ޖޭޕީގެ ފަރާތުން 241 ކޮމިޓީއަށް އަލީ ހުސައިން

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241) ކޮމިޓީއަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ފަރާތުން ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ހަމަޖައްސައިފިއެވެ.

މީގެ ކުރިން ޖޭޕީގެ ފަރާތުން 241 ކޮމިޓީގައި އިންނެވީ ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒެވެ. އަލީ ހުސެއިން ކޮމިޓީއަށް ހަމަޖެއްސީ ރިޔާޒް ޖޭޕީ ދޫކޮށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)އާ ގުޅުމުންނެވެ. އެހެންކަމުން ކުރިން ރިޔާޒު އިންނެވި ސްލޮޓަށް، ޖޭޕީގެ ފަރާތުން އަލީ ހުސައިން ހަމަޖެއްސެވިކަން މިއަދުގެ މަޖިލީހުގެ ޖަލްސާގައި ރިޔާސަތުން ވަނީ އިއުލާނުކުރައްވާފައެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ، ކޮމިޓީތަކަށް ބަދަލުތަކެއް އައިސްފައިވާ ކަަމަށާއި، އެގޮތުން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ހަމަޖައްސާފައިވާ ކަމަށެވެ.

އެ ކޮމިޓީގެ މެމްބަރުންގެ ގޮތުގައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބުވެސް ވަނީ އިއްޔެ އަލުން ހަމަޖައްސާފައެވެ.

މީގެ ކުރިން އެ ކޮމިޓީގައި ތިއްބެވި އެ ދެ މެމްބަރުން ކޮމިޓީން ދުރުކޮށްފައި ވަނީ މަޖިލިސް ރައީސް މުހައްމަދު ނަޝީދު އަވަހާރުކޮށްލުމަށް ދިން ހަމަލާގެ އިންކުއަރީ ކުރިޔަށް ގެންދިޔުމަށެވެ.

comment ކޮމެންޓް