ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ، މޫސުމަށް ސަމާލުވޭ: މެޓް އޮފީސް

މޫސުން، ފެރީ: ކުރިއަށް އޮތް 24 ގަޑިއިރު، ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލު ވުމަށް އިލްތިމާސް ކޮށްފި

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް, ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލު ވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ރާއްޖެ ހިމެނޭ ސަރަހައްދުގައި އުފެދިފައިވާ ލޯ ޕްރެޝާ ޓްރަފެއްގެ ސަބަބުން ކުރާ ވިއްސާރައެއް ކަމަށް މެޓް އޮފީހުން ބުންޏެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުގެ މީޓިއޮރޮލޮޖިސްޓް މުހައްމަދު ޝަހުދު "ސަން" އަށް ވިދާޅުވީ ކުރިއަށްއޮތް 24 އިރަށް ބަލާއިރު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް، އަދި ބައެއް ރަށްރަށް ގުގުރުންވެސް އެކަށީގެންވާ ކަމަށެވެ.

"ކުރިއަށް އޮތް ސައުވީސް ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވޭ. ބައެއް ރަށްރަށް ގުގުރުންވެސް އެކަށީގެންވޭ. ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް އިލްތިމާސްކުރަން،" ޝަހުދު ވިދާޅުވިއެވެ.

މުހައްމަދު ޝަހުދު ވިދާޅުވީ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ހުޅަނގު އުތުރުން ދެކުނުގެ އަތޮޅުތަކުގައި އިރުދެކުނާއި ދެކުނުން ގަޑިއަކު ފަސް މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލުގެ ބާރުމިނުގައި ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް ޝަހުދު ވިދާޅުވިއެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ވައިގަދަވުމުގެ ސަބަބުން މިއަދު ވަނީ ސަލާ ތައި ރެސްޓޯރެންޓް ތެރޭގައި ހުރި ގަހެއް މުލުން ލުހިގެން ވެއްޓި، ސައިކަލް ތަކަކަށްވެސް ގެއްލުންތަކެއްވެފައެވެ. މެޓް އޮފީހުން ވަނީ މިހާރުވެސް އުތުރާއި މެދުރާއްޖެތެރެއަށް މޫސުމާއި ގުޅިގެން ވައިޓް އެލާޓެއް ނެރެފައެވެ.

comment ކޮމެންޓް