ތ. އަތޮޅުގެ ތަރައްގީގެ މިސްރާބު ފަތުރުވެރިކަމަށް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ހަފްތާތެރޭ ތ. އަތޮޅުގެ ހަތް ރަށަކަށް ކުރެއްވި ޒިޔާރަތްވެގެންދިޔައީ އެ އަތޮޅުގެ ގިނަ ބަޔަކަށް ތަރައްގީގެ އާ އުންމީދުތަކެއް ގެނުވި ދަތުރަކަށެވެ. ކޮންމެ ރަށެއްގެވެސް ކައުންސިލާއި މުހިންމު އިދާރާތަކާއި، އެކި ދާއިރާތަކުގެ ފަރާތްތަކާއި ރައީސް ސޯލިހު ބައްދަލުކޮށް ގިނަ މަޝްވަރާތަކެއް ކުރިއިރު، ގިނަ ބައެއްގެ ޝައުގުވެރިކަން އެންމެ ދަމައިގަތް އެއް ވާހަކައަކީ ފަތުރުވެރިކަމުގެ އެންމެ ރިސޯޓެއް މިވަގުތު އޮތް ތ. އަތޮޅުގައި ފަތުރުވެރިކަން އިތުރަށް ފުޅާކޮށް ކުރިއަރުވަން ރައީސް ދެއްކެވި ވާހަކަތަކެވެ.

ތ. އަތޮޅުގައި މިވަގުތު ރިސޯޓަކަށް އޮންނަނީ ހަމައެކަނި ކޯމޯ މާލިފުށި އެކަންޏެވެ. އިތުރު ރިސޯޓެއް ގުދުރަތީ ގޮތުން ރީތިކަމަށް ނަން މަޝްހޫރު އެ އަތޮޅުގައި ނެތްކަމަކީ އެ އަތޮޅު މީހުންނަށް އެނގޭނެކަމަކަށްވިޔަސް، ގިނަ ބަޔަކަށް ހައިރާންކަން ގެނުވި އާ ވާހަކައެކެވެ. އަތޮޅު ކައުންސިލާއެކު ރައީސް ބޭއްވި މަޝްވަރާތަކުގައިވެސް އެ އަތޮޅުގައި ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަކީ ބޮޑެތި ކުރިއެރުންތަކެއް އަތޮޅަށް ލިބޭނޭކަމެއްކަން ކައުންސިލަރުންގެ ބަސްތަކުން ދޭހަވިއެވެ.

ތ. އަތޮޅު ކައުންސިލްގެ ރައީސް އަބްދުﷲ ޝަރީފް އަބްދުލް ފައްތާހް "ސަން"އަށް ވިދާޅުވިގޮތުގައި ހަމައެކަނި މަސްވެރިކަމާއި ދަނޑުވެރިކަމަށް އަތޮޅުގެ ރަށްތަކުން ބަރޯސާ ވުމުގެ ބަދަލުގައި ފަތުރުވެރިކަން ފުޅާކުރުމަކީ އަތޮޅު ކައުންސިލުގެ އެންމެ ބޮޑު އެއް އަމާޒެވެ. ރަނގަޅެވެ، ކޮންމެ ރަށެއްގައިހެން ގެސްޓުހައުސްއެއް އެބަ ހުއްޓެވެ. އެކަމަކު އޮކިއުޕެންސީއާ ދޭތެރޭ ސުވާލު އުފެދެއެވެ. ބޮޑު އެއާޕޯޓެއްވެސް އެބަ އޮތެވެ. ފަޅު ރަށްތައްވެސް ގިނައެވެ. ޑައިވް ޕޮއިންޓްތަކާއި، ރާޅާ އަޅާ ސަރަހައްދުތައްވެސް އެހާމެ ގިނައެވެ. ދޮންވެލި ތުނޑިތަކާއި ވެލާ ކަހަނބު އަރާ ޕޮއިންޓްތަކާއި ފަތުރުވެރިން އެންމެ ދެކެން ބެނުންވާ މިކަހަލަ ތަންތަން ތ. އަތޮޅުގައި މަދެއް ނޫނެވެ. ފުޅާ ދާއިރައެއްގައި ރިސޯޓު ތަރައްގީކުރަން ތ. އަތޮޅު އޮތީ ދޮންވެ ފައްކާވެފައެވެ. އެހެންނަމަވެސް އަދި އެ ދުވަހެއް ނާދެއެވެ. އެ އަތޮޅުގައި ފަތުރުވެރިކަން ކުރިއަރުވަން ކުރިން ކުރި މަސައްކަތްތަކުގެ ތެރެއިން ހަދަން ފަށާފައި ނުނިމި ހުރި ގިނަ ދުވަސްތަކެއް ވެފައިވާ އެތައް އެތައް ރަށެއް އެބަ ހުއްޓެވެ. މިކަން ފައްތާހުވެސް ފާހަގަކުރެއްވިއެވެ.

ކޯމޯ މާލިފުށި

ފައްތާހު ވިދާޅުވީ މިވަގުތު އަތޮޅުގައި އޮންނަ ހަމައެކަނި ރިސޯޓާ އަތޮޅު ކައުންސިލާ ދެމެދު އޮންނަ ގުޅުން އެހާ ރަނގަޅު ނޫންކަމަށެވެ. ނަމަވެސް އަތޮޅުގައި ހިންގާ ރިސޯޓެއްކަމުން އަތޮޅަށް އެކަމުގެ ނަފާ ކުރާ ކަމަށެވެ. ރިސޯޓު ތަރައްގީކުރަން ދޫކުރިނަމަވެސް މަސައްކަތް ކުރިއަށް ނުދާތާ މިހާރު 10 ވަރަކަށް އަހަރު ވެފައިވާ ރަށްތައްވެސް އެބަހުއްޓެވެ. ރައީސް ސޯލިހު ދެއްކެވި ވާހަކަތަކުން އެ އަތޮޅުގައި ފަތުރުވެރިކަމަށް ރިސޯޓު ތަރައްގީކުރަން ވަރަށް އަވަހަށް ފެށިގެންދާނެކަމުގެ އުންމީދު ކައުންސިލަށް ވަނީ ލިބިފައެވެ. މިހާރުވެސް އެއް ރަށުގެ މަސައްކަތް ވަނީ ފެށިފައެވެ. އެ ރަށް ތަރައްގީކޮށް ނިމިގެން ދެ އަހަރެއްހާ ދުވަސްތެރޭ އޮޕަރޭޝަނަލް ވާނެކަމަށް ފައްތާހު ލަފާކުރިއެވެ.

އެހެންނަމަވެސް ފަތުރުވެރިކަން ތަރައްގީކުރުމަކީ އެކަމަކަށް ގޮންޖެހުންތަކެއްވެސް ހުރި ކަމެކެވެ. އެ އަތޮޅުގެ މައިގަނޑު ސިނާއަތަކީ މަސްވެރިކަމާއި ދަނޑުވެރިކަމެކެވެ. އަދި ބައެއް ރަށްރަށުގައި ބޯޓު ބިލްޑިންގެ މަސައްކަތެވެ. ގެސްޓްހައުސްގެ ވިޔަފާރި މިހާރުވެސް އެ އަތޮޅުގައި ކުރަމުންދާއިރު އަދި އެއީ އެންމެ އެދެވޭ ގޮތެއްގައި އަތޮޅަށް އެކަމުގެ ފައިދާ ކުރާ ދާއިރާއެއް ނޫނެވެ. އެކަމަށްވެސް އިންތިޒާރުތަކަކާއި ގިނަ ހަރަދުތަކެެއް އަދި ކުރަން ޖެހޭނެއެވެ.

"މިހާރު އެބަހުރި (މީހުންގެ ޝައުގުވެެރިކަން). އެކަމަކު ދިމާވާ މައްސަލައަކީ ފައިސާގެ ދަތިކަން. ބޭންކްތަކުން ލޯނު ނަގައިގެން ހެދީމަ އެ ކަވާ ކުރުމުގައި ދަތިތަކެއް ދިމާވޭ. އެހެންކަމުން ތަންކޮޅެއް ލުއި އިންޓްރަސްޓެއްގެ ދަށުން ނުވަތަ ތަންކޮޅެއް ފަސޭހައިން އެކަން ކުރެވޭނެ ގޮތްތަކެއް ވުން ގެސްޓްހައުސް ވިޔަފާރިތަކަށް. އަނެއްކަ އެކަމަށް ބޭނުންވާ ބިން ބޭނުންވޭ،" ފައްތާހު ކިޔައިދިނެވެ.

