މުވައްޒަފަކު ޕޮޒިޓިވްވެ ހިޔާ އެއްބަސްވުމުގައި ސޮއިކުރުން މެދުކަނޑާލައިފި

ޖުލައި 14، 2021: ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް ދޭއްގައި އިމާރާތްކޮށްފައިވާ ފުލެޓުތަކަށް ހޮވިފައިވާ ފަރާތްތަކާއިއެކު އެއްބަސްވުމުގައި ސޮއިކުރުމާއި އެކު ފްލެޓްގެ ތަޅުދަނޑި ހަވާލުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހިޔާ ފްލެޓް އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތުގައި އުޅޭ އެޗްޑީސީގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެ އެއްބަސްވުމުގައި ސޮއިކުރުން ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

އެޗްޑީސީ އިން ބުނީ މިއަދު ހެނދުނު 10:00 އިން ފެށިގެން އެއްބަސްވުމުގައި ސޮއިކުރަން ތާވަލުކުރެވިފައިވާ ފަރާތްތައް ސޮއިކުރުން މިއަދު ކުރިއަށް ނުގެންދާނެކަމަށެވެ.

ހިޔާ ފްލެޓް އެއްބަސްވުމުގައި ސޮއިކުރަން ފަށާފައިވަނީ މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ. އެގޮތުން ކޮންމެ ދުވަހަކު ވެސް ސޮއިކުރުމަށް ހަމަޖެހިފައިވަނީ އެކި ޓަވަރުތަކަށް ބަހާލައިގެން ކަމަށް އެޗްޑީސީން ބުންޏެވެ.

އެ ކުންފުނިން ބުނީ ކޮންމެ ދުވަހަކުވެސް ސޮއި ކުރާނެ ޓަވަރުތަކުގެ މީހުންނަށް އެކަން އެނގޭނެހެން ޝެޑިއުލެއް އާންމުކޮށްފައިވާނެކަމަށެވެ.

ސޮއިކުރުމުގެ ކަންކަން ހުއްޓާލާފައިވާއިރު އަލުން މި މަސައްކަތް ފަށާނެ ދުވަހެއް އަދި އެ ކޯޕަރޭޝަނުން ހާމަކޮށްފައެއް ނުވެއެވެ. އަދި އަލުން މި މަސައްކަތް ފަށާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއެކު މަޝްވަރާކުރުމަށްފަހު ކަމަށްވެސް އެޗްޑީސީ އިން ބުންޏެވެ.

comment ކޮމެންޓް