މެންޗެސްޓާ ޔުނައިޓެޑުގެ ފްރާންސް މިޑްފީލްޑަރު ޕޯލް ޕޮގްބާ އަކީ އަބަދުވެސް އޭނާގެ އެންމެ ފުރިހަމަ ހުނަރުވެރިކަން ދަނޑުމަތީގައި ނުދައްކާކަމަށް ބުނެ އިނގިރޭސި މީޑިއާ އަދި ޔުނައިޓެޑުގެ ގިނަ ސަޕޯޓަރުންގެވެސް ފާޑު ކިޔުން އަމާޒުވާ ކުޅުންތެރިއެކެވެ.
ޔުނައިޓެޑާއެކު ޕޮގްބާ ހަދާފައިވާ އެއްބަސްވުން ނިމެން ގާތްވެފައިވާއިރު، އޭނާ ކުލަބު ދޫކޮށް ދާން އުޅޭ ވާހަކައަކީ މިފަހަކަށް އައިސް މީޑިއާގައި އެންމެ ގިނައިން ދެކެވޭ އެއް ވާހަކައެވެ. ޔުނައިޓެޑުގެ އެންމެ މުސާރު ބޮޑު އެއް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ޕޮގްބާ ފްރާންސް ޓީމުގައި ދައްކާ ކުޅުން އޭނާއަށް ޔުނައިޓެޑުގައި ނުދެއްކޭ ވާހަކައަކީ ޔުނައިޓެޑުގެ ސަޕޯޓަރުންނަށް ބާ ވާހަކައެކެވެ.
ޕޮގްބާގެ ކުޅުމަށް އެކަންޏެއް ނޫނެވެ. އޭނާގެ ކޮންޓްރެކްޓްގެ މައްސަލައިގަވެސް ސަޕޯޓަރުންނާއި މީޑިއާގެ ފާޑުކިޔުން މިވަނީ މިހާރު ޕޮގްބާއަށް އަމާޒުވާންފަށާފައެވެ. އެހެހްނަމަވެސް މި ހުރިހާ ކަމެއް ބަދަލުވުމުގެ ކޮޅުމަތި މިވަނީ ލީގުގައި ޔުނައިޓެޑު ކުޅުނު ފުރަތަމަ މެޗުން ފެންނަން ފަށާފައެވެ. ޕޮގްބާ އެ މެޗުގައި ދެއްކި ތަފާތު މޮޅު ކުޅުމާހެދި އިނގިރޭސި މީޑިއާގެ އިތުރުން ގިނަ ސަޕޯޓަރުންތަކެއްގެވެސް ތައުރީފު މިވަނީ ޕޮގްބާއަށް އޮހެން ފަށާފައެވެ.
މިދިޔަ ސީޒަން ޕޮގްބާ ނިންމާލީ އެންމެ ތިން އެސިސްޓާއެކުއެވެ. އެކަމަކު ޕޮގްބާ މިވަނީ ލީގުގެ މެދުފަންތީގައި ގުނާލެވޭވަރުގެ ލީޑްސްއާ މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުގައި ކޮންމެ ހާފަކު ދެ އެސިސްޓް ހަދައި ސަޕޯޓަރުން ހައިރާންކުރުވައިފައެވެ. ޔުނައިޓެޑް 5-1 މޮޅުވި މެޗުގައި ޕޮގްބާ މިވަނީ ޖުމްލަ ހަތަރު އެސިސްޓް ހަދައިފައެވެ. އެ މެޗުގައި ޔުނައިޓެޑުގެ މެދުތެރޭގައި ޕޮގްބާއާއެކު ކުޅޭ ބްރޫނޯ ފެނާންޑޭޒް ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު އެސިސްޓްކޮށްދިނީ ޕޮގްބާއެވެ. މޭސަން ގްރީންވުޑް ޖެހި ގޯލުގެ އިތުރުން ދެވަނަ ހާފުގައި ފްރެޑް ޖެހި ގޯލަކީވެސް ޕޮގްބާ ތަނަވަސްކޮށްދިން ފުރުސަތުތަކުން ޖެހި ލަނޑުތަކެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ބްރޫނޯ ފެނާންޑޭޒް ބުނީ ޕޮގްބާގެ ފެންވަރާ މެދު މީހުން އަބަދުވެސް ސުވާލުކުރާ ކަމަށެވެ. އެހެންނަމަވެސް މިއަދު އޭނާ އެ ދައްކައިދިނީ އޭނާއަކީ ޔުނައިޓެޑަށް ކިހާ މުހިންމު ކުޅުންތެރިޔެއްކަމަށް ބްރޫނޯ ބުންޏެވެ.
"ޕޮގްބާގެ ކޮލިޓީއާ މެދު އަބަދުވެސް މީހުން ވާހަކަ ދައްކާ. ޕޮގްބާގެ ކޮލިޓީއާ މެދު ބަހުސް ކުރެވޭނެ ޖާގައެއް ނެތް. އެންމެންނަށް އެނގޭ ޕޮގްބާގެ އަސްލު ފެންވަރު. މިއަދު އޭނާ ދައްކުވައިދިނީ އެފަދަ ކުޅުމެއް. ޕޮގްބާއަކީ ޓީމަށް މުހިންމު ކުޅުންތެރިއެއް. ޕޮގްބާގެ ފަރާތުން ބޭނުން ވަނީ މިފަދަ މޮޅު ކުޅުން،" ބްރޫނޯ ބުންޏެވެ.
ޕޮގްބާގެ މޮޅު ކުޅުމާ މެދު ވާހަކަ ދައްކަމުން ޔުނައިޓެޑުގެ ކޯޗު އޮލޭ ގުނަ ސޯލްޝެއާވެސް ބުނީ ޕޮގްބާގެ ފަރާތުން ފެނުނީ ތަފާތު ފުރިހަމަ ކުޅުމެއް ކަމަށެވެ.
"ޕޮގްބާގެ އެބަހުރި އަޒުމު. ޕޮގްބާއަކީ ކޮލިޓީ ކުޅުންތެރިއެއް،" މެޗުގައި ޕޮގްބާ ދެއްކި ކުޅުމާ ގުޅޭ ގޮތުން ޝޮލްޝެއާ ބުންޏެވެ.
ލީގުގައި އެންމެ މެޗެއް އަދި މިހާތަނަށް ކުޅުނުއިރު މި ސީޒަނުގައި ޔުނައިޓެޑުން ރަނގަޅު ކާމިޔާބީއެއް ހޯދުމުގައި ޕޮގްބާގެ ދައުރު ބޮޑުވާނެކަމަށް މިހާރުވެސް ގިނަ ބަޔަކު ވަނީ ލަފާކުރަން ފަށައިފައެވެ. އެކަމަކު އެއީ ޕޮގްބާއަށް އެ ފެންވަރު ލީގުގެ ބާކީ ހުރި މެޗުތަކުގައިވެސް ދައްކައިފިއްޔާއެވެ.