އޭޝިއާގެ ގައުމުތަކުގައި ކޮވިޑްގެ ހާލަތު ވަރަށް ގޯސްވެއްޖެ

ކޮވިޑްގައި މަރުވި މީހެއްގެ ޖަނާޒާ މެލޭޝިޔާގައި ކުރިއަށްދަނީ ---

ބެންކޮކް (އޮގަސްޓް 07): މެލޭޝިޔާ، އިންޑޮނީޝިޔާ އަދި ތައިލެންޑްގައި ކޮވިޑް-19 ގެ ކޭސްތައް އާދަޔާ ޚިލާފަށް ގިނަވެ އެބަލީގައި މަރުވާ މީހުންގެ އަދަދު ގިނަވެ އާންމުންގެ ތެރޭގައި ބިރުވެރިކަން އުފެދެމުންދާތީ ކޮވިޑް ކޮންޓްރޯލް ކުރުމުގައި ސަރުކާރު ނާކާމިޔާބުވި ކަމަށް ބުނެ އެތިން ގައުމުގެ އެތައް ހާސްބަޔަކު އެގައުމުގެ ސަރުކާރުތަކާ ދެކޮޅަށް އަޑުއުފުލައިފިއެވެ.

މެލޭޝިއާގައި މުޒާހަރާކުރި މީހުން ބުނެފައިވަނީ ކޮވިޑްގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުން ދިޔުމާއި ވެކްސިން ޖަހަން ބޭނުންވާ މީހުންނަށް ވެކްސިން ނުލިބުމަކީ ސަރުކާރުގެ ނާކާމިޔާބުގެ ސަަބުން ކުރިމަތިވި މައްސަލައެކެވެ. އިންޑޮނޭޝިޔާ ގެ މުޒާހަރާވެރިން ބުނެފައިވަނީ ކޮވިޑްގެ ސަބަބުން މަރުވާމީހުންގެ އަދަދު ގިނަވެފައި އެބަލި ޖެހޭ މީހުންގެ އަދަދު އިތުރުވުމުން އާންމުންގެ ހިތްތަކަށް ބިރުވެރިކަންވަދެ ނަފްސާނީ މައްސަލަތަކުގެ ތެރެއަށް އާންމުން ޣަރަގު ވަމުންދާއިރުވެސް ސަރުކާރަށް ކުރެވޭ މާބޮޑު ކަމެއްނެތް ކަމުގައެވެ.

ހާލަތު ގޯސްވީ ޑެލްޓާ ވޭރިއަންޓްގެ ސަބަބުން

ތައިލެންޑްގެ މުޒާހަރާވެރިން ބުނެފައިވަނީ ކުރިން އެގައުމުގައި ކޮވިޑް ކޮންޓްރޯލް ކޮށްފައިވާއިރު މިހާރު ހާލަތު ގޯސްވާން ދިމާވި ޑެލްޓާ ވޭރިއަންޓްގެ މައްސަލައިގެ ޒިންމާ ސަރުކާރުން އުފުލަންޖެހޭނެކަމުގައެވެ. ބެންކޮކްގެ މަގުތަކުންވެސް ވަނީ ކޮވިޑް ޖެހިގެން މަގުމައްޗަށް ވެއްޓި މަރުވެފައިވާ ބައެއްގެ ހަށިތަކެއް ފެނިފައެވެ. މިއާއެކު އާންމުންގެ ހިތްތަކަށްވަނީ ބިރުވެރިކަން ވަދެފައެވެ. މިގޮތުން ބެންކޮކްގެ އާންމުންވަނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ތިންގައުމުގެ ސަރުކާރުތަކުންވެސް ވަނީ ވަރަށް އަވަހަށް މުޒާހަރާތައް ރޫޅާލާފައެވެ.

މައްސަލައަކީ ވެކްސިން ޖެހުމުގެ ކަންތައްވެސް އަވަސް ގޮތެއްގައި ކުރިއަށް ނުދިއުން

ދެކުނު އިރުމަތީ އޭޝިޔާގެ ގައުމުތަކާއި ޖަޕާނާއި ޗައިނާފަދަ އިރުމަތީ އޭޝިއާގެ ގައުމުތަކުގައި ކޮވިޑްގެ ޑެލްޓާ ވޭރިއަންޓް (އިންޑިއާއިން ފެނުނު ވޭރިއަންޓް) ފެތުރުމުގެ ސަބަބުން އެގައުމުތަކުގެ ހާލަތުވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ހާލަތު އިތުރަށް ގޯސްވަމުންދަނީ ޗައިނާ ފިޔަވައި އެސަރަހައްދުގެ އެހެން ގައުމުތަކުގައި ކޮވިޑް އާ ދެކޮޅަށް ބޭނުންކުރާ ވެކްސިން ޖެހުމުގެ ކަންތައްވެސް އަވަސް ގޮތެއްގައި ކުރިއަށް ނުދާތީއެވެ.

ޗައިނާއަކީ ދުނިޔޭގެ ފެންވަރަށް ބެލިނަމަވެސް ކޮވިޑް ވެކްސިން އެންމެ ހަލުއިކަމާއެކު ރައްޔިތުންނަށް ދެމުން ގެންދާ ގައުމެވެ. ނަމަވެސް މެލޭޝިޔާ، އިންޑޮނީޝިޔާ، ތައިލެންޑް އަދި ވިއެޓްނާމްގައި ވެކްސިން ދިނުމުގެ ކަންތައް އެކަށީގެންވާ ގޮތެއްގައި ކުރިއަކަށް ނުދެއެވެ.

ވެކްސިން ޖެހުމުން ކޮވިޑްގެ ޑެލްޓާ ވޭރިއަންޓްގެ ނުރައްކާވެސް ކުޑަވޭ

ވެކްސިން ޖެހުމުން ކޮވިޑްގެ ޑެލްޓާ ވޭރިއަންޓްގެ ނުރައްކާވެސް ކުޑަވެއެވެ. ނަމަވެސް އެމެރިކާއާއި އިނގިރޭސިވިލާތުގައި ކޮވިޑް ވެކްސިންގެ ދެ ޑޯޒް ޖަހައި ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންގެ ތެރެއިންވެސް ކޮވިޑްގެ ޑެލްޓާ ވޭރިއެންޓަށް ޕޮޒިޓިވްވާ މީހުން ދަނީ ފެންނަމުންނެވެ. މިކަމާގުޅިގެން އެދެގައުމުގެ ސިއްހަތާބެހޭ ތަޖްރިބަކާރުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ނަމަވެސް ތަފާސްހިސާބުތައް ދައްކާގޮތުން ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް ޑެލްޓާ ވޭރިއެންޓްގެ ނުރައްކާ ވެކްސިން ނުޖަހާ މީހުންނާ އަޅާބަލާއިރު ވަރަށް ކުޑައެވެ. ޑެލްޓާ ވޭރިއެންޓް ޖެހުނަސް ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާމީހުން އެބަލީގައި މަރުވުމުގެ ފުރުސަތު ވަރަށް ކުޑަކަންވަނީ ހާމަވެފައެވެ. އަދި ވެކްސިން ޖަހާފައިވާނަމަ ކޮވިޑުން ލިބޭ ވޭންތައްވެސް ވަރަށް ކުޑަކަމަށް ވެއެވެ.

comment ކޮމެންޓް