ހުޅަނގު މޫސުމުގެ "ރާގޮނޑި އީދަށް" ހޭ އަރާ ބުރުނީގެ ފަޅު

ރަށު ރައްޔިތުން އެންމެން އެއްތަނަކަށް އެއްވެ ފޯރިއާއެކު މަސް ހިފަނީއެވެ. ބުރުނީގެ ގޮނޑުދޮށުން އިއްޔެ ފެނުނު މި މަންޒަރަކީ މި ހަފްތާތެރޭގައި ކޮންމެ ދުވަހަކުހެން ފެންނަ މަންޒަރެކެވެ. އެތައް ހާހުން މަސް ބާނަނީއެވެ. ކަކުލާ ހިސާބަށް ހުންނަ ދިޔަވަރުގައި ހުސްއަތާވެސް މަސް ހިފުމަކީ ތ. ބުރުނީގެ ރައްޔިތުންނަށް މި މޫސުމުގައި އާންމު ކަމެކެވެ. ކޮންމެ އަހަރަކުހެން ހުޅަނގު މޫސުމާއެކު އެރަށަށް ވެރިވެގަންނަނީ ރާގޮނޑީގެ "މަސްވެރިކަމުގެ އީދެކޭ" ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ފޯރިއާ މަޖަލުގައި އެންމެންވެސް ޝާމިލުވެގެންނަނީ މަސް ހިފާށެވެ.

ހުޅަނގު މޫސުމާއެކު ބުރުނީގެ ގިނަ އަދަދެއްގެ ރައްޔިތުން އެއް ތަނަކަށް ޖަމާވެ ފޯރިއާއެކު މަސް ނަގަމުން ދިޔައިރު މިކަން ވެގެންދިޔައީ ގިނަ ބައެއްގެ ސަމާލުކަން ދަމައިގަތް ކަމަކަށެވެ. އެހެންނަމަވެސް މިއީ އާ ކަމެއް ނޫނެވެ. މިފަހަރުގެ ތަފާތަކީ ސޯޝަލް މީޑިއާ އާއި އާންމުންގެ ލޮލުގައި މި "އީދު" ހަމަޔަށް ރަނގަޅަށް އަޅައިގަތުމެވެ. ބުރުނީގެ ރައްޔިތުންނަށް އާ ކަމެއް ނޫނެވެ.

ތ. ބުރުނި: ހުޅަނގު މޫސުމާއެކު އެ ރަށުގެ މޫދަށް ޖަމާވާ ރާގޮނޑި އައިނުން މަސް ހިފުން -- ފޮޓޯ/ އާމިނަތު ޝިފާނާ

"މިއީ އާންމުކޮށް ކޮންމެ އަހަރެއްގެ ވެސް ހުޅަނގު މޫސުމާ ދިމާކޮށް ވާ ކަމެއް. ކާބަފައިންގެ ޒަަމާނުއްސުރެ، ހަމަ އެންމެ ކުޑަ އިރުއްސުރެވެސް އޮންނަ ކަމެއް މިއީ،" ބުރުނީ ކައުންސިލްގެ ރައީސް އާދަމް މުހައްމަދު "ސަން" އަށް ވިދާޅުވިއެވެ. އާންމުކޮށް އެ ރަށުގެ މޫދުން މަސް އައިން ފެންނަނީ ހުޅަނގު މޫސުމާއެކުއެވެ. އެގޮތުން ވައިގެ މިސްރާބު ހުޅަނގު ދެކުނަށް ބަދަލުވެގެން ދިޔުމާއެކު ރާގޮނޑި އައިން ފަޅު ތެރެއަށް ވަދެގަނެއެވެ. އެއާއެކު ރަށުގެ ރައްޔިތުންނަށްވެސް އެއްކަލަ މަސްވެރިކަމުގެ އީދުގެ ވަގުތު އައިސް ޖެހެއެވެ.

ތ. ބުރުނި: ހުޅަނގު މޫސުމާއެކު އެ ރަށުގެ މޫދަށް ޖަމާވާ ރާގޮނޑި އައިނުން މަސް ހިފުމަށް ދާ އެޅުން -- ފޮޓޯ/ އާމިނަތު ޝިފާނާ

މަސް އައިން ފަޅު ތެރޭ އެނބުރި އެނބުރި އޮންނަ އިރު ރާގޮނޑި ހިފުމަށްޓަކައި ރަށުގެ ރައްޔިތުން ގިނަ ތައްޔާރީތަކެއްވެއެވެ. މަސް ހިފަން ދާ އެޅުމަކީ މިކަމަށް ކުރާ އެންމެ ފުރަތަމަ މަސައްކަތެވެ. އޭގެ ފަހުން ކޮންމެ މީހަކުވެސް ދަލުގެ ކޮންމެވެސް އެއް އަރިމައްޗެއްގައި ހިފައިގަނެއެވެ. ދަލުގައި ހިފަހައްޓައިގެން ތިބޭ މީހުން ތިބި ގޮތަށް ބައިތިއްބާފައި ދެން ތިބޭ މީހުން ދަލުތެރޭ ހުރި މަސް ނެގުމުގެ މަސައްކަތުގައި އަވަދިނެތި އުޅެން ފަށައެވެ.

މި މަސައްކަތަކީ ބުރުނީގެ ރައްޔިތުންނަށް މަސައްކަތެއް ނޫނެވެ. ވަކި އުމުރެއް ޖިންސަކަށް ބެލުމެއް ނޯވެއެވެ. ރަށުގެ ކުދިބޮޑު އެންމެން ފޯރިއާއެކު އެ ކަމުގައި ބައިވެރިވެއެވެ. އަދި އެކަމަކީ އެ ރަށުގެ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން ގާއިމުކޮށްދޭކަމެއްގެ ގޮތުގައި އެ ރަށުގެ ރައްޔިތުން ފާހަގަކުރެއެވެ. މިއީ ކައުންސިލްގެ ރައީސް މުހައްމަދުވެސް ފަހުރުވެރިކަމާއެކު ފާހަގަކުރާ ކަމެކެވެ.

