އަދާލަތު ޕާޓީގެ އިލްމވެރިންގެ މަޖިލީހުގެ މެމްބަރު އަދި މިހާރު މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން ރަމްޒީ މަގާމަކަށް އައްޔަން ކުރައްވާފައިވާ ދީނީ އިލްމުވެރިޔާ ޝައިހް އިލްޔާސް ހުސައިންއަށް ޑިޕްލޮމެޓިކް ޕާސްޕޯޓެއް ދިން މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި މައްސަލަ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދައިރާގެ މެމްބަރު އަހުމަދު އުޝާމެވެ. އުޝާމް "ސަން"އަށް ވިދާޅުވީ އެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ ޕާސްޕޯޓް ދިނުމާ ގުޅޭގޮތުން ޝެއިހް އިލްޔާސް ދެއްކި ވާހަަކަތަކާ ގުޅިގެންކަމަށެވެ. އަދި ޕާސްޕޯޓް ދިނުމުގައި އަމަލުކޮށްފައިވާ ގޮތް ބެލުމަށްކަމަށެވެ.
"އުސޫލުތަކުން ބޭރުން ޑިޕްލޮމެޓިކް ޕާސްޕޯޓެއް ދީފައިވާތީވެ އެ މައްސަލަ ބެލުމަކީ ހާރިޖީ ކޮމިޓީގެ މެންޑޭޓުގެ ތެރޭ ހިމެނޭކަމަކަށް ވާތީވެ އަޅުގަނޑު މި މައްސަަލަ މި ހުށަހެޅީ، އުޝާމް ވިދާޅުވިއެވެ.
މީގެ ކުރިން ކްލަބްހައުސްގައި ކުރިއަށްދިޔަ ބައްދަލުވުމެއްގައި، ހައި ކޮމިޝަންގެ ރަމްޒީ މަގާމެއްގައި ހުންނަވައިގެން ޑިޕްލޮމެޓިކް ޕާސްޕޯޓެއް ގެންގުޅުމަކީ ދީނީ ގޮތުންނާއި ގާނޫނީގޮތުން މަނާކަމެއްތޯ ނުވަތަ ނޫންތޯ އެ ބައްދަލުވުމުގެ ބައިވެރިޔަކު ވަނީ ޝައިޚް އިލްޔާސްއާ ސުވާލުކޮށްފައެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން އިލްޔާސް ވިދާޅުވީ އެއީ ދީނީގޮތުންނާއި ގާނޫނީ ގޮތުންވެސް މަނާކަމެއްކަން އެނގިވަޑައިގެންފައިނުވާ ކަމަށެވެ.
ހައި ކޮމިޝަންގެ ރަމްޒީ މަގާމަކާއެކު ޑިޕްލޮމެޓިކް ޕާސްޕޯޓެއް ސަރުކާރުން އިލްޔާސްއަށް ދެއްވީ މެލޭޝިއާ ވިސާގެ މައްސަލައެއް ދިމާވެގެން އޭނާ ހުށަހެޅުއްވުމުންކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު އޭރު އުޅުނީ ކިޔަވަން އެތަނުގައި [މެލޭޝިއާގައި]. އުޅެފަ ވިސާގެ މައްސަލައެއް ދިމާވީމަ އަޅުގަނޑު އެގޮތަށް ހުށަހެޅިން. ހުށަހެޅީމަ ދައުލަތުން އެ މަގާމު އަޅުގަނޑަށް ދެއްވީމަ އަޅުގަނޑު އެ މަގާމު ގަބޫލުކުރިން،" އިލްޔާސް ޝެވިދާޅުވިއެވެ.
އެހެންނަމަވެސް އެ މުއްދަތުގައި ހައި ކޮމިޝަންގެ ކާރާއި އިތުރު އެއްވެސް މުދަލެއް ބޭނުންކޮށްފައި ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ. އިލްޔާސް އައްޔަންކޮށްފައިވަނީ ރަމްޒީ މަގާމަކަށްކަމަށާއި އެހެންކަމުން އޭނާއަށް މުސާރައާއި އިނާޔަތެއް ނުލިބޭނެކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފައެވެ.