ޓީއެމްއޭގެ ބޯޓެއްގައި ރާއްޖޭގެ ކަނޑު އަޑި ރަމްޒުކޮއްދޭ ކުރެހުމެއް

ޓީއެމްއޭއިން އިއްޔެ ދައްކާލި ސީޕްލޭންއިން ތަފާތު މުރަކަތަކާއި މަސްތަކުގެ ކުރެހުން ފެނިގެންދޭ --- ފޮޓޯ: ޓީއެމްއޭ

ރާއްޖޭގެ ކަނޑު އަޑީގެ ރީތިކަން ފާހަގަކޮށް، ކަނޑުގެ ދިރުންތައް ކުރަހާފައިވާ ސީޕްލޭނެއް ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)އިން ދައްކާލައިފިއެވެ.

ޓީއެމްއޭއިން އެ ބޯޓު ދައްކާލީ އެ ކުންފުނީގެ ސީޕްލޭން ބޭސްގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދާއި އެމްއޭސީއެލްގެ ސީއޯއޯ އަދި މެނޭޖިން ޑިރެކްޓަރު ގޯޑަން އެންޑްރޫ ސްޓުވާޓް ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ހަފްލާގައި ޓީއެމްއޭގެ ސީއީއޯ އޭޔޫއެމް ފައުޒީ ވިދާޅުވީ އެ ސީޕްލޭންގެ ލިވަރީ ނުވަތަ ބޭރުފުށުގައި ތަފާތު މުރަކަތަކާއި މަސްތައް ކުރަހާފައި ވަނީ ކަނޑުގެ ދިރުންތަކުގެ ރީތިކަމާއި މުހިންމުކަން ފާހަގަ ކުރުމަށްޓަކައެވެ. އަދި ކަނޑު އަޑީގެ މުހިއްމުކަން ބަލައިގަތުމުގައި، ޓީއެމްއޭގެ އެތައް މިލިއަން ފަތުރުވެރިންވެސް ބައިވެރި ކުރުމަށްޓަކައެވެ.

ޓީއެމްއޭގެ ސީޕްލޭން ދައްކާލުމަށް ބޭއްވި ރަސްމިއްޔާތުގައި ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް -- ފޮޓޯ: ޓީއެމްއޭ

މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާ ކޮޅަށް ޖެހުމަށް ޓޫރިޒަމް މިނިސްޓްރީ އާއި މުޅި ސަރުކާރުންވެސް ކުރަމުންދާ މަސައްކަތްތަކަށް ފައުޒީ ޝުކުރު އަދާ ކުރެއްވިއެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު މައުސޫމް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ތަރައްގީ ކުރުމުގައި ޓީއެމްއޭއިން އިސް ދައުރެއް އަދާކޮށްފައިވާ ކަމަށެވެ. އަދި އެ ކުންފުނީގެ ވެރިންނަކީ ބޭރު ފަރާތްތައް ކަމަށްވީ ނަމަވެސް ޓީއެމްއޭއިން ގިނަ އަދަދެއްގެ ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައި ދީފައިވާ ކަމަށެވެ.

އެގޮތުން ޓީއެމްއޭގައި މަސައްކަތް ކުރާ ޕައިލެޓުންގެ ތެރެއިން 75 ޕަސެންޓު މީހުންނާއި އިންޖިނިއަރުންގެ ތެރެއިން 90 ޕަސެންޓު މީހުންނަކީ ދިވެހިންކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

ޓީއެމްއޭއިން އުއްމީދު ކުރަނީ އިއްޔެ ދައްކާލި ސީޕްލޭންގެ ލިވަރީގެ ޒަރިއްޔާއިން ކަނޑާއި ކަނޑުގެ ދިރުންތައް ރައްކާތެރި ކުރުމަށް ހޭލުންތެރިކަން އިތުރު ކުރެވި، އެފަދަ މަސައްކަތްތައް ކުރި އެރުވޭނެ ކަމަށެވެ.

comment ކޮމެންޓް