މަހުލޫފްގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އިތުރު ހެއްކެއް ނުހޯދަން: ފުލުހުން

ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔަސް

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކާ ގުޅިގެން އިތުރު ހެއްކެއް ހޯދަމުން ނުދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނި ގޮތުގައި މަހުލޫފްގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އާ ހެއްކެއް ނުހޯދި ނަމަވެސް، މިހާތަނަށް ހޯދިފައިވާ ހެއްކާ ބެހޭ ބައެއް ކަންކަން ސާފުކޮށްދޭން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެދިފައިވެއެވެ. އެހެންކަމުން ފުލުހުން މިހާރު ދަނީ އެ މަސައްކަތް ކުރަމުންނެވެ.

"މިނިސްޓަރު މަހުލޫފްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގައި އިތުރު އާ ހެކިތަކެއް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ނުދޭ. ނަމަވެސް، ޕީޖީގެ އެދުމުގެ މަތިން ތަހުގީގުގައި ކުރިންވެސް ހޯދާފައި ހުރި ހެކިތަކާ ގުޅޭ ބައެއް ކަންކަން އިތުރަށް ސާފުކޮށްދޭން ޕީޖީން އެދިފައިވާތީ އެކަން ފުލުހުން ކުރިއަށް އެބަ ގެންދަން،" ފުލުހުން ބުންޏެވެ.

ފުލުހުން އެހެން ބުނެފައި ވަނީ، މަހުލޫފަށް ދައުވާކުރުން ލަސްވަނީ އެ މައްސަލައިގައި އެކަށީގެންވާ މިންވަރަށް ހެކި ނުހޯދޭތީކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވި ފަހުންނެވެ.

އެމްއެމްޕީއާރުސީ މައްސަލައިގައި މަހުލޫފުގެ މައްޗަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕީޖީއަށް ފޮނުވީ، 2014 ވަނަ އަހަރު މަޖިލިސް މެމްބަރެއްގެ ގޮތުގައި ހުންނަވައި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒީ) ބިލަށް ވޯޓު ދިނުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދެއްވި 33،000 ޑޮލަރުގެ ރިޝްވަތެއް ގަބޫލު ކުރެއްވި ކަމުގެ ތުހުމަތުގައެވެ. ނަމަވެސް މަހުލޫފު ވަނީ އޭނާ އެ ބިލަށް ވޯޓު ދެއްވީ އޭރު އޭނާ ހުންނެވި ޕީޕީއެމްގެ ތްރީ ލައިން ވިޕާ އެއްގޮތަށް ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް