އަފްގާނިސްތާނުގެ އަންހެނުންނާއި ކުޑަކުދިންނަށް ރާއްޖެއިން ވެވޭނެ އެހީ ބަލަނީ

ރައްޔިތުންގެ މަޖިލީުގެ 241 ކޮމިޓީގައި ގަލޮޮޅު އުތުރު މެމްބަރު އީވާ އަބްދުﷲ -- ފޮޓޯ/ މަޖިލިސް

އަފްގާނިސްތާނުގެ ރައްޔިތުންނަށް، ހާއްސަކޮށް އަންހެނުންނާއި ކުޑަކުދިންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ރާއްޖެއިން ކުރެވިދާނެ ކަންކަން ދެނެގަތުމަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމީޓީއަށް ހުށަހަޅައިފިއެވެ.

އެ މައްސަލަ 241 ކޮމިޓީއަށް ހުށަހެޅީ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އީވާ އަބްދުﷲއެވެ.

ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މުގައްރިރު، ހިތަދޫ އިތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމަށް އެޑްރެސްކޮށް މިދިޔަ ހޯމަ ދުވަހު އީވާ ފޮނުވި ސިޓީގައި ވަނީ، އަފްގާނިސްތާނު ސަރުކާރުގެ ބާރުކެނޑި ތާލިބާނުންގެ އަތްދަށަށް އެގައުމު ވެއްޓި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް އެއްވެސް ނުރައްކަލެއް އޮތްތޯ ބެލުމަށް ޓަކައި ހަދާފައިވާ ރިސްކު އެސެސްމަންޓެއް ދެނެގަތުމަށް ހުށަހަޅާ ކަމަށެވެ.

އަދި އެހީއަށް ބޭނުން ޖެހިފައިވާ އަފްގާނިސްތާނުގެ ރައްޔިތުންނަށް، ހާއްސަކޮށް އަންހެނުންނާއި ކުޑަކުދިންނަށް އިންސާނިއްޔަތުގެ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ގައުމެއްގެ ގޮތުގައި ރާއްޖެއިން ކުރެވިދާނެ ކަންކަން ދެނެގަތުމަށްވެސް އީވާ ވަނީ 241 ކޮމިޓީއަށް ހުށަހަޅާފައެވެ.

މިދިޔަ އާދިއްތަ ދުވަހު ތާލިބާނުން އަފްގާނިސްތާނުގެ ވެރިރަށް ކާބުލްއަށް އެރުމާއެކު އެގައުމުގެ ސަރުކާރު ވަނީ ވެއްޓިފައެވެ. އަދި އެ ޖަމާއަތުން ކާބުލްއަށް އެރުމުގެ ތަންކޮޅެއް ކުރިން ރައީސް އަޝްރަފް ޣަނީ ވަނީ އޭނާގެ އާއިލާއާއެކު ގައުމު ދޫކުރައްވާ ވަޑައިގެންފައެވެ.

އެއާއެކު އަފްގާނިސްތާން ތާލިބާން ޖަމާއަތުގެ ބާރުގެ ދަށަށް ގެންދިޔުމާ ގުޅިގެން ގިނަ ބަޔަކު ވަނީ ހާލުގައި ޖެހި ރެފިއުޖީންގެ ގޮތުގައި ހިޖުރަކުރަންޖެހިފައެވެ.

comment ކޮމެންޓް