މާދަމާ މަޖިލީހުގެ ޖަލްސާތައް ފަށަނީ، ރައީސް ނަޝީދު ބައިވެރިވެވަޑައިނުގަންނަވާނެ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ޗުއްޓީއަށްފަހު ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތައް މާދަމާ ފަށަން ތައްޔާރުވެއްޖެއެވެ.

މަޖިލީހުގެ ދެވަނަ ދައުރު ނިންމާލައި މަޖިލިސް ޗުއްޓީއަށް ދިޔައީ މިދިޔަ ޖުލައި މަހުގެ އަށްވަނަ ދުވަހުއެވެ.

މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތައް މާދަމާ ފަށަން ތައްޔާރުވާއިރު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މާދަމާގެ ޖަލްސާގައި ބައިވެރިވެވަޑައިނުގަންނަވާނެއެވެ. އެމަނިކުފާނު އަދިވެސް ހުންނެވީ އެމަނިކުފާނަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ލިބުނު ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް އިނގިރޭސިވިލާތުގައެވެ.

އެހެންކަމުން މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ.

މާދަމާ ހެނދުނު 9:00 ގައި ފަށާ މަޖިލީހުގެ ޖަލްސާއަށް ހަތަރު މަސައްކަތެއް ވަނީ އެޖެންޑާކޮށްފައެވެ.

އެގޮތުން އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމާއި، އިލެކްޝަންސް ކޮމިޝަނަށް މެންބަރަކު އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުން މާދަމާގެ މަޖިލީހުގެ އެޖެންޑާގައި ވަނީ ހިމަނާފައެވެ.

އަދި ސަރުކާރުގެ ފަރާތުން، ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު ހުށަހަޅުއްވާފައިވާ، އުފަންވުމާއި މަރުވުން ރަޖިސްޓަރީކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާ ބެހޭ ބިލުގެ އިބްތިދާއީ ބަހުސް އިއްވުމާއި، ނުނިމި ހުރި މަސައްކަތްތަކުގެ ތެރެއިން ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްކުރިއަށް ގެންދިއުން މާދަމާގެ މަޖިލީހުގެ އެޖެންޑާގަ ވަނީ ހިމަނާފައެވެ.

comment ކޮމެންޓް