އިމިގްރޭޝަންގެ ހުރިހާ ބޯޑާ އޮފިސަރުން ވެކްސިން ފުރިހަމަކޮށްފި

ޖުލައި 15، 2020: އިމިގްރޭޝަން ބޯޑާ އޮފިސަރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވްސް އިމިގްރޭޝަންގެ ހުރިހާ ބޯޑާ އޮފިސަރުން ވެކްސިންގެ ދެ ޑޯޒް ޖަހައި ވެކްސިން ފުރިހަމަކޮށްފިކަމަށް އިމިގްރޭޝަންއިން ބުނެފިއެވެ.

އިމިގްރޭޝަންގެ ސްޕޯކްސްޕާސަން ހަސަން ހަލީލް "ސަން" އަށް ވިދާޅުވީ އިމިގްރޭޝަންގެ ހުރިހާ ބޯޑާ އޮފިސަރުން މިހާރު ވެކްސިން ދެ ޑޯޒް ޖަހައިފިކަމަށެވެ.

"ހުރިހާ ބޯޑާ އޮފިސަރުންވެސް މިހާރު ދެ ޑޯޒް ޖަހައިފި. ވީއައިއޭގަ އުޅޭނެ 108 ވަރަކަށް ބޯޑާ އޮފިސަރުން. ޖުމްލަ 121 އުޅޭނެ،" ހަލީލް ވިދާޅުވިއެވެ.

ހަލީލް ވިދާޅުވީ ވެކްސިން ލިބެން ފެށި ފުރަތަމަ ދުވަހުން ފެށިގެންވެސް ހުރިހާ މުވައްޒަފުން ވެކްސިން ޖެހުމަށް ވަރަށް ބޮޑަށް ބާރު އެޅިކަމަށާއި މިހާރު ބޯޑާ އޮފިސަރުންގެ އެބައި ނިމުނީ ކަމަށެވެ.

ހަލީލް ވިދާޅުވީ އެހާ ބޮޑަށް މުވައްޒަފުންނަށް ބާރު އަޅަމުން ދިޔައީ އޭގެ ސަބަބުން މުވައްޒަފުންނަށްވެސް ފައިދާ ލިބުމާއެކު މުވައްޒަފުން ވެކްސިން ޖަހާފައި ތިބުމުން ފަތުރުވެރިންނަށްވެސް ރައްކާތެރިކަން އިހުސާސްކުރެވޭނެތީކަމަށެވެ.

"އަޅުގަނޑުމެންގެ އޮފިސަރުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުވެގެން ދާނެ. އޭގެ އިތުރުން އަންނަ ފަތުރުވެރިންވެސް ރައްކާތެރިވާނެ. އަންނަ ފަތުރުވެރިންނަށް އަޅުގަނޑުމެންގެ އޮފިސަރުންގެ ފަރާތުން ސްޕްރެޑް ވުމުގެ ފުރުސަތު ކުޑަވާނެ" ހަލީލް ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ހަލީލް ވިދާޅުވީ އިމިގްރޭޝަންގެ ބޯޑާ އޮފިސަރުންގެ އިތުރުން މުޅި އިމިގްރޭޝަންގެވެސް ވެކްސިން ދެ ޑޯޒް ފުރިހަމަ ނުކޮށް ތިބޭނީ ވަރަށް މަދު ބައެއް ކަމަށެވެ.

comment ކޮމެންޓް