ރިލްވާންގެ މައްސަލައިގައި ކުރީގެ ސީޕީ ހުސައިން ވަހީދު މަރު ކޮމިޝަނަށް ހާޒިރުކޮށްފި

ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ ގެއްލުވާލި މައްސަލައާ ގުޅިގެން ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނަށް ހާޒިރުކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި ހުސައިން ވަހީދު އެ ކޮމިޝަނަށް ހާޒިރުކުރީ ރިލްވާން ގެއްލުވާލި މައްސަލައިގެ ތަހުގީގަށް ހުރަސްއެޅިކަމުގެ ތުހުމަތުގައެވެ.

ހުސައިން ވަހީދު އެ ކޮމިޝަނަށް ހާޒިރުކޮށްފައި ވަނީ މިދިޔަ މަހުގެ ތެރޭގައި ތަފާތު އެކި ދުވަހުއެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުލިބެއެވެ.

މިކަމާ ގުޅޭގޮތުން ސުވާލުކުރުމުން މަރު ކޮމިޝަންގެ މެމްބަރު މިސްބާހު އައްބާސް "ސަން"އަށް ވިދާޅުވީ އެ ކޮމިޝަނަށް ހާޒިރުކުރާ މީހުންގެ މައުލޫމާތު ހާމަނުކުރާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން ހުސައިން ވަހީދަށް ގުޅުމުން އޭނާ ފޯނު ނުނަންގަވާތީ އޭނާގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.

ރިލްވާން ގެއްލުވާލި މައްސަލައާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުވެސް މިދިޔަ ހަފުތާގެ ތެރޭގައި މަރު ކޮމިޝަނަށް ވަނީ ހާޒިރުކޮށްފައެވެ.

ރައީސް ޔާމީނަށް ވެސް ކުރާ ތުހުމަތަކީ ތަހުގީގަށް ހުރަސް އެޅުމުގެ ތުހުމަތެވެ. ކޮމިޝަނުން ސުވާލުކުރުމުން އެމަނިކުފާނު ވަނީ ގާނޫނު އަސާސީން ލިބިދޭ ހަނު ހުރުމުގެ ހައްގުގެ ބޭނުން އިޚްތިޔާރު ކުރައްވާފައެވެ.

comment ކޮމެންޓް