100 މިލިއަން ޕައުންޑުގެ ފީއަކަށް ގްރިލިޝް މެންޗެސްޓާ ސިޓީއަށް

ގްރިލިޝް ވިލާއަށް ގޯލެއް ޖެހުމަށްފަހު އުފާ ފާޅޫ ކުރަނީ--- ފޮޓޯ: ދިއެޓްލެޓިކް

އެސްޓަން ވިލާގެ ކެޕްޓަން އަދި އިނގިރޭސި ގައުމީ ޓީމުގެ މިޑްފިލްޑަރު ޖެކް ގްރިލިޝް ޕްރިމިއާ ލީގު ޓްރާންސްފާ ރެކޯޑް މުގުރާލުމަށްފަހު މެންޗެސްޓާ ސިޓީއަށް ބަދަލުވާން އެއްބަސްވެއްޖެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ގްރiލިޝްގެ ކޮންޓްރެކްޓުގައި ވާ 100 މިލިއަން ޕައުންޑުގެ ރިލީސް ކްލޯސް ދައްކަން ސިޓީއިން ވަނީ މިދިޔަ ހުކުރު ދުވަހު ހުށައަޅާފައެވެ.

އުމުރުން 25 އަހަރުގެ ގްރިލިޝް ވަނީ 19 އަހަރު އެސްޓަން ވިލީގައި ހޭދަކޮށްފައެވެ. ކުޑައިރުން ފެށިގެން އޭނާ ސަޕޯޓް ކުރާ ކްލަބަކީ އެސްޓަން ވިލާއެވެ. އޭނާއަކީ ވިލާގެ އެކަޑެމީގެ އުފެއްދުމެކެވެ.

ގިނަ ރިޕޯޓްތަށް ބުނާ ގޮތުގައި ވިލާ ދޫކޮށްލަން ނިންމުން އެއީ ގްރިލިޝްއަށް އުނދަގޫ ނިންމުމެކެވެ. އޭނާ ވިލާ ދޫކޮށްލަން ބޭނުންވާ އެންމެ ބޮޑު ސަބަބަކީ ޕްރިމިއާ ލީގު ކާމިޔާބުކުރުމަށެވެ.

މެންޗެސްޓާ ސިޓީއިން ރަސްމީކޮށް ގްރިލިޝްގެ ޓްރާންސްފާ އިއުލާން ކުރުމާއެކު އިނގިރޭސި ރެކޯޑް ޓްރާންސްފާއާށް އޭނާ ވެގެންދާނެއެވެ.

މިހާރު ޕްރިމިއާ ލީގު ޓްރާންސްފާ ރެކޯޑް އޮތީ މެންޗެސްޓާ ޔުނައިޓެޑުގެ ޕޯލް ޕޮގްބާ އަތުގައެވެ. 2016 ވަނަ އަހަރު ޔުނައިޓެޑުން ޕޮގްބާ ގަތީ 89 މިލިއަން ޕައުންޑުގެ ފީއެއް އިޓަލީގެ ޔުވެންޓަސްއަށް ދެއްކުމަށްފަހުގައެވެ.

ގްރީލިޝް ވިއްކާލައިގެން ލިބޭ ފައިސާއިން ވިލާއިން އަންނަނީ ނޯވިޗްގެ ޒުވާން މިޑްފިލްޑަރު ޓޮޑް ކެންޓްވެލް ގަތުމަށް ތައްޔާރު ވަމުންނެވެ.

ލީގު ފަށަން ދެ ހަފްތާއަށް ވެފައިވާއިރު ނޯވިޗްއިން މިހާރު ވެސް ވަނީ އެޓީމުގެ އެމީ ބުންޑިއާ ވިލާއަށް ވިއްކާލާފައެވެ. ކެންޓްވެލްގެ ކޮންޓްރެކްޓުގައި ބާކީ އޮތީ އެންމެ އަހަރެކެވެ. އެހެންކަމުން ވިލާއިން ރަނގަޅު ބިޑެއް ކޮށްފިނަމަ އޭނާ ވިއްކާލަން ނޯވިޗްއަށް މަޖުބޫރުވާނެއެވެ.

comment ކޮމެންޓް