ޑިސްކަވާ މޯލްޑިވްސް ވިތު ޒުވާން މަސްވެރިޔާގެ އެކްސްކްލޫސިވް މީޑިއާ ޕާޓްނަރަކަށް ''ސަން''

ހަސަން ސާޖިން. -- ފޮޓޯ/ޒުވާން މަސްވެރިޔާ

ޒުވާން މަސްވެރިޔާ ހަސަން ސާޖިން ރާއްޖޭގެ އެކިކަންކޮޅުތަކަށް ކުރަން ނިންމާފައިވާ ބޮޑު ދަތުރުގެ އެކްސްކްލޫސިވް މީޑިއާ ޕާޓްނަރަކަށް "ސަން އޮންނައިލް" ކަނޑައަޅައިފިއެވެ.

ސާޖިން މިހާރު ދަނީ އެ ދަތުރު ފެށުމަށްޓަކައި އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. 'ޑިސްކަވާ މޯލްޑިވްސް ވިތު ޒުވާން މަސްވެރިޔާ' ގެ ނަމުން ފަށަން ހަމަޖެހިފައިވާ އެ ދަތުރުގައި ސާޖިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރާނެއެވެ. އަދި އެރަށްތަކުގެ ވާހަކަތަކާއި މަންޒަރުތައް މުޅި ދުނިޔެއަށް ދައްކާލާނެއެވެ.

މި ދަތުރުގެ މީޑިއާ ޕާޓްނަރަކަށް ސަން ހަމަޖެއްސިކަމަށް ބުނަމުން ސާޖިން ވަނީ އެ ދަތުރުގެ ތަޖުރިބާ ކިޔައިދޭން ސަން އޮންލައިންއާ އެއްކޮށް މަސައްކަތްކުރުމަށް އޭނާ ހުރީ ވަރަށް ހިތްހަމަޖެހިފައިކަމަށާއި އަދި ދަތުރުގެ ހުރިހާ ކަމެއްހެން ސަން އޮންލައިންގެ ޕްލެޓްފޯމްތަކުން އެންމެ ފުރިހަމައަށް ގެނެސްދޭން މަސައްކަތްކުރާނެ ކަމަށެވެ.

"ދަތުރުގެ ހުރިހާ ކަމެއް ފީޗާ ކުރާނީ ސަން އޮންލައިން މެދުވެރިކޮށް، ވީމާ އަޅުގަނޑާ އެއްކޮށް ދަތުރުގެ އެންމެ ފަހުގެ މައުލޫމާތު ހޯއްދަވަން އެދިލައްވާ ފަރާތްތަކުން ސަން މެދުވެރިކޮށް އެކަންކަން ތަޖުރިބާކުރެވޭނެ،" ސާޖިން ބުންޏެވެ.

ސާޖިންގެ ޑިސްކަވާ މޯލްޑިވްސް ވިތު ޒުވާން މަސްވެރިޔާ ދަތުރުގައި ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކޮށް އެރަށްރަށާއި ގުޅޭ މުހިންމު ވާހަކަތަކާއި، ވީޑިއޯ އަދި ފޮޓޯ ގެނެސްދޭނެއެވެ. އަދި މަސްވެރިކަމާއި ގުޅޭ ވާހަކަތަކުގެ އިތުރުން މަސްވެރިކަމުގެ ތެރޭގައި ސާޖިން ކުރާ ތަޖުރިބާތައްވެސް ގެނެސްދޭނެއެވެ. މީގެ އިތުރުންވެސް މޫދާއި ކަނޑުއަޑީގެ ޑައިވް ސްޕޮޓްތަކާއި ރާއްޖޭގެ ގުދުރަތީ ރީތިކަން އެންމެ ފުރިހަމައަށް މުޅި ދުނިޔެއަށް ދައްކައިދިނުމަށް މަސައްކަތްކުރާނެއެވެ.

ދަތުރުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން ދާއިރު، ސެޕްޓެމްބަރު މަސް ފެށޭ ހަފްތާގައި ސާޖިންގެ ދަތުރު ފަށާނެއެވެ. ހއ. އަތޮޅުން ފަށާ އެ ދަތުރު ނިންމާނީ އައްޑޫ އަތޮޅާ ހަމައިންނެވެ. ދަތުރަށްވަމުންދާ ތައްޔާރީތައް 'ސަން' އާ ހިއްސާކުރަމުން ދިޔައިރު ސާޖިން ހުރީ ނިކަން ޖޯޝާ ފޯރީގައެވެ. މި ދަތުރުގައި ސާޖިން މިހާރު އެންމެ ބޭނުންވަނީ ރަށްރަށުގެ ރައްޔިތުންނާއި ކައުންސިލްތަކުގެ އެއްބާރުލުމެވެ. ދަތުރު ފެށުމުގައި ސާޖިންއާ އެއްވަރަށް އާއްމުންވެސް ކެތްމަދުވެފައި ތިބޭނެކަމަށް ސާޖިން ލަފާކުރެއެވެ. އެއީ މިހާރުވެސް އެކި ފަރާތްތަކުގެ ފޯން ކޯލުތައް ސާޖިންއަށް ލިބެމުން ދާތީއެވެ.

"އެހެންވީމާ އެއްބައިވަންތަކަމާއެކު ރާއްޖޭގެ ކަނޑުފަޅުތައް ބަލައިލާ، ގަސްގަހާގެހީގެ ޗާލުކަން މުޅި ދުނިޔެއަށް ދައްކާލަން މިއީ ވަރަށް ރަނގަޅު ދަތުރަކަށް ވާނެކަން ގައިމު،" ސާޖިން ބުންޏެވެ.

comment ކޮމެންޓް