އެޗްޑީއެފްސީގެ ކޮރަޕްޝަން މައްސަލަތަކެއް ފެންމަތިކޮށްފި

ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ގެ ކޮރަޕްޝަންގެ މައްސަލަތަކަކާއި، ގަވާއިދާއި ޚިލާފަށް އެތާގެ ދެ މުވައްޒަފަކު ޑޮލަރު ވިއްކާކަމުގެ މައްސަލަތަކެއް އޭސީސީ އަށާއި ފުލުހުންނަށް ހުށަހަޅައިފި އެވެ.

އަމިއްލަ ފަރާތަކުން އޭސީސީއަށް ފޮނުވި، އެ ސިޓީގައި ބުނަނީ އެޗްޑީއެފްސީގެ ބިޑެއް ސްރީލަންކާގެ "ސިނެޕްސިސް" ކިޔާ ކުންފުންޏަކަށް ދިނުމަށް ޓަކައި އެތާގެ އެމްޑީ ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށާއި ސްރީލަންކާގެ ސިނެފްސިސްއަށް އެ މަޝްރޫއަށް ބިޑް ހުށަހެޅުމަށް ފުރުސަތު ދިނީ ބިޑާ ބެހޭ މައުލޫމާތު ސާފު ކުރުމަށް ބޭއްވި ސެޝަންއަށް ސިނެޕްސިސް ކުންފުނީގެ މަންދޫބެއްގެ ގޮތުގައި އެޗްޑީއެފްސީގެ މުވައްޒަފަކު އެމްޑީގެ އެންގުމަށް ބައިވެރިކޮށް ގެން ކަމަށެވެ.

ނަމަވެސް ގަވާއިދު ބުނާ ގޮތުން މައުލޫމާތު ސާފްކުރުމަށް ހާޒިރުނުވާ ފަރާތަކަށް އެއްވެސް ބިޑެއް ހުށަހެއްނޭޅޭނެ އެވެ.

ސަން އަށް ކޮޕީ ލިބިފައިވާ އެ ސިޓީގައި ބުނަނީ އެޗްޑީއެފްސީގެ ދެ މުވައްޒަފަކު ގުޅިގެން ކުންފުނީގެ ވަސީލަތްތައް ބޭނުންކޮށްގެން ލައިސަންސް ނުނަގައި ޑޮލަރުގެ މުއާމަލާތްތައް ކުރަމުން ގެންދާ ކަމަށެވެ. އަދި އެ ވިޔަފާރީގައި އެމީހުން މަކަރުހަދާ ކަމަށާއި ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ ގިނަ މީހުންގެ އަތުން ފައިސާ އަތުލުމަށް ފަހު ފައިސާ ނުދީވާ ކަމަށް ވެސް އެސިޓީގައި ބުނެ އެވެ. އަދި އެފައިސާ އަނބުރާ ރައްދުކުރުމަށް އެޗްޑީއެފްސީ އިން އެތާގެ މުވައްޒަފަކު 7 ލައްކަ ރުފިޔާގެ ލޯނެއް ނަގާފައިވާ ކަމަށެވެ. އަދި ބުނަނީ އެ ލޯން ނަގާފައި ވަނީ ގެ ހެދުމަށް ކަމަށް ބުނެ އޮޅުވާލައިގެން ކަމަށެވެ.

އެޗްޑީއެފްސީއަކީ ދިވެހި ސަރުކާރާއި އޭޝީއަން ޑިވަލޮޕްމަންޓް ބޭންކާއި އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން އަދި އެޗްޑީއެފްސީ އިންވެސްޓްމަންޓް އިންޑިއާ އިން ހިއްސާވާ ޖޮއިންޓް ވެންޗާ ކުންފުންޏެކެވެ.

ފުލުހުން ބުނީ އެ މައްސަލަ ހުށަހެޅައިފި ނަމަ އެ މައްސަލަ ބަލަމުންގެންދާނެ ކަމަށެވެ. އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ އެ މަައްސަލަ އެތަނަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު