީ މެންދުރު 1:30ހާ އިރު ކަމަށް އޭނާ ވިދާޅުވިއެވެ.

އެއީ ދުވާފަރުން ކޮވިޑުގައި މަރުވި ފަސް ވަނަ މީހާއެވެ. އަދި އެ ބަލި ޖެހިގެން، އެ ރަށުގެ އިތުރު ދެ މީހެއްގެ ހާލު ސީރިއަސްވެފައިވާ ކަމަށާއި އެމީހުންނަށް މާލެ އާއި ހުޅުމާލޭގައި ފަރުވާ ދެމުންދާ ކަމަށް ޒުހުދާ ވިދާޅުވިއެވެ.

comment ކޮމެންޓް