މެލޭޝިއާގެ ބޮޑުވަޒީރު މަގާމުން އިސްތިއުފާ ދެއްވައިފި

މެލޭޝިއާގެ ބޮޑުވަޒިރު މުހްޔިއްދީން ޔާސީން ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ -- ފޮޓޯ: ރޮއިޓާސް

ކުއަލަލަމްޕޫރު (އޮގަސްޓު 16): މެލޭޝިއާގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީން ވެރިކަމާ ހަވާލުވެވަޑައިގަތްތާ 17 މަސް ފަހުން މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

މުހްޔިއްދީން މިއަދު ޓީވީ މެދުވެރިކޮށް ދެއްވި ހިތާބެއްގައި ވިދާޅުވީ އޭނާ މަގާމުން އިސްތިއުފާ ދެއްވަން ނިންމެވީ ގާނޫނު ހަދާ މަޖިލީހުގެ އަގުލަބިއްޔަތު ގެއްލުމުން ކަމަށެވެ. އަދި އެ ސަރުކާރުގެ ކޯލިޝަނުގައި މީގެ ކުރިން ހިމެނުނު އަދިި ކޮރަޕްޝަނުގެ ތުހުމަތު ކުރެވޭ އިސް މެމްބަރުން ތިއްބެވި ޔުނައިޓެޑް މެލޭސް ނެޝަނަލް އޯގަނައިޒޭޝަން (އުމްނޯ)އާ އެކު މަސައްކަތް ކުރަން ބޭނުނުފުޅު ނުވާތީއެވެ.

"އަޅުގަނޑު ގަބޫލު ކުރާ އުސޫލުތައް ގުރުބާންކޮށް، ފަސޭހަ މަގު ހިޔާރުކޮށްގެން ބޮޑުވަޒީރު ކަމުގައި ހުރެވުނީސް. ނަމަވެސް އެއީއެއް ނޫން އަޅުގަނޑު ހިޔާރު ކުރި ގޮތަކީ. އަޅުގަނޑު ނުހުންނާނަން ދައުލަތުގެ ވަސީލަތްތަކުން ވައްކަން ކުރާ ބަޔަކާ އެކު،" މުހްޔިއްދީން ވިދާޅުވިއެވެ.

މެލޭޝިއާގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީން އާއި ކެބިނެޓު -- ފޮޓޯ: އީޕީއޭ

އެ ސަރުކާރުގައި ކޮވިޑް-19 ވެކްސިން ޕްރޮގްރާމްގައި އިސްކޮށް ހުންނެވި ސައިންސް މިނިސްޓަރު ޚައިރީ ޖަމާލުއްދީން ވިދާޅުވި ގޮތުގައި ކެބިނެޓުގެ އިސްތިއުފާ މިއަދު ވަނީ ރަސްގެފާނަށް ހުށަހަޅާފައެވެ. އަދި މެލޭޝިއާގެ ޝާހީ ގަނޑުވަރުން ނެރުނު ބަޔާނެއްގައި ވަނީ ކޮވިޑް-19 ބަލިމަޑުކަމާ ހެދި މިވަގުތު އިންތިހާބެއް ބޭއްވެން ނެތުމުން ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި މުހްޔިއްދީން ހުންނަވާނެ ކަމަށް ބުނެފައެވެ.

މިދިޔަ އަހަރުގެ މާޗް މަހު މެލޭޝިއާގެ ބޮޑުވަޒީރު ކަމަށް މުހިއްޔުދިން އިސްވީ އޭގެ ކުރިން ވެރިކަމުގައި ހުންނެވި މަހާތިރު މުހައްމަދު އެ މަގާމުން ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމުންނެވެ.

ދެހާސް އަށާރަވަނަ އަހަރު މަހާތީރު ވެރިކަމަށް ވަޑައިގެންނެވީ އޭނާގެ ބޮޑުވަޒީރުކަމުގައި ނައިބުކަން ކުރެއްވި އަންވަރު އިބްރާހިމްގެ ކޯލިޝަނުގައި ހުންނަވައިގެންނެވެ. އަދި ވެރިކަމުގެ ދައުރު ނުނިމެނީސް އަންވަރާ ވެރިކަން ހަވާލު ކުރައްވާނެ ކަމަށް ވިދާޅުވެ އެވެ.

ނަމަވެސް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެ ކޯލިޝަނުގައި ތިބި މެމްބަރުންތަކެއް އަންވަރު ވެރިކަމަށް ނުގެނެސް، އޭރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތް އުމްނޯއާ އެކު އާ ކޯލިޝަނެއް ހެދުމާ ބެހޭ ގޮތުން މަޝްވަރާތައް ބޭއްވި އެވެ. އަދި އޭގެ ފަހުން މަހާތިރު އިސްތިއުފާ ދެއްވި އެވެ.

މަހާތިރު އިސްތިއުފާ ދެއްވި ފަހުން، އޭނާގެ ޕާޓީގައި ހުންނެވި މުހިއްޔުއްދީން އުމްނޯއާ އެކު ކޯލިޝަން ހައްދަވާ، ސަރުކާރެއް އެކުލަވާލެއްވީ އެވެ. ނަމަވެސް އެ ސަރުކާރުގައި މުހްޔިއްދީން އާއި އުމްނޯއާ ދެމެދު ދެބަސްވުންތައް އުފެދި، އެ ޕާޓީން ފަހުން ވަނީ ސަރުކާރަށް އޮތް ތާއިދު އަނބުރާ ގެންގޮސްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް