ސާފް ޗެމްޕިއަންޝިޕުގައި ބޫޓާން ބައިވެރި ނުވާނެ

ސާފް ސުޒުކީ ކަޕް 2018: ބޫޓާނާއި ބަންގްލަދޭޝް ކުޅުނު މެޗުގެ ތެރެއިން-- ފޮޓޯ: ސާފްސުޒްކީކަޕް

އޮކްޓޫބަރު މަހު މާލޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕުގައި ބޫޓާން ބައިވެރި ނުވާން ނިންމައިފިއެވެ.

މިމަހު ކުރީ ކޮޅު ބޭއްވި ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް)ގެ ބައްދަލުވުމުގައި ބޫޓާންގެ ފުޓުބޯޅަ އެޝޯސިއޭޝަނުން ވަނީ އެގައުމު މުބާރާތުގައި ބައިވެރި ވުމާމެދު ގޮތެއް ނިންމުމަށް އިތުރު ވުގުތުކޮޅެއް ދިނުމަށް އެދިފައެވެ.

ކޮވިޑް-19ގެ ހާލަތާ ގުޅިގެން ބޫޓާނުން ބޭރަށް ދަތުރުކޮށް އުޅުމުގައި އެގައުމުގެ ސަރުކާރުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެއީ އެގައުމުގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމުގެ ގޮތުންނެވެ.

ފާއިތުވެދިޔަ އަށް ސާފް ޗެމްޕިއަންޝިޕުގައިވެސް ވާދަކޮށްފައިވާ ބޫޓާން ވަނީ ފަހަކަށް އައިސް ރަނގަޅު ނަތީޖާތަކެއް ހޯދާފައެވެ. ގިނަ ދުވަސަތަކެއް ވަންދެން އެގައުމު ލޭބަލް ވެފައި އޮތީ ސާފް އަދި ދުނިޔޭގެ ފުޓުބޯޅައިގެވެސް އެންމެ ދަށް ގައުމުގެ ގޮތުގައެވެ.

ނަމަވެސް ބޫޓާނުން ވަނީ ފާއިތުވެދިޔަ އަހަރުތަކުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. ދެކުނު އޭޝިއާގެ ފީފާ ރޭންކިންއަށް ބެލިއަސް އެކަން ފެނެއެވެ.

އެއްވަނައިގައި އޮތީ އިންޑިއާއެވެ. އެގައުމު އޮތީ ދުނިޔޭގެ 105 ވަނައިގައެވެ. ރާއްޖެ އޮތީ ދުނިޔޭގެ 158 ވަނައިގައެވެ. ނޭޕާލް އޮތީ 168 ވަނައިގައެވެ. ބޫޓާން އޮތީ 187 ވަނައިގައެވެ. ބަންގްލަދޭޝް އޮތީ 188 ވަނައިގައެވެ. ޕާކިސްތާން 198 ވަނައިގައި އޮތްއިރު ސަރަހައްދު އެންމެ ދަށް ޓީމުގެ ގޮތުގައި އޮތީ ސްރީލަންކާއެވެ. އެގައުމު އޮތީ ދުނިޔޭގެ ރޭންކިންގެ 205 ވަނައިގައެވެ.

މިދިޔަ އަހަރު ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ބާއްވަން ހަމަޖެހިފައި އޮތް މުބާރާތް މިއަހަރަށް ފަސްކުރީ ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރި އެގައުމުގެ ހާލަތު އިންތިހާއަށް ގޯސްވުމުންނެވެ.

ފަހުން ޝެޑިއުލް ކުރީ މިއަހަރު ފަހުކޮޅު މުބާރާތް ޑާކާގައި ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް ބަންގްލަދޭޝްގެ ކޮވިޑް ހާލަތު ރަނގަޅު ވެފައި ނުވާތި އަލުން މުބާރާތް ބާއްވާނެ ގައުމެއް ނިންމުމަށް ބިޑަށް ހުށަހަޅާލީއެވެ.

ސާފްގެ ބިޑް ކޮމިޓީއިން ބެލި ކަންކަމަށް ފަހު ރާއްޖެއަށް ކުރި ލިބުނީ ކޮވިޑްގެ ހާލަތު ކޮންޓްރޯލް ކުރެވިފައިވުމުގެ އިތުރުން އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ޖެހާފައި ވުމުންނެވެ.

ބޫޓާން ބައިވެރި ނުވުމާއެކު މުބާރާތް ކުރިއަށް ދާނި ލީގު އުސޫލުނެވެ. ލީގު ބުރު ނިމުމަށްފަހު ފައިނަލުގައި ކުޅޭނީ އެންމެ ގިނައިން ޕޮއިންޓް ހޯދާފައިވާ ދެޓީމެވެ.

ބޫޓާންގެ އިތުރުން ޕާކިސްތާނުވެސް މުބާރާތުގައި ނުކުޅޭނެއެވެ. އެގައުމު އޮތީ ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ފީފާގެ ސަސްޕެންޝަނުގައެވެ.

comment ކޮމެންޓް