މީޑިއާގައި ދޮގު ހަބަރުފަތުރާތީ ރޮނާލްޑޯގެ ރައްދެއް

ޗެމްޕިއަންސް ލީގުގެ މެޗެއްގައި ކްރިސްޓިއާނޯ ރޮނާލްޑޯ އެތްލެޓިކޯ ސަޕޯޓަރުންނަށް ރައްދު ދޭ މަންޒަރު --- ފޮޓޯ/ ޖެކް ޑޭވިސް

އިޓަލީގެ ޔުވެންޓަސްއަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯއާ ބެހޭ ދޮގު ހަބަރުތައް މީޑިއާގައި ފަތުރަމުންދާތީ އެކަމަށް އޭނާ ވަރުގަދަ ރައްދެއް ދީފިއެވެ.

ފޭސްބުކް މެދުވެރިކޮށް ރޮނާލްޑޯ ރޭ ކުރި ޕޯސްޓެއްގައި އޭނާ ވަނީ މިފަހަކަށް އައިސް އޭނާގެ ޓްރާންސްފާގެ ވާހަކަތައް އޮޅުވާލައިގެން މީޑިއާތަކުގައި ގެނެސްދޭ ވާހަކަތައް ފާހަގަވާކަމަށް ބުނެފައެވެ. އަދި އޭނާގެ ކުރީގެ ކުލަބު ރެއާލް މެޑްރިޑަށް އެނބުރި ދިއުމަށް ނިންމާފައިވާ ކަމަށް ދެކެވޭ ވާހަކަތަކާއެކު އޭނާ އެކުލަބަށް ކޮށްދިން ހިދުމަތްތަކުގެ އަގުވަޒަން ބަޔަކު ނުކުރާ ކަމަށް ރޮނާލްޑޯ ވަނީ ބުނެފައެވެ.

"މީހުން އަހަރެންގެ ނަން ބޭނުންކޮށްގެން ބޮޑެތި ދޮގު ހަބަރުތައް ދަނީ ފަތުރަމުން. އެއްފަހަރު ވެސް އެއީ ތެދެއްތޯ އަހަރެންގެ ކިބައިން ނާހާ،" ރޮނާލްޑޯ ބުނެފައިވެއެވެ.

މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ރޮނާލްޑޯ ކުލަބު ބަދަލު ކުރަން އުޅޭ ކަމުގެ ގިނަ "ޔޯލަ" ވާހަކަތައް ދައުރުވަމުން އަންނަ އިރު، ގިނަ ރިޕޯޓްތަކުން އޭނާގެ ޓްރާންސްފާ އަޅުވަނީ ފްރާންސްގެ ޕީއެސްޖީ އަދި ރެއާލްގެ އިތުރުން މެންޗެސްޓާ ޔުނައިޓަށެވެ. އެހެން ނަމަވެސް ރެއާލްގެ ކޯޗު ކާލޯ އެންޗެލޮޓީ ވެސް މިފަހުން ރޮނާލްޑޯ ނުގެންދާނެ ކަމުގެ އިޝާރާތެއް ކޮށްފައިވާ އިރު، ޕީއެސްޖީންވެސް ރޮނާލްޑޯ ގެންދިއުމުގެ ވިސްނުން ހުރި ކަމަށް ބާރު ލިބޭ މަސްދަރެއް ނެތެވެ.

"އަހަރެން ދަންނަ އެންމެންނަަށްވެސް އިނގޭނެ އަހަރެން، އަހަރެންގެ ވަޒީފާ އަދާ ކުރަން މިކުރާ ބުރަ މަސައްކަތް. އަހަރެންނަކީ ބޭކާރު ވާހަކަތަކުގެ ބަދަލުގައި އަމަލުން އެކަން ދައްކާ މީހެއް. މިއީ ފުޓުބޯޅަ ހަޔާތުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އަހަރެން ގެންގުޅޭ ޝިޔާރު،"

އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޔުވެންޓަސްގެ ކޮންޓްރެކްޓްގައި ހުރި ރޮނާލްޑޯ މި ފަހަރުގެ އިޓާލިއަން ލީގުގައި ޔުވެންޓަސް ޖޯޒީގައި ކުޅޭނެ ކަމަށް އެ ޓީމުގެ ކޯޗު މެސިމޯ އަލެގްރީ މީގެ ކުރިން ވަނީ ބުނެފައެވެ. އަދި އެހެންމެ ރޮނާލްޑޯ ވަނީ ޔުވެންޓަސްއިން ޕްރީ ސީޒަނުގައި ކުޅުނު މެޗުތަކުގައި ވެސް ކުޅެފައެވެ.

އިޓާލިއަން ލީގު ފަށަން ތައްޔާރަށް އޮތް އިރު، ޔުވެންޓަސް ލީގުގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ އަންނަ އާދީއްތަ ދުވަހު ޔުޑިނީސްއާއެވެ.

comment ކޮމެންޓް