ރަށްރަށަށް ފަތުރުވެރިން ދިޔުމާ ބެހޭ ގަވާއިދުތަކާ ހިލާފުވޭތޯ ބަލައި، ފިޔަވަޅު އަޅަނީ

ފަތުރުވެރިން ރާއްޖޭ މައި އެއާ ޕޯޓްގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މީހުން ދިރިއުޅޭ ރަށްރަށަށް ފަތުރުވެރިން ދިޔުމާ ބެހޭ ގޮތުން ސަރުކާރުން އަންގާފައިވާ ގަވާއިދުތަކާ ހިލާފުވާ މީހުންނަށް ފިޔަވަޅު އެޅުމަށްޓަކައި، އެކަމާ ބެހޭ އިންސްޕެކްޝަންތަކެއް މާދަމާ ފަށަން ނިންމާފައިވާކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އިއުލާންކޮށްފިއެވެ.

އެޗްޕީއޭއިން މިއަދު ނެރުނު އިއުލާނެއްގައިވާ ގޮތުން، ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްރަށުގައި ޗުއްޓީ ހޭދަ ކުރެވޭނެ ގޮތާ ބެހޭ ގޮތުން އަންގާފައިވާ އެންގުންތަކާ ހިލާފަށް، ގިނަ އަދަދެއްގެ ފަތުރުވެރިން ޗުއްޓީ ހޭދަ ކުރަމުންދާ ކަމުގެ މައުލޫމާތު އެ އޭޖެންސީއަށް ވަނީ ލިބިފައެވެ.

އެހެންކަމުން އެކަމާ ބެހޭ ގޮތުން އިތުރަށް ބަލަން ޖެހޭ ކަންތައްތައް ބަލާ، ގަވާއިދުތަކާ ހިލާފުވާ މީހުންނާ މެދު ފިޔަވަޅު އެޅުމުގެ ގޮތުން މާދަމާއިން ފެށިގެން އިންސްޕެކްޝަންތައް ކުރިއަށްގެންދާނެ ކަމަށް އެޗްޕީއޭއިން އެންގިއެވެ.

މާލެ އާއި މީހުން ދިރިއުޅޭ އެހެން ރަށްރަށުގައި އެ އިންސްޕެކްޝަންތައް ކުރިއަށް ގެންދާނީ އިމްގްރޭޝަން، ފުލުހުން، ޓުއަރިޒަމް މިނިސްޓްރީ، އިކޮނޮމިކް މިނިސްޓްރީ، ލޯކަލް ގަވަމެންޓް އޮތޯރިޓީ އަދި އެޗްޕީއޭއިން ގުޅިގެން ކަމަށް އެ އޭޖެންސީން ބުންޏެވެ.

އެޗްޕީއޭ އިން އެންމެ ފަހުން ނެރުނު އުސޫލުތަކުގައި ވަނީ ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްރަށުގައި ޗުއްޓީ ހޭދަ ކުރެވޭނީ ވެކްސިންގެ ޑޯޒްތައް ފުރިހަމަވެ، 14 ދުވަސް ހަމަވެފައިވާ ނަމަ ކަމަށެވެ. އަދި އެގޮތަށް ވެކްސިން ފުރިހަމަނުވާ ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްރަށުގެ ގެސްޓްހައުސްތަކަށް ޗެކްއިން ކުރެވޭނީ އެ ރަށެއްގެ ވެކްސިން ޖެހޭ އާބާދީގެ 60 އިންސައްތަ ވެކްސިން ފުރިހަމަކޮށްފައިވާ ނަމަ ކަމަށް އެ އުސޫލުގައިވެއެވެ.

އެޗްޕީއޭގެ އިއުލާނުގައި ވަނީ އެ އިންސްޕެކްޝަންތަކާ ގުޅިގެން އިތުރު މައުލޫމާތު ހޯދުމަށް ހުކުރު ދުވަސް ނޫން ކޮންމެ ދުވަހެއްގައި 9:00އިން 18:00އަށް، 7264574 އަށް ގުޅޭނެ ކަމަށެވެ. އަދި ޝަކުވާއެއްވާ ނަމަ [email protected] އަށް މެއިލް ކުރެވޭނެ ކަމަށް ވެސް އެ އިއުލާނުގައިވެއެވެ.

comment ކޮމެންޓް