ދަރުބާރުގޭގެ އިރަށް އޮންނަ ފަރާތުގައި ސްޓްރީޓް ފުޑް ކޮންސެޕްޓަށް ތަނެއް ތަރައްގީކުރުމަށް ވިސްނުން ހުރި ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
އިއްޔެ ހެންވޭރުގެ ރައްޔިތުންނާއެކު ކައުންސިލުން ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިހާރު މާލޭގައި ސްޓްރީޓް ފުޑްގެ ގޮތުގައި އެއްވެސް ތަނެއް ހަމަޖެހިފައި ނެތްކަމަށެވެ.
"ކުރިން ތަންކޮޅެއް އާދައިގެކޮށް ކިޔަނީ ގާޑިޔާ. އެހެންނަމަވެސް އަޅުގަނޑުމެން ދެކެނީ ތަރައްގީވެފައި ހުރި ސިޓީތަކުގައި ހުންނަ އަދި ކަމާބެހޭ ސިއްހީ އިދާރާތަކުން ބަލައިގަންނަ ފެންވަރުގައި ހިންގޭ ސްޓްރީޓް ފުޑް ކޮންސެޕްޓެއް ގާއިމްކުރަން،" މުއިއްޒު ވިދާޅުވިއެވެ.
މޭޔަރު އިތުރަށް ވިދާޅުވީ އެ ސަރަހައްދަކީ ހިތްގައިމު ސަރަހައްދަކަށް ވެގެންދާނެކަމަށެވެ. އެގޮތުން ހިތްގައިމު މަންޒަރުތައް އެ ސަރަހައްދުން ފެންނާނެކަމަށާއި އާންމުންނަށް އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމަށް ފުރުސަތު ލިބިގެންދާނެކަމަށެވެ.

މާލޭ ސިޓީ ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރުން -- ފޮޓޯ/ސަން
އަދި އެ ސަރަހައްދު ބޭނުންކުރެވިއްޖެ ނަމަ ގިނަ ފައިދާތަކެއް ލިބިގެންދާނެކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ. އެގޮތުން ޒުވާނުންނާއި އަންހެނުންނަށްވެސް ފުރުސަތުތައް ފަހިވެގެންދާނެކަމަށެވެ.
"ޒުވާނުންނާއި އެހެން ފަރާތްތަކަށް މި ވިޔަފާރިއަށް ވަންނަން އެބަ ފުރުސަތު ދެވޭ. ޒުވާނުންނަކީ އަޅުގަނޑުމެން ދެކޭ ގޮތުގައި ވަރަށްވެސް ބޭނުންތެރި ވަރަށް ޕޮޓެންޝަލް ހުރި ގައުމަށް ފައިދާހުރި ރައުސުލްމާލެއް،" މުއިއްޒު ވިދާޅުވިއެވެ.
ހެންވޭރުގެ ރައްޔިތުންނާއެއްކޮށް ރޭ ބޭއްވި ބައްދަލުވުމުގައި ކައުންސިލުން ވަނީ ރައްޔިތުންނާ ގުޅުންހުރި ގިނަ ކަންތައްތަކެއްގައި ރައްޔިތުންނާ މަޝްވަރާކޮށްފައެވެ. އަދި އާންމުންގެ ހިޔާލުވެސް ހޯދާފައެވެ.