ފަޔަށް ލިބުނު އަނިޔާއާ އެކު ނަޑާލްގެ ސީޒަން ނިންމާލަން ޖެހިއްޖެ

ރަފޭލް ނަޑަލް--

ފަޔަށް ލިބުނު އަނިޔާގެ ސަބަބުން ކުރިއަށް އޮތް ޔޫއެސް އޯޕަންގައި ވާދަ ނުކުރެވޭނެ ކަމުގެ ޔަގީންކަމާ އެކު މި އަހަރު ދެން އެއްވެސް މުބާރާތަކުން ނުފެންނާނެކަން ރަފައެލް ނަޑާލް ހާމަކޮށްފިއެވެ.

މިފަހުން ލިބުނު އަނިޔާއިން ފަރުވާ ހޯދަމުން އަންނަ 20 ގްރޭންޑް ސްލޭމްގެ ވެރިޔާ ނަޑާލްއަށް އެންމެ ފަހުން އޮތް ސިންސިނަޓީ މާސްޓާސް މުބާރާތާއި ކެނާޑިއަން އޯޕަންސްވެސް ވަނީ ގެއްލިފައެވެ.

މިއަހަރުގެ ބާކީ ދެން އޮތް އެންމެ ބޮޑު މުބާރާތް ކަމަށްވާ ޔޫއެސް އޯޕަންސްއަށް ތައްޔާރުވަމުން އައި ނަޑާލްއަށް ފުރުސަތު ގެއްލުނުއިރު، އެ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޑޮމިނިކް ތިއެމްއާއި ކުރިން ފަސް ފަހަރު އެ މުބާރާތް ކާމިޔާބު ކުރި ރޮޖާ ފެޑެރާ ވެސް ވަނީ ޔޫއެސް އޯޕަންސްގައި ވާދަ ނުކުރާނެކަން އިއުަލާން ކޮށްފައެވެ.

ނަޑާލް، 35، އިންސްޓަގުރާމު މެދުވެރިކޮށް ކުރި ޕޯސްޓެއްގައި ބުނީ އޭނާގެ ފަޔަށް އަނިޔާވެފައި ހުންނަތާ ގާތް ގަނޑަކަށް އަހަރެއްވާން ކައިރިވެފައިވާ ކަމަށެވެ. އަދި ފަޔަށް ލިބިފައިވާ އަނިޔާގެ ވޭނާ އެކު އިތުރަށް ކުޅެން ބޭނުން ނުވާ ކަމަށާއި، މި ސީޒަނުގައި ދެން އޭނާ ނުކުޅޭނެ ކަމަށް ނަޑާލް ވަނީ ބުނެފައެވެ.

"އެންމެ ރަނގަޅު ސިއްހަތެއްގައި ހުރެގެން އެނބުރި އައުމަކީ އަހަރެންގެ އުންމީދު. މީގެ ކުރިން ވެސް ކުރަމުން އައީ އެކަންތައް. އެހެންވީމާ މިފަހަރުވެސް އެނބުރި އަންނާނީ ކުރިއަށް ވުރެން ވަރުގަދަކޮށް." ނަޑާލްގެ ޕޯސްޓުގައި އޭނާ ބުނެފައިއެވެ.

މީގެ ކުރިން ހަތަރު ފަހަރު ޔޫއެސް އޯޕަންސް ކާމިޔާބު ކުރި ނަޑާލް މިއަހަރު އޮތް ވިމްބްލެޑަން އާއި އޮލިމްޕިކްސްގައި ވެސް ވާދަކޮށްފައެއް ނުވެ އެވެ.

މިވަގުތު ދުނިޔޭގެ އެންމެ ތަޖުރިބާކާރު ތިން ޓެނިސް ޕްލޭޔަރުން ކަމަށްވާ ނަޑާލްއާއި ފެޑެރާގެ އިތުރުން ނޮވަކް ޖޮކޮވިޗް ވަނީ 20 ގްރޭންޑް ސްލޭމް ހޯދައިގެން އެއްވަރުވެފަ އެވެ. އެހެންކަމުން ޔޫއެސް އޯޕަންސް ކާމިޔާބުކޮށް ރެކޯޑް ހެދުމުގެ ފުރުސަތު މިހާރު އޮތީ ޖޮކިވިޗްއަށެވެ.

comment ކޮމެންޓް