ފަތުރުވެރިކަމުގެ ދާއިރާއަށް އިންވެސްޓްކުރާނޭ ފަރާތްތައް ހޯދުމަށް ގޮންޖެހުން އެބަ ހުއްޓެވެ. އަތޮޅު ތެރޭ ކަނޑުދަތުރުގެ އެދެވޭ ފަސޭހަ ނިޒާމެއް ގާއިމުކުރަންވެސް ޖެހޭނެއެވެ. އެއާޕޯޓެއް އޮތަސް، އެ އެއާޕޯޓުން އަލަށް ހަދާ ރިސޯޓުތަކާއި ގުޅުވައިދީ ސަޕްލައި ޗޭނުތައް ބިނާކުރުމަކީވެސް ލޮޖިސްޓިކްސްގެ ބޮޑެތި ފިކުރުތަކެވެ. އަދި އެ ބޮޑު އެއާޕޯޓު އެންމެ ރަނގަޅަށް އޮޕަރޭޓްކޮށް އެތަނުން ރައްޔިތުންނަށް އެންމެ އެދެވޭ ގޮތުގައި ފައިދާތަކެއްވެސް އަދި ނުލިބޭކަމަށް ފައްތާހު ދެކިލައްވައެވެ. ފަތުރުވެރިކަން ފަށާނަމަ އެއާޕޯޓު ހިންގުން ހަރުދަނާކުރުންވެސް އެއީ ކުރަން ޖެހޭނެ ކަމެކެވެ. ފަތުރުވެރިކަމާއި އެއާޕޯޓްގެ ހިންގުމާއި އޮތީ ވަރަށް ބޮޑަށް ގުޅިލާމެހިފައެވެ. މި ހުރިހާ ގޮންޖެހުންތަކަކީ ފަހަނައަޅައި ދެވޭނެ ގޮންޖެހުންތަކެއްކަން ފައްތާހު ގަބޫލުކުރައްވައެވެ.

އެ ގޮންޖެހުންތައް ފަހަނައަޅައި ކުރިޔަށް ދެވިއްޖެނަމަ، އަތޮޅުގެ އުމްރާނީ ތަރައްގީއަށް ކުރިއެރުންތަކެއް އަންނާނެކަމަށް ފައްތާހު ގަބޫލުފުޅު ކުރައްވައެވެ. ވަޒީފާތައް އިތުރުވެ، އެންމެ އާންމު ރައްޔިތު މީހާއަށްވެސް ކޮންމެވެސް ފައިދާއެއް ކޮންމެވެސް ގޮތަކުން ކުރާނެކަމެއްކަން ފައްތާހު ޔަގީންކުރިއެވެ.

"މިހާރު ގިނަ މީހުން މަސައްކަތް ކުރަނީ މާލޭގަ ނޫނީ [އެހެން އަތޮޅުތަކުގެ] ރިސޯޓްތަކަށް ގޮސްގެން. އޭގެ ބަދަލުގައި އަތޮޅުގައި އެކަން ކުރެވުނީމަ އާއިލާއާއެކު ވަޒީފާތަކުގައި އުޅެވޭނެ. އިޖުތިމާއީ ގުޅުން އިތުރު ވުމުގެ އިތުރުން އަތޮޅަށް ލިބޭ ފައިސާއެއް އަތޮޅަށް އިންވެސްޓް ކުރެވޭނެ,"

"އަދި މިހާރު މީހުންނަށް ވަޒީފާ ނެތިފަ ނޫނީ ފުރުސަތު ނުލިބި ހުރި ފަރާތްތަކަށް ފުރުސަތުތައް ލިބޭނެ. މި އަތޮޅަކީ މަސްވެރި އަދި ދަނޑުވެރި އަތޮޅެއް. ޓޫރިޒަމްގެ ރަށްރަށަށް ބޭނުންކުރެވޭނެއޭ މި އަތޮޅުގެ އުފެއްދުންތައް،" ފައްތާހު ވިދާޅުވިއެވެ.

ކާމިޔަބުވެއްޖެނަމަ، އެ އަތޮޅުގައި ތިން ވަނަ ސިނާއަތެއް އުފެދިގެން ދާނެއެވެ. މިކަންކަން ކުރަން ކައުންސިލުން ތިބީ ކެތްމަދުވެފައެވެ. އަދި ރައީސްގެ ދަތުރުފުޅާއެކު މިކަމަށް ލިބުނި އިތުރު ހިތްވަރަކާއި އުންމީދެކެވެ. އެބޭފުޅުންގެ އުންމީދަކީ ތ. އަތޮޅަކީ ރާއްޖޭގައި ފަތުރުވެރިކަމަށް މަޝްހޫރު އަތޮޅެއް ގޮތުގައި ތަރައްގީވެގެން ދިއުމެވެ. ރައީސް ދެއްވި އުފާވެރި ހަބަރުތައް އަވަހަށް ހަގީގަތަކަށް ވުމެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިއީ 17،000 މީހުންގެ އާބާދީއެއް އޮތް އަތޮޅެކޭ. އެހެންކަމުން މި އަތޮޅުގެ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެކޭ، ރާއްޖޭގެ ގިނަ ހިސާބުތަކުގައި މަސައްކަތްތެރިކަމުގެ ފުުރުސަތުތައް އޮންނަ މިންވަރަށް މި އަތޮޅުގައި ވެސް ފުރުސަތުތައް ފަހިވާނެ ގޮތެއް ދެއްވުން. އަތޮޅު އޮންނަ ހިސާބަކީ، އެ އަތޮޅަކަށް ލިބިފައިވާ ހައްގު މިންވަރު ދިނުމަށް އެޅޭ ހުރަހަކަށް ނުވާނޭ،"

comment ކޮމެންޓް