ސ. ހިތަދޫ ބަނދަރުގައި ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތް ފަށައިފި

އައްޑޫ ސިޓީ ހިތަދޫ އިހުގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތް އިއްޔެ ފަށާފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

ހިތަދޫ ބަނދަރު މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ އޭޕްރީލް ދެވަނަ ދުވަހުއެވެ. ހިތަދޫ އިހުގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 234،297 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 800 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމަށް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން އެ މަޝްރޫއުގެ ތެރެއިން ހިތަދޫގައި 284 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލައި 1،420 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދާނެއެވެ. އަދި ހިތަދޫ ނެރު ބައްތި ހަރުކުރުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް އެ މަޝްރޫއުގެ ތެރޭގައި ކުރެވިގެން ދާނެއެވެ.

ޕްލޭނިން މިނިސްޓްރީ އިން އެމްޓީސީސީއާ ހަވާލުކުރި އެ މަޝްރޫއަކީ 52.43 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ. އެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 365 ދުވަސްތެރޭގަ އެވެ.

comment ކޮމެންޓް