"މިއީ ރަށުގެ ރައްޔިތުންގެ ގުޅުން ވަރުގަދަކޮށްދީ އެކުވެރިކޮށްދޭ ކަމެއް. ކުދިބޮޑު އެންމެން އެއްވެ ވަރަށް ފޯރިއާއެކު މި މަސައްކަތް ކުރާނީ،" ކައުންސިލް ރައީސް މުހައްމަދު ފާހަގަކުރިއެވެ.

ތ. ބުރުނި: ހުޅަނގު މޫސުމާއެކު އެ ރަށުގެ މޫދަށް ޖަމާވާ ރާގޮނޑި އައިނުން މަސް ހިފުން -- ފޮޓޯ/ އާމިނަތު ޝިފާނާ

ބުރުނީއަށް ނިސްބަތްވާ އަހުމަދު ސައްދާމުގެ ވާހަކައިންވެސް މިކަމުގެ ދިގު ތާރީހެއް އޮތްކަން ދޭހަވެގެން ދިޔައެވެ. އޭނާ ބުނިގޮތުގައި މި އަހަރު ރާގޮނޑީގެ މޫސުން އެ ރަށަށް އައީ ދެ އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހުއެވެ. އަދި މި އަހަރު މިއީ މިގޮތަށް ރާގޮނޑިީގެ އައިނެއް ފަޅަށް ވައިން ދެވަނަ ފަހަރުކަމަށް ސައްދާމު ބުންޏެވެ. އިއްޔެ އެކަނިވެސް 6،000 އަށްވުރެ ގިނަ މަސް ވަނީ މޫދުން ހިފާފައެވެ.

އެންމެ ދުވަހަކުންވެސް ގިނަ އަދަދެއްގެ ރާގޮނޑި ބޭނޭއިރު އެ މަސްތައް ބޭނުންކުރަންވެސް ވަކި ގޮތްތަކެއް ރާވާފައި ހުރެއެވެ. އެންމެ އާންމު ކަމަކީ ރަށުގެ އެންމެންނަށް އެ މަސްތައް ބެހުން އަދި މަސް ކެއްކުމަށްފަހު ވިއްކުމެވެ. މަސް ބެހުމުގެ ކަންކަން ކުރާއިރު އެކަން ކުރަނީ އެއިރަކު ރަށުގައި ހުރި ކޮންމެ މީހަކަށްވެސް މަސް ލިބޭގޮތަށެވެ. އެގޮތުން ޖުމްލަ މަހުގެ އަދަދު ބެލުމަށްފަހު ބޮލަކަށް ޖެހޭ ވަރު ބަލައެވެ. އަދި އެ އަދަދަށް ކޮންމެ މީހަކަށްވެސް މަސް ދެއެވެ.

މަސް ކެއްކުމަކީ އެކަމަކަށް ގިނަ ވަގުތުތަކެއް ހޭދަވާ މަސައްކަތެކެވެ. އެގޮތުން ދުވާލު މަސް ކެއްކުމުގެ މަސައްކަތް ފަށާއިރު އިރުއޮއްސޭއިރުވެސް މި މަސައްކަތެއް ގިނަ ފަހަރަށް ނުނިމެއެވެ. އެކަމަކު މިއީ އެ މަސައްކަތަކީ އެހާ ފައިދާވެސް ލިބޭ މަސައްކަތެކެވެ.

ތ. ބުރުނި: ހުޅަނގު މޫސުމާއެކު އެ ރަށުގެ މޫދަށް ޖަމާވާ ރާގޮނޑި އައިނުން ހިފާފައި ހުރި މަސްތަކެއް -- ފޮޓޯ/ އާމިނަތު ޝިފާނާ

"އާންމުކޮށް މިގޮތަށް ހިފާ މަސް ވިއްކައިގެން 4،500 އަށް ވުރެ ގިނަ ރުފިޔާ ލިބޭ. އެކި ގޭގެއަށް އެކި ވަރު ވަރަށް އާމްދަނީ ލިބޭނީ. ހުރިހާ ގެއަކަށްވެސް ލިބޭނެ. އެންމެ ކުޑަ ކުއްޖާއަށްވެސް ލިބޭނެ،" ބުރުނީގެ މަސްވެރިއެއް ކިޔައިދިނެވެ.

ހުޅަނގު މޫސުމާއެކު ރަށަށް އަންނަ ރާގޮނޑީގެ އީދަކީ އެ ރަށަށް ވަރަށް ހާއްސަ ކަމެކެވެ. ރަށުގެ ފަޅުތެރެއަށް ރާގޮނޑީގެ އައިން ވަންނަ ސީދާ ސަބަބު ނޭނގި އޮތް ނަމަވެސް މިއީ ކާބަފައިންގެ ޒަމާނުއްސުރެ ހިނގަމުން އަންނަ ކަމެކެވެ. އަދި މިއީ ރަށުގެ ރައްޔިތުން އެކުވެރިކޮށްދޭ އިޖުތިމާއީ ގޮތުން ރަށާއި ގުޅިލާމެހިފައިވާ މުހިންމު ސަގާފަތެކެވެ. ބުރުންޏަށް ރާގޮނދީގެ އީދެއް އައުމަކީ އާންމު އެހެންނަމަވެސް އެހާމެ ހާއްސަ ކަމެކެވެ. އެކަން އެންމެ ރަނގަޅަށް އެނގެނީ ބުރުނީ މީހުންނަށެވެ.

comment ކޮމެންޓް