ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ދިމާވި ދަތިތައް އިތުރަށް ބޮޑުނުވެ ހިފަހައްޓާލެވުނީ މަސްވެރިން ކުރި މިންނެތް މަސައްކަތުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ ތ. އަތޮޅުގެ ހަތް ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ވަންދޫގެ މަސްވެރިންނާ ބައްދަލުކުރައްވައެވެ. ރައީސް ވިދާޅުވީ މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލު ކޮށްދެއްވާނެ ކަމަށާއި މަސްވެރިކަން ކުރިއެރުވުމަކީ ސަރުކާރުން އިސްކަންދީގެން ކުރަން ބޭނުންވާ ކަމެއް ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ވަންދޫ މަސްވެރިންނަށް ދިމާވާ ދަތިތަކާއި ބޭނުންވާ ކަންކަން އޮޅުންފިލުއްވާފައެވެ. މަސްވެރިން އެންމެ ބޮޑަށް ފާހަގަ ކޮށްފައިވަނީ މަހަށް ހަމަ އަގު ނުލިބޭ މައްސަލައާއި މަސް ކިރުމުގައި ދިމާވާ ދަތިތަކުގެ ވާހަކައެވެ.
މަސްވެރިންގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު، ރައީސް ވިދާޅުވީ މަހަށް ހަމަ އަގު ހޯދައިދިނުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ މަސްވެރިކަން ކުރިއެރުވުމަށް ސަރުކާރުން ވިސްނާފައިވާ ގޮތްވެސް ހާމަކުރައްވާފައެވެ.
ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުގައި ހުރި ކަނދުފަތިތައް އިތުރުކުރުމުގެ މަސައްކަތާއި، މިފްކޯ ތަރައްޤީކޮށްގެން ފަސޭހައިން އަވަހަށް ހަމަ އަގުގައި މަސް ކިރުވޭނެ ގޮތްތަކެއް ފަހިކުރައްވަން ސަރުކާރުން މަސައްކަތްކުރާ ކަމަށެވެ.
މީގެ އިތުރުންވެސް އެމަނިކުފާނު ވިދާޅުވީ ތ. ފުނައްޑޫއިން މަސްވެރިންނަށް ފޯރުކޮށްދޭ ހިދުމަތްތަކާއެކު ފުނައްޑޫ އަލުން އޮޕަރޭޝަނަލް ކުރުމަށްވެސް މަސައްކަތްކުރައްވާނެ ކަމަށެވެ.
މި ބައްދަލުކުރެއްވުމަށް ފަހު އެމަނިކުފާނު ވަނީ ރަށު ކައުންސިލް އިދާރާއަށާއި ވަންދޫ ސްކޫލަށް ޒިޔާރަތްކުރައްވާފައެވެ.