ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ)އަށް ސޯޝަލް މީޑިއާ މެދުވެރިކޮށް މަރުގެ އިންޒާރުދިން ޓީޗަރު ވަޒީފާ އިން ވަކިކޮށްފިއެވެ.
އެ މައްސަލާގައި ވަޒީފާއިން ވަކިކޮށްފައި ވަނީ ނ. ކުޑަފަރީ ސޫކުލްގައި އިސްލާމް ޓިޗަރެއްގެ ވަޒީފާ އަދާ ކުރަމުންދިޔަ މުހައްމަދު އަޝްރަފެވެ.
މެމްބަރު ވައްޑެ މަރާލަންޖެހޭ ކަމަށް އަޝްރަފް ފޭސްބުކުގައި ބުނެފައި ވަނީ އެމްޑީޕީގެ ކެމްޕެއިން ޖަލްސާއެއްގައި ދެއްކެވި ވާހަކައަކާ ހިތްހަމަނުޖެހި ގެންނެވެ.
ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހް "ސަން"އަށް ވިދާޅުވީ އަޝްރަފް ވަޒީފާއިން ވަކިކޮށްފައި ވަނީ އިއްޔެ ކަމަށެވެ.
"މިހާރު ދެ ހަފްތާއެއްހާ ދުވަސް ވެއްޖެ ވަޒީފާއިން ވަކިކުރަން ނިންމާފައި އޮންނަތާ. އެކަމަކު އެކަން ތަންފީޒު އެ ކުރީ އިއްޔެ،" ނާސިހް ވިދާޅުވިއެވެ.