ނ. ހެނބަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމައިފިއެވެ.
މި މަޝްރޫގެ ދަށުން، އެމްޓީސީސީ އިން ވަނީ އެ ސަރަހައްދު ކޮނުމަށްފަހު ބިންގަނޑު އެއްވަރުކުރުމުގެ މަސައްކަތް ކޮށްފައެވެ. މިކަމަށް 5،000 ކިއުބިކް މީޓަރުގެ ވެލި ވަނީ ބޭނުންކޮށްފައެވެ.
މީގެ އިތުރުން 25 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި، 235 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތްވެސް މި މަޝްރޫގެ ދަށުން ވަނީ ކޮށްފައެވެ.
އަދި 235 މީޓަރުގެ ސަރަހައްދެއްގައި ޖިއޯޓެކްސްޓައިލްވެސް ވަނީ ޖަހާފައެވެ. މި މަޝްރޫގެ ދަށުން އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އެޕްރީލް މަހުގެ ހަތް ވަނަ ދުވަހެވެ.
މި މަޝްރޫއަކީ ޖުމްލަ ފަސް މިލިއަން ރުފިޔާއަށް އެމްޓީސީސީ އާ ހަވާލުކޮށްގެން ހިންގާފައިވާ މަޝްރޫއެކެވެ.