ފްލޫ ސާމްޕަލް ތަކެއް ޕޮޒިޓިވްވުމާ ގުޅިގެން އިތުރު ތިން ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
މިއަދު މޮނިޓަރިންގެ ހާލަތަށް ގެނައީ ރ. އަލިފުއްޓާއި މ. މަޑުއްވަރީގެ އިތުރުން ގއ. ކަނޑުހުޅުދޫއެވެ.
އަލިފުށި ކައުންސިލްގެ ރައީސް އާދަމް އިމްރާން "ސަން"އަށް ވިދާޅުވީ އެރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ އެރަށުން ނެގި ސާމްޕަލް ތަކެއްގެ ތެރެއިން މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެން ކަމަށެވެ.
އޭނާ ވިދާޅުވީ ޕޮޒިޓިވް ކޭސްއާ ގުޅިގެން ކޮންޓެކް ޓްރޭސިންގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
"މިރަށުގަ ރޯގާ އުޅޭތީ އެންމެ ފަހުން ނެގި 16 ސާމްޕަލެއްގެ ތެރެއިން އެންމެ މީހަކު ޕޮޒިޓިވްވީ. ޕޮޒިޓިވްވީ ޔޫކޭޖީގަ ކިޔަވާ ކުއްޖެއް. ދެން ތިބި އެންމެން ނެގެޓިވް،" އިމްރާން ވިދާޅުވިއެވެ.
މިއީ އަލިފުށި މޮނިޓަރިންގެ ހާލަތަށް ގެނައި ދެވަނަ ފަހަރެވެ.
މ. މަޑުއްވަރީ ކައުސިލް މެމަބަރު ފާތުމަތު ޝަރާ މުހައްމަދު "ސަން"އަށް ވިދާޅުވީ އެރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ އެ ރަށުން ނެގި 30 ސާމްޕަލްގެ ތެރެއިން ސާމްޕަލެއް ޕޮޒިޓިވް ވުމާ ގުޅިގެން ކަމަށެވެ.
"މި ރަށް މޮނިޓަރިންއަށް ލީ މިރަށުން ނެގި 30 ސާމްޕަލްގެ ތެރެއިން ސާމްޕަލެއް ޕޮޒިޓިވް ވެގެން. ޕޮޒިޓިވްވީ ގްރޭޑް 7 ގަ ކިޔަވާ 13 އަހަރުގެ ކުއްޖެއް. އެ ކުއްޖާ އާ ކޮންޓެކްޓްވީ މީހުންގެ ތެރޭގަ 23 ފަރާތެއް މިހާތަނަށް ފާހަގަ ކުރެވިފައިވަނީ،" ޝަރާ ވިދާޅުވިއެވެ.
ކަނޑުހުޅުދޫ ކައުންސިލްގެ ރައީސް ތޯރިގް އަފީފް "ސަން"އަށް ވިދާޅުވީ އެ ރަށުން ޕޮޒިޓިވްވީ އަލާމާތް ތަކެއް ހުރެގެން ސާމްޕަލް ނެގި ހަތަރު މީހެއްގެ ތެރެއިން އެކަކު ކަމަށެވެ.
"މިރަށުން ޕޮޒިޓިވްވީ މެދުއުމުރުގެ މީހެއް. އޭނާ ރަށުން ބޭރު ނުވާތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ،" ތޯރިގު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރިއަށް އެބަދާ ކަމަށާއި އޭގެ ތެރެއިން މިހާތަނަށް 28 ސާމްޕަލެއް ނަގާފައިވާ ކަމަށެވެ.
ތޯރިގް ވިދާޅުވީ ކަނޑުހުޅުދޫގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން 98 ޕަސެންޓް މީހުން ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައިވާ ކަމަށެވެ.
މިވަގުތު މޮނިޓަރިންގެ ހާލަތުގައިވާ ޖުމުލަ 18 ރަށެއް އެބައޮތެވެ.
މިވަގުތު މޮނިޓަރިންގެ ހާލަތުގައިވާ ރަށްރަށް:
- ރ. ދުވާފަރު
- ކ. ކާށިދޫ
- ށ. ފީވަށް
- ހއ. ތަކަންދޫ
- ދ. ކުޑަހުވަދޫ
- އއ. ހިމަންދޫ
- ހދ. މަކުނުދޫ
- ބ. އޭދަފުށި
- ބ. ކަމަދޫ
- އދ. ހަންޏާމީދޫ
- ހދ. ނެއްލައިދޫ
- ހއ. އިހަވަންދޫ
- ގދ. ތިނަދޫ
- އދ. ދަނގެތި
- ގއ. މާމެންދޫ
- ގއ. ކަނޑުހުޅުދޫ
- މ. މަޑުއްވަރި
- ރ. އަލިފުށި