ފެންފުށީ ފަޅުގައި ރިސޯޓެއް އަޅަން ރައްޔިތުން ދެކޮޅު: ކައުންސިލް

ފެންފުށީ ފަޅު -- ފޮޓޯ/ފޭސްބުކް

އދ. ފެންފުށީ ފަޅުން ބައެއް ހިއްކައިގެން ރިސޯޓެއް އެޅުމަކީ އެ ރަށު ރައްޔިތުންނާއި ކައުންސިލުން ދެކޮޅުހަދާ ކަމެއްކަމަށް ފެންފުށީ ކައުންސިލްގެ ރައީސް އަހުމަދު އަބްދުއް ޝުކޫރު ވިދާޅުވެއްޖެއެވެ.

ރަށުގެ ފަޅުތެރޭ ރިސޯޓެއް އެޅުމާއި ދެކޮޅުކަން ހާމަކުރައްވަމުން ޝުކޫރު "ސަން" އަށް ވިދާޅުވީ އެ ރަށުގެ ފަޅަކީ ބޮޑު ފަޅެއްކަމަށެވެ. އެހެންނަމަވެސް އެ ފަޅަކީ ރައްޔިތުންގެ ގިނަ ބޭނުންތަކަކަށް ބޭނުންކުރަމުން އަންނަ ފަޅެއްކަމަށެވެ.

"މައިގަނޑު ގޮތެއްގައި ހުރި ކަންބޮޑުވުންތަކަކީ، ފެންފުށި ފަޅަކީ މި ރަށު ރައްޔިތުން މަސްވެރިކަން ކުރާ ފަޅެއް އަދި ހުއިފިލަނޑާ ނަގާ ތަނެއް. އަދި އާމްދަނީގެ ގޮތުގައި ތިން ލައްކައެއްހާ ރުފިޔާ ރަށުގެ ރައްޔިތުން ހޯދާ މަހެއްގެ މައްޗަށް،" ޝުކޫރު ވިދާޅުވިއެވެ.

ޝުކޫރު ވިދާޅުވީ މި ފަޅަކީ ޓޫރިސްޓުން ކޯމަސް ބެލުމަށްވެސް އަންނަ ސަރަހައްދެއް ކަމަށެވެ. އަދި ފަޅުގެ ލޮނުގަނޑުގެ ސާފުކަމާއި މޫދު އަޑީގައި ކޯމަސް އުޅޭ މަންޒަރު ބެލުމަށް ގިނަ އަދަދެއްގެ ފަތުރުވެރިން ރަށަށް އަންނަ ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ އެ ރަށުގެ ފަޅަކީ ބައިނަލްއަގްވާމީ ގޮތުން ހިމާޔަތް ދެވިފައިވާ ފަޅެއްކަމަށެވެ.

"އަޅުގަނޑުމެން ނަރުދަމާގެ ހޮޅި ފަޅު ތެރެއިން ބޭރަށް ގެންދަންވެސް އެންވަޔަރަންމެންޓް މިނިސްޓްރީއިން ހުއްދައެއް ނުދޭ. އެހެންވީމާ އަޅުގަނޑުގެ ކަންބޮޑުވުން އެބައޮތް އެވަރުގެ ތަނެއް ހިއްކާލާއިރު ބޮޑު އިމްޕެކްޓެއް ނުކުރާނެބާއޭ،" ޝުކޫރު ވިދާޅުވިއެވެ.

ރިސޯޓެއް ތަރައްގީ ކުރަން ވިލާ ޝިޕިން އެންޑް ޓްރޭޑިންއަށް ކުއްޔަށް ދޫކޮށްފައި އޮތް ތ. އެލާ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން އަތުލުމުން އެ ރަށުގެ ބަދަލުގައި އދ. ފެންފުށީ ފަޅު ދިނުމަށް ވިލާ ގްރޫޕްގެ ޗެއާމަން އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވަނީ އެދިވަޑައިގެންފައެވެ.

"ސަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ތ. އެލާގެ ބަދަލުގައި ފެންފުށީ ފަޅު ދިނުމަށް އެދި ވިލާ ކުންފުނީގެ ފަރާތުން ގާސިމް ވަނީ ޓޫރިޒަމް މިނިސްޓްރީއަށް ސިޓީއެއް ފޮނުއްވާފައެވެ. އެއީ އެލާގެ ބަދަލުގައި އެ ކުންފުނިން ރިޒޯޓު ހަދަން ބޭނުންވާ އެހެން ރަށްތަކުގެ ލިސްޓެއް ފޮނުވަން އެ މިނިސްޓްރީން އެދިފައި ވުމުންނެވެ.

މީގެ ކުރިން ގާސިމް ވަނީ ތ. ކަނިމީދޫ ނުވަތަ އެ އަތޮޅުގެ ކަޅުފަހަލަފުށި ދިނުމަށްވެސް އެދިވަޑައިގެންފައެވެ. ނަމަވެސް އެ ރަށްތައް ލިބޭ ގޮތެއް ނުވިއެވެ.

އެެހެންކަމުން އެންމެ ފަހުން ގާސިމް ފޮނުއްވި ސިޓީގައި ޓޫރިޒަމް މިނިސްޓްރީއަށް ހުށަހަޅާފައި ވަނީ، އދ. ފެންފުށީގެ ހުޅަނގު އުތުރުގައި އޮންނަ ފަޅު ހިއްކައިގެން ރިސޯޓު ތަރައްގީ ކުރަން ދިނުމަށެވެ.

ފެންފުށި ފަޅު ދިނުމަށް ގާސިމް އެދިލައްވާފައިވާއިރު ފެންފުއްޓާއި ޖެހިގެން ވިލާ ގުރޫޕުގެ އެންމެ ބޮޑު އެއް ރިސޯޓުކަމުގައިވާ ސަން އައިލެންޑް ރިސޯޓް އޮވެއެވެ. އެ ރިސޯޓުގައި ގިނަ އަދަދެއްގެ ފެންފުށި ރައްޔިތުން މަސައްކަތްވެސް ކުރެއެވެ. ފެންފުއްޓާއި ޖެހިގެން ދެން ހުޅަނގަށް އޮންނަ ރަށްކަމަށްވާ ބޮޑުފިނޮޅުގައިވެސް މިހާރު އެހެން ކުންފުންޏަކުން ދަނީ ރިސޯޓެއް ތަރައްގީކުރަމުންނެވެ.

comment ކޮމެންޓް