ރިސޯޓު މުވައްޒަފުންގެ 93 ޕަސެންޓު ވެކްސިން ފުރިހަމަކޮށްފި

މާޗް 29، 2021: ފަތުރުވެރިން ރާއްޖެ އައުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ 93 ޕަސެންޓު މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މިހާރު ދެވިފައިވާ ލުއިތަކާއެކު އިގްތިސާދީ ހަރަކާތްތައް ފެށިގެން ދިޔަ ދިޔުން އެގޮތުގައި ދެމެހެއްޓޭނީ ހުރިހާ ރައްޔިތުން ގުޅިގެން ވެކްސިން ޖަހައިގެން ކަަމަށެވެ.

"މިއަދުގެ ނިޔަލަށް މުޅި އާބާދީގެ 80 ޕަސެންޓު މިވަނީ ފުރަތަމަ ޑޯޒް ވެކްސިން ޖަހާ ނިންމާފަ. އަދި ދެވަނަ ޑޯޒް 69 ޕަސެންޓު ވެކްސިން ޖަހައިފި" ރައީސް ސޯލިހު ވިދާޅުވިއެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާ އަނބުރާ އިޔާދަކުރުމަށް ކުރި މަސައްކަތުގެ ނަތީޖާ މިހާރު ފެންނަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

"އެ ދާއިރާގައި [ފަތުރުވެރިކަމުގެ ދާއިރާގައި] މަސައްކަތް ކުރާ މީހުންގެ ތެރެއިން 93 ޕަސެންޓު މީހުން މިހާރު ވަނީ ވެކްސިން ޖަހާފަ. ބޯޑާ ކޮންޓްރޯލްގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން މިހާރު ވަނީ ވެކްސިން ޖަހާ ނިންމާފަ،" ރައީސް ސޯލިހު ވިދާޅުވިއެވެ.

މާލެއިން އެކަނިވެސް ވެކްސިން ޖަހާ އާބާދީ ކަމުގައިވާ އެއްލައްކަ އަށްޑިހަ އެއްހާސް މީހުންގެ ތެރެއިން 82 ޕަސެންޓު މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަަމަށާއި، 70 ޕަސެންޓު ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

އަމާޒަކީ ރާއްޖެއަކީ 12 އަހަރުން މަތީގެ ހުރިހާ އެންމެން ވެކްސިން ޖަހާފައިވާ އާބާދީއެއް ދިރިއުޅޭ ގައުމަކަށް ހެދުން ކަން ފާހަގަކުރައްވައި، ހުރިހާ ރައްޔިތުންވެސް ވީހާވެސް އަވަހަކަށް ވެކްސިން ޖެހުމަށް ރައީސްގެ ވާހަކަފުޅުގައި ވަނީ އިލްތިމާސް ކުރައްވާފައެވެ.

comment ކޮމެންޓް