ތުރާކުނު ކައުންސިލް ދެ މެމްބަރުން ޕީޕީއެމްއަށް ސޮއިކޮށްފި

ހއ.ތުރާކުނު ކައުންސިލްގެ ދެ މެންބަރުން ޕީޕީއެމް އަށް ސޮއިކޮށް ފޯމު ހަވާލުކުރަނީ---

ހއ. ތުރާކުނު ކައުންސިލްގެ ދެ މެންބަރަކު އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ސޮއިކޮށްފިއެވެ. ޕީޕީއެމްއާ ގުޅުނު ދެ މެމްބަރުންނަކީ ތޯހާ އަލީ އާއި ހުސްނާ އިބްރާހިމްއެވެ.

އެ ދެ މެންބަރުންނަކީވެސް ކުރިން އެއްވެސް ޕާޓީއަކަށް ނިސްބަތްވާ މެމްބަރުނެއް ނޫނެވެ. ތުރާކުނު ކައުންސިލްގެ ދެ މެންބަރުން މިއަދު ޕީޕީއެމް އަށް ސޮއިކޮށްފައިވަނީ "މަވެސް ޕީޕީއެމް" ގެ ނަމުގައި އެ ޕާޓީއަށް މެންބަރުން އިތުރުކުރުމަށް ހިންގާ ކެމްޕޭނުގައި އަތޮޅުތެރެއަށް ކުރަމުންދާ ދަތުރުތަކުގެ ތެރެއިންނެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރުން އަހުމަދު ޝިޔާމް "ސަން" އަށް ވިދާޅުވީ ޕީޕީއެމް ލީޑާޝިޕްގެ ބޭފުޅުން ހއ. އަތޮޅުގެ ރަށްތަކާއި ކ. އަތޮޅުގެ ރަށްތަކުގައި މިވަގުތު ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އަދި ކުރިއަށް އޮތް ދުވަސްތަކުގައި ގއ. އަދި ގދ. ގެ އިތުރުން އައްޑޫ އަދި ފުވައްމުލަކުގައި "މަވެސް ޕީޕީއެމް" ކެމްޕެއިން ކުރިއަށް ގެންދާނެ ކަަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ޕީޕީއެމްއަށް މެންބަރުން އިތުރުކުރުމަށް ހިންގާ ކެމްޕޭނުގެ ތެރެއިން މިދިޔަ އެއް މަހުގެ ތެރޭގައި މާލޭ ސަރަހައްދުން 6،000 ފޯމު ފުރާފައިވާ ކަމަށާއި، މިހާރު އޭގެ ތެރެއިން 3،000 ފޯމު ޕީޕީއެމްގެ ދަފްތަރުގައި ހިމެނުމަށް އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައިވާ ކަމަށެވެ.

އޭގެ އިތުރުން އަތޮޅުތެރެއަށް ކުރަމުންދާ ދަތުރުތަކުގެ ތެރެއިން މިހާތަނަށް 1،500 ޕާޓީ ފޯމު ފުރާފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. ކޮވިޑުގެ ސަބަބުން ކެމްޕޭނު މަޑުޖައްސާލުމަށްފަހު އަލުން ޕީޕީއެމް ޕީއެންސީ ކޯލިޝަނަށް 10،000 މެމްބަރުން އިތުރުކުރުމުގެ ހަރަކާތެއް އެ ޕާޓީއިން ފަށާފައިވަނީ މިދިޔަ ޖުލައި މަހުއެވެ.

comment ކޮމެންޓް