ދިޔާނާއަކީ ހަށިގަނޑުގެ އެއްބައި، ގަދަރު ކުރައްވާ: ޖާބިރު

ޖާބިރު އާއި ދިޔާނާ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިޔާނާއަކީ ހަށިގަނޑުގެ އެއްބައިކަމަށާއި އޭނާއަށް ގަދަރު ކުރުމަށް ދިޔާނާގެ ކުރީގެ ފިރިކަލުން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

"ސަން" އާ ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ ދިޔާނާއަށް އަބަދުވެސް ހެޔޮގޮތް މިންވަރު ކުރެއްވުން އެދޭ ކަމަށާއި ހެޔޮދުއާ ކުރާ ކަމަށެވެ.

"އަޅުގަނޑުގެ އަންހެނުންނަށް ހެޔޮ ދުއާ އަޅުގަނޑު އަބަދުވެސް ކުރަނީ. އަޅުގަނޑުގެ އަންހެނުންނަކީ އަޅުގަނޑު ހަށިގަނޑުގެ އެއްބައި. އެހެންވީމަ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ދިޔާނާއަށް ގަދަރުކުރަން އަޅުގަނޑު ދަންނަވަން،" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ދިޔާނާއަކީ ރާއްޖެއަށް ވަރަށް ބޭނުންތެރި ބޭފުޅެއް ކަމަށާއި ތައުލީމީގޮތުން ބެލިޔަސް ގާބިލު ބޭފުޅެއް ކަމަށެވެ.

"ދިޔާނާ އިޒް ވަން އޮފް ދަ ބެސްޓް އެސެޓްސް ދިވެހި ގައުމަށް އޮތް. ރާއްޖޭގެ [ބަންޑާރަނައިބު] ކަންވެސް ކުރައްވާފަ އެހުރީ. ނުލާހިކު މަތީ ތައުލީމު އުގެނިގެން އެ ހުންނެވީ،" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ދިޔާނާ އާއި އޭނާގެ މެދުގައި މައްސަލައެއް އޮތީ ނޫންކަމަށާއި ދެ މީހުންވެސް ކަންކަމާއި ވިސްނާލަން "ބްރޭކެއް" ނެގީ ކަމަށެވެ. އެކަން އެންމެންނަށް ސާފުކޮށްދޭން ބޭނުންވާކަންވެސް ޖާބިރު ފާހަގަ ކުރެއްވިއެވެ.

ޖާބިރު ވިދާޅުވީ އޭނާ އެހެން މީހަކާ ނުގުޅޭނެ ކަމަށާއި އެކަމުގެ އެއްވެސް ވިސްނުމެއްވެސް ނުގެން ގުޅުންވާނެކަމަށެވެ.

"އަޅުގަނޑުގެ އަންހެނުންނާ އެއްކޮށް އަޅުގަނޑު ހުންނާނީ. އެހެން މީހާކަ އިންނަން އުޅެނީއެއް ނޫން. މީހަކާ ހިތާވެގެން އުޅެނީއެއް ނޫން. އެކަހަލަ އިންޓްރެސްޓެއްވެސް ނެތް. މައްސަލައެއްވެސް ދެމީހުންގެ ދޭތެރޭ ނެތް،" ޖާބިރު ވިދާޅުވިއެވެ.

ޖާބިރާއި ދިޔާނާގެ ކައިވެނި ނިމުމަކަށް އައިސްފައި މިވަނީ 15 އަހަރު އެކުގައި އުޅުއްވުމަށް ފަހުގައެވެ. އެ ކައިވެންޏަށް ދެ ބޭފުޅުންވެސް ވަނީ ލިބިވަޑައިގެންފައެވެ.

comment ކޮމެންޓް