މޮނިޓަރިންއަށް ލިޔަސް މަތީ ގްރޭޑްތަކުގެ ކްލާސްތައް ސްކޫލުގައި ކުރިއަށްގެންދާނެ

ޖުލައި 1، 2020: މާލޭގެ ސްކޫލެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19އިގެ ކޭސްއެއް ފެނުމާ ގުޅިގެން މީހުން ދިރިއުޅޭ ރަށެއް މޮނިޓަރިން ހާލަތަށް ގެނައިނަމަވެސް، އެ ރަށުގެ ސްކޫލްތަކުގައި ގްރޭޑް 9، 10، 11 އަދި 12އިގެ ކްލާސްތައް ކުރިއަށްގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ހުސެއިން ރަޝީދު މޫސާ ވިދާޅުވެއްޖެއެވެ.

ހުސެއިން އެހެން ވިދާޅުވީ ސްކޫލް ކުދިންނަށް ވެކްސިން ޖަހާ ޕްރޮގްރާމް މިދިޔަ އާދީއްތަ ދުވަހު ފެށުމާ ގުޅިގެން އެކަމާ ބެހޭ ގޮތުން ރޭ ވީޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ. ހުސެއިން ވިދާޅުވި ގޮތުގައި ރަށެއް މޮނިޓަރިންއަށް ލައިފިއްޔާ ސްކޫލް ކުދިންނަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމް ހުއްޓޭނެއެވެ. އަދި ގްރޭޑް 9-12އަށް ކިޔަވާ ކުދިންގެ ކްލާސްތައް ފިޔަވާ އެހެން ހުރިހާ ކްލާހެއް އަނެއްކާވެސް އޮންލައިންކޮށް ކުރިއަށްގެންދަން ފަށާނެއެވެ.

"މޮނިޓަރިންއަށް ލިޔަސް އެރަށެއްގެ ގްރޭޑް 9، 10، 11، 12އިގެ ކިޔެވުން ފިިިޒިކަލީ ކުރިއަށްގެންދާނެ. އަޅުގަނޑުމެން އެޗްޕީއޭއާވެސް މަޝްވަރާކޮށްފަ ނިންމާފަ އޮތީ. އެއީ އޯލެވެލްއަށް ތައްޔާރުވާތީ ވަރަށް މުހިންމު އެ ކުދިންގެ ކިޔެވުން ކުރިއަށްދާން. ދެން ތިބި ކުދިންގެ ކިޔެވުން ކުރިއަށް ދާނީ އޮންލައިންކޮށް،" ހުސެއިން ވިދާޅުވިއެވެ.

ނަމަވެސް ވަކިން ފާހަގަ ކުރި ގްރޭޑްތަކުން ކުއްޖެއް ކޮވިޑަށް ޕޮޒިޓިވްވެއްޖެނަމަ ނުވަތަ ކަރަންޓީންކޮށްފިނަމަ، އެ ކުއްޖާ ކިޔަވަމުން ދިޔަ ކްލާހެއް ދެން ކުރިއަށްގެންދަން ޖެހޭނީ އޮންލައިންކޮށްކަން ހުސެއިން ފާހަގަކުރެއްވިއެވެ. އަދި ކޮވިޑް އިތުރަށް ފެތުރިއްޖެ ހާލަތެއްގައި މުޅި ސްކޫލް ބަންދު ކުރަން ޖެހޭނަމަ އެކަން ނިންމަވާނީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ކަމަށްވެސް ހުސެއިން ވިދާޅުވިއެވެ.

މާލެ އާއި އަތޮޅު ތެރޭގެ ބައެއް ސްކޫލްތަކުގެ 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް މި ހަފްތާގައި ވެކްސިން ޖަހަން ފަށާފައިވާ އިރު، މާލޭގެ ހަ ސްކޫލެއްގައި މިހާތަނަށް ވެކްސިން ޕްރޮގްރާމް ފެށިފައިވާކަމަށް ހުސެއިން ވިދާޅުވިއެވެ. އަދި އެ ސްކޫލްތަކުން 95 ޕަސެންޓަށް ވުރެ ބޮޑު ވެކްސިން ކަވަރޭޖެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ދިވެހި ސަރުކާރުގެ އަމާޒަކީ މި މަސް ނިމެންވާ ތަނަށް 12 އަހަރުން މަތީގެ ކުދިންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާ ނިންމުމެވެ.

އެހެންކަމުން މިހާރު މޮނިޓަރިންގައި އޮތް ރަށްތަައް ނޫން އެހެން ރަށްތަކަށް ވެކްސިން ފޮނުވައި، އެރަށްތަކަށް ވެކްސިން ލިބިފައިވާނެ ކަމަށް ހުސެއިން ލަފާ ކުރެއްވިއެވެ. އަދި ކުދިންނަށް ދެވަނަ ޑޯޒް ޖެހޭ ވަރަށްވެސް ވެކްސިން ހުންނާނެކަން ހެލްތު މިނިސްޓްރީ އާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އަންގާފައިވާ ކަމަށް ހުސެއިން ވިދާޅުވިއެވެ.

"ހެލްތު މިނިސްޓްރީންވެސް އެޗްޕީއޭއީންވެސް ވިދާޅުވަނީ އެބަހުއްޓޭ [ވެކްސިން]. އަޅުގަނޑުމެންގެ އަތުގަ އެބަހުރި ހުރިހާ ކުދިންނަށް ދެ ޑޯޒް ފުރިހަމަ ކުރެވޭ ވަރަށް ވެކްސިން،" ހުސެއިން ވިދާޅުވިއެވެ.

މީގެ އިތުރުން، މިދިޔަ އަހަރު އޯލެވެލް ނިންމުން ފަދަ ސަބަބުތަކާ ހެދި މިހާރު ސްކޫލް ނިޒާމުގެ ތެރޭގައި ނެތް ކުދިންނަށް ސްކޫލްތަކުން ވެކްސިން ޖެހޭނެ ގޮތްވެސް އިންތިޒާމުކޮށްފައިވާނެކަން ހުސެއިން ވިދާޅުވިއެވެ. އެގޮތުން ސްކޫލްތަކުން އެކުދިންނަށް ގުޅައިގެން ނަމަވެސް ވެކްސިން ޖެހޭނެ ގޮތް ހަދާނެކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް